ޕާކިސްތާނުން ކަޝްމީރު ކޮންޓްރޯލުކުރާ ސަރަހައްދަށް އިންޑިއާއިން ރޭ ދަންވަރު މިސައިލް ހަމަލާދީފިއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނީ, "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި ދިން އެ ހަމަލާތަކުގައި ކަޝްމީރުގެ ނުވަ ތަނަކަށް ހަމަލާދީފައިވާ ވާނެ ކަމަށެވެ.
އެ ހަމަލާގެ ރައްދުގައި ޕާކިސްތާނުން އިންޑިއާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ހަނގުރާމަ މަތީ މަތިންދާބޯޓުތައް ވައްޓާލާފައިވާނެ ކަމަށް ޕާކިސްތާނުން ބުނެއެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި މިދިޔަ މަހު ދިން ހަމަލާގައި އިންޑިއާ ބަޔަކު މަރުވުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނެވެ. ނަމަވެސް, ޕާކިސްތާނުން އެކަން ދޮގުކުރެއެވެ.
އިންޑިއާއިން މިސައިލް ހަމަލާދޭން ފެށީ ދެ ގައުމުގެ ދެމެދުގައި ކުދި ހަމަލާތައް ބޯޑަރު ހުރަސްކޮށް ދިނުމަށްފަހުއެވެ.
އިންޑިއާ ސަރުކާރުން މިއަދުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނީ, އިންޑިއާގެ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ ޕާކިސްތާނާއި ޕާކިސްތާނުން ހިފާފައިވާ ޖަމްމޫ އެންޑް ކަޝްމީރަށް ކަމަށެވެ. އެ ހަމަލާ ދީފައިވާނީ ޕާކިސްތާނުން ޓެރަރިސްޓް ހަމަލާތައް ރާވައި އަމާޒުކޮށްފައިވާ ތަނުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

ޕާކިސްތާނުގެ މުޒައްފަރުއާބާދަށް އިންޑިއާއިން ދިން ހަމަލާގައި ހަލާކުވެފައިވާ ތަނެއް. ފޮޓޯ/އޭޕީ
ޕާކިސްތާނުގެ އޮފިޝަލުން ބުނީ، އިންޑިއާގެ ހަމަލާތަކުގައި ގާތްގަޑަކަށް އަށް މީހުން މަރުވެ 35 އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށެވެ. މިސައިލްތައް ހަމަލާދީފައިވަނީ ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ތިން ސަރަހައްދަކަށާއި އެ ގައުމުގެ އިރުމަތީ ޕަންޖާބުގެ ސަރަހައްދުތަކަށް ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ. ހަމަލާދިން ތަންތަނުގެ ތެރޭގައި ދެ މިސްކިތެއް ވެސް ހިމެނެއެވެ.
އިންޑިއާގެ އެ ހަމަލާގެ ބަދަލުގައި އިންޑިއާގެ ފަސް މަތިންދާބޯޓަށް ބަޑިޖަހައި ވައްޓާލަފައިވާ ކަމަށާއި ގިނަ އަދަދެއްގެ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
"ޕާކިސްތާނުން ހިންގާ ކަޝްމީރާއި އިންޑިއާގެ ކަޝްމީރު ވަކިކުރާ ލައިން އޮފް ކޮންޓްރޯލްގައި މިހާރު ވަނީ ބޮޑެތި ހަމަލާތައް ދޭން ފަށާފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ހަމަލާތަކާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ދެ ފަރާތުން ވެސް ހަމަލާތައް ދިނުމުގައި ކޮންޓްރޯލު ކުރުމަށް ގޮވާލާފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ވަނީ އިންޑިއާއާއި ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ ލަފާދޭ ފަރާތްތަކާ ވާހަކަދައްކަވާފައެވެ. އޭނާ ވަނީ ހަނގުރާމައިގެ ހާލަތަށް ނުދިއުމަށް ދެ ގައުމަށް ވެސް ގޮވާލާފައި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރެއެވެ.