ބޮލީވުޑްގެ މަޝްހޫރު ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައިގައި ކުރީގެ ކާސްޓުން ހިމެނޭނަމަ އެ ފިލްމުން ވަކިވާނެކަމަށް ފިލްމުގެ ލީޑް އެކްޓަރު ހަރްޝް ވަރުދަން ބުނެފިއެވެ.
ހަރްޝް މިގޮތަށް ނިންމާފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ފިލްމުގެ ބަތަލާގެ ރޯލްއިން ފެނުނު ޕާކިސްތާނުގެ ތަރި މާވްރާ ހޮސެއިން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމާ ގުޅިގެންނެވެ.
މާވްރާގެ މި ޕޯސްޓާ އެކު ފިލްމު "ސަނަމް ތޭރީ ކަސަމް 2"އިން ބަތަލާއަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އިންޑިއާގެ އާއްމުންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ހަރްޝް އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަމިއްލަ ޤައުމުގެ އިހުތިރާމް ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓު އަދި އޭގެ ކޮމެންޓްތައް ކިޔުމަށްފަހު "ސަނަމް ތޭރީ ކަސަމް 2"ގައި އެ ފިލްމުގެ ކުރީގެ ކާސްޓުން ހިމެނޭނަމަ ފިލްމުން އޭނާ ނިންމާނެ ކަމުގައެވެ.

ޕާކިސްތާނު ބަތަލާ މާވްރާ އިންޑިއާ-ޕާކިސްތާނު ހަމަލާތަކާ ގުޅިގެން ކޮށްފައިވާ ސޯޝަލްމީޑިއާ ޕޯސްޓުތައް--ފޮޓޯ/ޕިންކްވިލާ
އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި މާވްރާ ހޮސެއިންގެ ފަރާތުން ފެނުނު ޕޯސްޓާ ގުޅިގެން ހަރްޝް ބުނެފައި ވަނީ، ދުނިޔޭގެ ކޮންމެ ޤައުމަކަށް ނިސްބަތްވާ މީހަކަށް ވިޔަސް އެ މީހަކަށް އިންސާނެއްގެ ހައިސިއްޔަތުންނާއި އާޓިސްޓެއްގެ ހައިސިއްޔަތުން އޭނާ އިހުތިރާމްކުރާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އޭނާގެ ފޮލޯވާސް ގެއްލުމަކީ އޭނާއަށް މުހިއްމު ކަމެއް ނޫން ކަމަށާއި ނަމަވެސް އަމިއްލަ ޤައުމަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދައްކާ އެއްވެސް މީހަކު އޭނާ ބަލައިނުގަންނާނެ ކަމަށް ހަރްޝް ވަނީ ބުނެފައެވެ.
ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ޤައުމުގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އަދި ހައްގު އޮންނާނެ ކަމަށާއި ނަމަވެސް އެއީ އަނެއް ޤައުމަށް ބަދު ބަސް ބުނެ އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި ނަފުރަތު އުފެދުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުން ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް އިންޑިއާގެ އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައެއް ގެނެސްދޭނެކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި ފިލްމުން ހަރްޝްވަރުދަން ފެންނާނެކަން ކަށަވަރުވީ ނަމަވެސް ފިލްމުގައި ބަތަލާގެ ރޯލް ކުޅޭނީ ކޮން ތަރިއެއްކަން ހާމަކޮށްފައެއް ނުވެއެވެ.