ބަންކަރިން ޚިދުމަތުން 157 މިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ: އިކޮނޮމިކް މިނިސްޓްރީ

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން: ބަންކަރިން ޚިދުމަތުން 157 މިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެކަމަށް ބުނެފި -- ސަން ފޮޓޯ/ މޫސާ ނަދީމް

ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 157 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ސަރުކާރުން ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19ގައެވެ.

އިކޮނޮމިކް މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، މިދިޔަ އަހަރު ބަންކަރިންގެ ޚިދުމަތް ފެށުމަށްފަހު ޑިސެމްބަރު މަހުގެ ނިޔަލަށް 44.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

މި އަހަރު، މިދިޔަ މަހުގެ ނިޔަލަށް ބަންކަރިންގެ ޚިދުމަތުން 112.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފެބްރުއަރީ، މާރިޗު އަދި އޭޕްރީލް މަހެވެ. މި ތިން މަހުވެސް 20 މިލިއަނަށްވުރެ އާމްދަނީ އިތުރު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ބަންކަރިންގެ ޚިދުމަތުން މިއަހަރު ލިބުނު އާމްދަނީ:

  • ޖެނުއަރީ: 10،008،987.54 ރުފިޔާ
  • ފެބްރުއަރީ: 21،943،908.40 ރުފިޔާ
  • މާރިޗު: 21،293،722.72 ރުފިޔާ
  • އޭޕްރީލް: 24،139،564.21 ރުފިޔާ
  • މެއި: 8،040،384.56 ރުފިޔާ
  • ޖޫން: 13،099،903.56 ރުފިޔާ
  • ޖުލައި: 13،603،460.78 ރުފިޔާ

ބަންކަރިންގެ ޚިދުމަތް ދިން ސަރަހައްދުތަކުން ލިބުނު އާމްދަނީ:

  • އިހަވަންދިއްޕޮޅު: 3،645,348.14 ރުފިޔާ
  • ކ. އަތޮޅު: 128،770،474.30 ރުފިޔާ
  • ނ. އަތޮޅު އަދި ވ. އަތޮޅު: 24،663،362.64 ރުފިޔާ

މިނިސްޓްރީގެ ތަފާސްހިސާބުތަކުން، ބަންކަރިންގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.

މި ތަފާސްހިސާބުތައް އިކޮނޮމިކް މިނިސްޓްރީ އަދި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ލިބޭތޯ 'ސަން'އިން މަސައްކަތްކުރުމުން، މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ އެސްޓީއޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. ބަންކަރިންގެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.

މި ޚިދުމަތް ފެށިއިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އަމާޒަކީ މަޑުމަޑުން މި ޚިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދުން ކަމަށެވެ.

ބަންކަރިންނަށް ޚާއްސަކޮށްފައި އޮތް، އިހަވަންދިއްޕޮޅު ސަރަހައްދު ހިއްކައި، ތެޔޮ ރައްކާ ކުރެވޭނެ އިންތިޒާމާ އެއްކޮށް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރު ވަނީ އޭރު ހާމަކުރައްވައިފައެވެ. އަދި ބަންކަރިންގެ ޚިދުމަތްތަކަށް ކަސްޓަމަރުން ހޯދުމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް ގާއިމްކޮށްފައިވެއެވެ.

އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން ފެށިއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަނީ ދެ ބޯޓެކެވެ. އެެއީ، 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރް ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ.

މި ދެ ބޯޓަކީ އެސްޓީއޯއާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ޚިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.

ލ. ފޮނަދޫގައި ބަނދަރާއެކު، ބަންކަރިންގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ އަށެއްގައި ވަނީ އިއުލާނު ވެސް ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރާ ބަންކަރިންގެ ޚިދުމަތް މިހާރު ދެނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އެއީ ބަންކަރިންގެ ޚިދުމަތް ދޭ ގޮތް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް