ހަނގުރާމަ މެދުކަނޑާލުމުގެ މަޝްވަރާތަކަށް ރަޝިއާއިން ޔޫކްރެއިނަށް ދައުވަތުދީފި

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން. ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ޕުޓިން ވަނީޔޫކްރެއިނަށް ދައުވަތު އަރުވާފަ. ފޮޓޯ/ރޮއިޓާސް

ތިރީސް ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ޔޫރަޕްގެ ލީޑަރުން ރަޝިއާއަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޔޫކްރެއިނަށް ދައުވަތުދީފިއެވެ.

މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރޭ ދަންވަރު ޓީވީން ދެއްކި ޕޫޓިންގެ ތަގުރީރެއްގައި ވިދާޅުވީ ރަޝިޔާއިން ކުރަން ރާވަނީ ދާއިމީ ސުލްހައަކަށް ދިއުމަށް އަމާޒުކޮށްގެން ސީރިއަސް މަޝްވަރާތަކެއް ކަމަށެވެ.

ޕޫޓިންގެ ބަޔާނުގައި ވިދާޅުވީ މަޝްވަރާތަކުގެ ސަބަބުން ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމަ ހުއްޓާލުމަކަށް އެއްބަސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޕޫޓިން އިތުރަށް ވިދާޅުވި ގޮތުގައި ހުށަހަޅާފައިވާ މަޝްވަރާތައް ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ތުރުކީވިލާތުގެ އިސްތަންބޫލްގައި ކުރިއަށްގެންދަންޖެހޭ ކަމަށާއި، އެކަމާ ގުޅޭ ތަފްސީލުތަކާ ބެހޭ ގޮތުން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ މިއަދު ވާހަކަ ދައްކަވާނެ ކަމަށެވެ.

ޕޫޓިންގެ އެ ދައުވަތާ ގުޅޭގޮތުން ޔޫކްރެއިނުން ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާއާއި ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު އެމަނުއެލް މެކްރޮން، ޖަރުމަނުވިލާތުގެ ބޮޑުވަޒީރު ފްޑްރިކް މާޒް އަދި ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކު ވަނީ ހޮނިހިރު ދުވަހު ޔޫކްރެއިނަށް ދަތުރުކުރައްވާފައެވެ.

ވަޔާ ކަނޑު އަދި އެއްގަމު މަގުން ރަޝިއާއިން ޔޫކްރެއިނަށް ދޭ ހަމަލާތައް ޝަރުތުތަކާ ނުލައި 30 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް ޕޫޓިން އެއްބަސްވެވަޑައިނުގެންފިނަމަ، ރަޝިއާގެ ހަކަތަ އާއި ބޭންކިން ދާއިރާއަށް އާ އަދި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ލީޑަރުން އިންޒާރު ދެއްވިއެވެ.

އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވެސް އެ ހުށަހެޅުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ލީޑަރުން ވިދާޅުވެފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމަށް ވިސްނުމުގެ ކުރިން ފުރަތަމަ ހުޅަނގުން ޔޫކްރޭނަށް ދޭ އަސްކަރީ އެހީ ހުއްޓުވަން ޖެހޭ ކަމަށް ރަޝިއާއިން މީގެކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް