ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 63 ޕަސެންޓް ދަށްވެއްޖެއެވެ.
މި އަހަރުގެ ތެރޭގައި، މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ކޮށްފައިވާ ޚަރަދުތަކުގައި ތަފުސީލް ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން، މި މުއްދަތުގައި ދައުލަތަށް ވަނީ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 13.1 ބިލިއަން ރުފިޔާ ކަމަށްވާއިރު މިއީ 3.47 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ ބަޖެޓުގައި، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިހާރު ލިބިފައިވާ އަދަދަކީ އޭގެ 34 ޕަސެންޓެވެ.
މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 81.7 މިލިއަން ރުފިޔާ ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 219.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 62.8 ޕަސެންޓުގެ ދަށްވުމެކެވެ.
ސަރުކާރުން ބަޖެޓުގައި ލަފާކޮށްފައިވަނީ މި އަހަރު ހިލޭ އެހީގެ ގޮތުގައި 2.59 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ ހަތަރު މަހު ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އޭގެ 3.16 ޕަސެންޓެވެ.
މީގެ އިތުރުން ދައުލަތުގެ ޓެކްސް އާމްދަނީ ވެސް ވަނީ ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި 10.7 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބިފައިވަނީ 10.6 ބިލިއަން ރުފިޔާއެވެ. އެއީ 1.03 ޕަސެންޓުގެ ދަށްވުމެކެވެ.

ފަތުރުވެރިން ރާއްޖޭގައި: ފަތުރުވެރިކަމާ ގުޅުންހުރި ޓެކުހުގެ ބާވަތްތަކުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އެ ދަށްވުމުގެ މައިގަނޑު ސަބަބަކީ މި އަހަރަށް ދައްކަންޖެހޭ ބޭންކް ޕްރޮފިޓް ޓެކްސްގެ ބައެއް ނިމިދިޔަ އަހަރު އެޑްވާންސްކޮށް ބައެއް ބޭންކުތަކުން ދައްކާފައިވުމެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާއި، ޓެކްސް ރޭޓްތަކަށް ސަރުކާރުން ގެނައި ބަދަލުތަކާއެކު، އެ ސިނާއަތާ ގުޅުންހުރި ޓެކުހުގެ ބާވަތްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން:
- ގްރީން ޓެކުހުގެ އާމްދަނީ 422.1 މިލިއަނުން 733 މިލިއަނަށް އިތުރުވެފައިވޭ، އެއީ 73.7 ޕަސެންޓުގެ ކުރިއެރުމެއް
- ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 408.1 މިލިއަނުން، 538.2 މިލިއަނަށް ވަނީ އިތުރުވެފައި، އެއީ 31.9 ޕަސެންޓުގެ ކުރިއެރުމެއް
- ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ)ގެ ގޮތުގައި ލިބުނު އަދަދު 4.28 ބިލިއަނުން 4.5 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، އެއި 5.3 ޕަސެންޓުގެ އިތުރުވުމެއް
ޓެކުހުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ 32.3 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 2.18 ބިލިއަން ރުފިޔާ ކަމަށްވާއިރު މި އަހަރޔ 2.89 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެ އާމްދަނީގެ 20.1 އިންސައްތަ ހިއްސާކުރަނީ ރިސޯޓް ބިމު ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ކަމަށްވާއިރު އެ އަދަދު 582 މިލިއަނަށް އަރައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 545 މިލިއަން ރުފިޔާގައެވެ.
ދައުލަތުގެ ޚަރަދަށް ބަލާއިރު، ޖުމްލަ ޚަރަދު އަރައިފައިވަނީ 12 ބިލިއަން ރުފިޔާއަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 15.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީ 21.3 ޕަސެންޓުގެ ދަށްވުމެކެވެ. އޭގެ މައިގަނޑު ސަބަބަކީ މަޝްރޫއުތައް މަޑުޖައްސާލައިފައިވުން ކަމަށްވާއިރު, ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދަ އަދިވެސް ވަނީ އިތުރެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ އަހަރާ އަޅައިބަލާއިރު މުވައްޒަފުންނަށް ކުރި ހޭދަ މި އަހަރު 7.5 ޕަސެންޓް އިތުރުވެފައިވާއިރު، އޭގެ ސަބަބަކީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިން މުސާރަ ބޮޑުކޮށްފައިވުމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިލޭ އެހީއަށް 1.47 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތް ނަމަވެސް އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށްވާ ފައިސާ ވެސް ނުލިބެއެވެ. އެގޮތުން މިދިޔަ އަހަރު ހިލޭ އެހީއަށް ލިބިފައިވަނީ 660 މިލިއަން ރުފިޔާއެވެ. އެއާ އަޅައިބަލާއިރު، އޭގެ ކުރީ އަހަރު ކަމަށްވާ 2023ގައި ހިލޭ އެހީއަށް 1.02 ބިލިއަން ރުފިޔާ ރާއްޖެއަށް ލިބުނެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، އާމްދަނީ ނާޒުކު ދާއިރާތަކަށް ބަރޯސާވެފައިވުމުން މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށް، އިގުތިސާދު ސިންދަފާތު ކުރުމަށާއި ޚަރަދު ކުޑަ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅައިފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ލޯނާއި ހިލޭ އެހީ ދޭ ގައުމުތަކުގެ ތެރޭގައި ޗައިނާއާއި އިންޑިއާ ހިމެނެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރާނެ ކަމުގެ ރިޔާސީ ވައުދާއެކު އައި މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އިންޑިއާއާ ވަރަށް ބޮޑަށް ގުޅުން ގޯސްވެ، އެ ގައުމުގެ ފަތުރުވެރިން އައި އަދަދު ވެސް ދަށްވިއެވެ.
އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސް ނެންގެވުމާއެކު އިންޑިއާއާ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައި، ދެ ގައުމުގެ ގުޅުން މިހާރު ހަމައަކަށް އެޅިފައިވާ ކަމަށް ދެ ސަރުކާރުން ބުނެއެވެ.