ޑެޕިއުޓީ މިނިސްޓަރު މުނާ އިސްތިއުފާ ދެއްވައިފި

ސަރުކާރުން ސިޔާމަށް އިހާނެތިވާތީ، އެމްޑީއޭއަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރު މުނާވަނީ މިއަދު އިސްތިއުފާ ދެއްވާފައި --

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވާ، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައިވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރާއި އޭގެ ފަހުން ވެސް އެ މަނިކުފާނަކީ ބަހާއި އަމަލާ ދިމާނުވާ، އަދި ކަންކަން ރައްޔިތުންނަށް އޮޅުވައިލެއްވުމުގެ އިތުރުން، އިންތިހާއަށް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން ސާބިތުވެފައިވާ ކަމަށެވެ.

އެ ސިޓީގައިވަނީ، ވަކިން ޚާއްސަކޮށް، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙަމްދު ސިޔާމު މުޙައްމަދާ މެދު މި ސަރުކާރުން އަމަލު ކުރަމުންދަނީ އިންތިހާއަށް އިހާނެތިކޮށް ކަމަށާއި، އެ ކަމާ އޭނާ ހިތާމަ ކުރައްވާ ކަމަށެވެ. އެ ގޮތުން ސަރުކާރުން ސިޔާމުގެ ވިޔަފާރިއަށް ދަތިކޮށް، މުދާތައް ފޭރި، އެ މަނިކުފާނުގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރަމުންދާތީ، އެއީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

"އެހެން ކަމުން އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ރައީސް އަދި އަޅުގަނޑު ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް އަނިޔާވެރިވާ ސަރުކާރެއްގެ ސިޔާސީ މަގާމެއްގައި ދެމިހުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ." މުނާގެ އިސްތިއުފާގެ ސިޓީގައިވެއެވެ.

އޭނާވަނީ މިއަދުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

މި ސަރުކާރުން ވެރިކަމަށް އައިއިރު، އެމްޑީއޭ އޮތީ ސަރުކާރު ކޯލިޝަންގައެވެ. އެހެން ނަމަވެސް މިހާރު އެ ޕާޓީ ސަރުކާރު ކޯލިޝަންގައި ނުހިމެނޭ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް