ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލައިގައި ބަޔާންދިން ހަނީފު ސަރުކާރު ކުންފުންޏެއްގެ އިސް މަގާމަކަށް

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން, ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބަޔާން ދިން ހައި ކޯޓުގެ, އެސިސްޓެންޓް ރަޖިސްޓްރާ އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފަށް ސަރުކާރުގެ ކުންފުންޏަކުން އިސް މަގާމެއް ދީފިއެވެ.

"ސަން" އަށް ދެތިން މަސްދަރަކުން ޔަގީން ވެފައިވާ ގޮތުގައި ހަނީފް މިހާރު ވަނީ ހައި ކޯޓުގައި އޭނާ އަހަރުތަކެއް ވަންދެން ހުރި ވަޒީފާއިން އިސްތިއުފާ ދިނުމަށް ނޯޓިސް ފޮނުވާފައެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވަނީ މިމަހުގެ 15 އަށްކަން ވަނީ އެނގިފައެވެ.

އެނގިފައިވާ ގޮތުގައި ހަނީފު ދެން ވަޒީފާގެ ގޮތުން ގުޅެނީ, ސަރުކާރުތަކުން ގިނަ ބަޔަކަށް ވަޒީފާ ދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ލީގަލް އެފެއާޒް ޑިޕާޓްމެންޓްގެ އިސް މަގާމަކާއެވެ.

ހައި ކޯޓު ދޫކޮށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަނީފު ގުޅެން ނިންމިކަމުގެ މައުލޫމާތު ލިބުމުން އޭނާގެ ބަހެއް ހޯދާލުމަށް މި ނޫހުން މެސެޖެއް ކުރި ނަމަވެސް އަދި ޖަވާބެއް ނުދެއެވެ.

https://www.sun.mv/204919

ޙަނީފް, ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. އެ މަގާމަށް އައްޔަން ކުރުމާ ހަމައަށް އޭނާ ހުރީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރުކަމުގެ މަގާމުގައެވެ.

ހަނީފް, 2022 ވަނަ އަހަރު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލައެއް, ޖޭއެސްސީއިން މިއަހަރު ވަނީ ބަލަން ފަށައިފައެވެ. ފަހުން ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން, ސުއޫދު އެގޮތަށް ވާހަކަ ދެއްކެވި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލާގައި، މަހާޒާއި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއްގެ މައުލޫމާތު ހޯދަން ސުޕްރީމް ކޯޓުން ހައި ކޯޓުގައި އެދުމުން, އެކަން ނުކޮށް ލަސްވުމުގެ ސަބަބުން ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިސްތިއުނާފް ނިންމަން ދަތިވި މައްސަލައެއްގައެވެ.

އަދި އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުގެ ސެކްޝަނުން ވަނީ ހަނީފާއި ހައި ކޯޓުގެ ފަނޑިޔާރުންތަކެއް ސުޕްރީމް ކޯޓަށް އެއްބާރުލުން ނުދޭ މައްސަލައެއް ވެސް ޖޭއެސްސީއަށް ހުށަހަޅައިފައެވެ.

ނަމަވެސް ހަނީފު ބަޔާން ދިން މައްސަލަ, އެކަން ހިނގިތާ ތިން އަހަރެއްހާ ދުވަސް ފަހުން ބަލަން ޖޭއެސްސީއިން ނިންމިއިރު ފަނޑިޔާރު މަހާޒް ހުށަހެޅުއްވި މައްސަލަ ނުބަލަން ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ސަރުކާރުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވިއިރު އަނެއް ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ އާއި މަހާޒު ވަކި ކުރަން ޖޭއެސްސީއިން ނިންމައި ވަނީ މަޖިލީހަށް ފޮނުވާފައެވެ. ހަމަ ފޮނުވި ދުވަހު, ޕީއެންސީގެ ފުލް ކޮންޓްރޯލް އޮތް މަޖިލީހުން އެ މައްސަލަ އެޖެންޑާކޮށް ވަނީ ބަލަން ފަށައިފައެވެ.

ގާނޫނީ ދާއިރާގެ އިސް ބޭފުޅުން އަންނަނީ މި އަމަލަކީ ސީދާ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށް ސިފަ ކުރައްވަމުންނެވެ. އަދި ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރި މައްސަލައިގައި, ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.

comment ކޮމެންޓް