ރާއްޖެއާއި ތައިލެންޑާ ދެމެދު ވިޔަފާރިއާއި އިގުތިސާދީ ގުޅުން ވަރުގަދަކުރުމަށް 'ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން އިވެންޓް' ބާއްވައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި އެ ހަރަކާތް އިންތިޒާމު ކުރީ ތައިލެންޑުގެ ކޮމާސް މިނިސްޓްރީގެ އިންޓަނޭޝަނަލް ޓްރޭޑް ޕްރޮމޯޝަން ޑިޕާޓްމެންޓުގެ އިންޑިއާގެ އޮފީސް ކަމަށްވާ ތައި ޓްރޭޑް ސެންޓަރު، ޗެންނާއީންނެވެ.
އެ ހަރަކާތުގައި ތައިލެންޑުގެ 30އަށް ވުރެ ގިނަ ކުންފުންޏާއި، ދެ ގައުމުގެ ސަރުކާރު އޮފިޝަލުންނާއި ވިޔަފާރިތަކުގެ އިސް ވެރިން ބައިވެރިވެފައިވެއެވެ.
އެ ހަރަކާތުގައި، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓް ފުރުސަތުތައް އިތުރު ކުރުމަށާއި ކާބޯތަކެއްޗާއި ވެލްނެސްއާއި ގޭގައި ބޭނުންކުރާ ސާމާނު ފަދަ ތަކެއްޗާ ގުޅުންހުރި ވިޔަފާރިތަކުގައި ޕާޓްނާޝިޕްތައް އިތުރު ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
އެގޮތުން، ދެ ގައުމުގެ ކުންފުނިތަކުގެ މެދުގައި ވިޔަފާރީގެ ބައްދަލުވުންތައް ބާއްވައި، އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލައި، ޚިޔާލު ބަދަލުކޮށް، ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން އިވެންޓްގެ ތެރެއިން -- ސަން ފޮޓޯ/ މާނިއު މުޙައްމަދު
އެ ހަރަކާތުގައި ވާހަކަދައްކަވަމުން، ޗެންނާއީގައި ހުންނަ ތައި ޓްރޭޑް ސެންޓަރުގެ ޑިރެކްޓަރު ޗެކް ޖީނާފަން ވަނީ ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ތައިލޭންޑުން އިސްކަންދޭ މިންވަރު ފާހަގަކޮށްފައެވެ.
"މިއީ ދެ ގައުމުގެ އިގުތިސާދަށް ވެސް ދިގު މުއްދަތެއްގައި، ދެމެހެއްޓެނިވި ގޮތަކަށް ފައިދާ ކުރާނެ ޕާޓްނާޝިޕްތައް އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" އޭނާ ބުންޏެވެ.
މީގެ އިތުރުން، ތައިލެންޑަކީ މުހިންމު ވިޔަފާރީގެ ބައިވެރިއެއްގެ އިތުރުން، ވެލްނެސް ޓުއަރިޒަމާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ރަނގަޅު މިސާލެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް ޖީނާފަން ބުންޏެވެ. އަދި ދެ ގައުމުގެ ކުރިއެރުމަށް މަސައްކަތްކުރެވޭނެ އައު ގޮތްތަކެއް މި ހަރަކާތުގެ ޒަރިއްޔާއިން ހޯދުނު ކަމަށް ވެސް އޭނާ ބުންޏެވެ.