ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވުމަށް އެދި ސިންގަޕޫރުގެ ސަރުކާރުން އިލްތިމާސްކޮށްފައިވާ ކަމަށް ބުނެ ޚަބަރު ފެތުރުނު ނަމަވެސް، އެ ގައުމުން މި ފަހުން އެފަދަ އިލްތިމާސެއް ނެރެފައިނުވާކަން ކަށަަވަރުކޮށްދީފައިވާ ކަމަށް ދިވެހި ފޮރިން މިނިސްޓްރީން މިރޭ ބުނެފިއެވެ.
ސޯޝަލް މީޑިއާގައިއާއި ބައެއް ދިވެހި މީޑިއާތަކުގައި ވެސް ވަނީ، ސިންގަޕޫރުން އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސެއް ނެރެފައިވާ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މުޒާހަރާއެއް ކުރިއަށްދާނަމަ އެފަދަ ތަންތަނަށް ނުދިޔުމަށް އެ ސާކިއުލާގައި އެދިފައިވާ ކަމަށް ޕޯސްޓުތަކުގައިވެއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޚަބަރުތައް ޝާއިއުކުރަމުންދާ ކަމަށެވެ. ނަމަވެސް ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސެއް ފަހުގެ ތާރީޚެއްގައި ސިންގަޕޫރު ސަރުކާރުން ނެރެފައިނުވާކަން އެ ސަރުކާރުން މިނިސްޓްރީއަށް ކަށަވަރުކޮށްދީފައިވާ ކަމަށް ބަޔާނުގައިވެއެވެެ.
"އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަން ފާހަގަކުރަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި އިގުތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މިހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައިވަނީ، އެ އިލްތިމާސް ގުޅިފައިވަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން ސިލްސިލާ މުޒާހަރާތަކާ ކަމަށެވެ. އެ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މީހުން ދަނީ ފުލުހުން ތަހުގީގަށް ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.