ކައުންސިލްތަކުން ދެކޮޅު ހަދަމުން ދަނިކޮށް، އިތުރު ބަދަލަކާ ނުލައި ލާމަރުކަޒީ ބިލު ކޮމިޓީން ފާސްކޮށްފި

މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: އިތުރު ބަދަލަކާ ނުލައި ލާމަރުކަޒީ ބިލު ކޮމިޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ބައެއް ކައުންސިލްތަކުން ބިލާ ދެކޮޅު ހަދަމުން ދަނިކޮށް، އިތުރު ބަދަލަކާ ނުލައި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.

ލާމަރުކަޒީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި، އެ އިސްލާހުތައް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.

އެ ކޮމިޓީގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ފިޔަވައި ދެން ތިބި ޕީއެންސީ މެންބަރުންގެ އަޣުލަބިއްޔަތުން އެ ބިލު ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

މި ބިލާ ދޭތެރޭ ވަރަށް ގިނަ ބަޔަކު، ވަކިން ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކަން އެހެން އޮއްވައި، ރޭ 18:00ގައި މަޖިލިސް އިދާރާއިން އެ ބިލަށް އާންމުންގެ ޚިޔާލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ ވެސް އެންމެ 19 ގަޑިއިރަށެވެ. އެކަމަށް 24 ގަޑިއިރު ވެސް ދީފައި ނުވެއެވެ. އެ ވަގުތު ހަމަވުމާއެކު މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިވަނީ އެ ބިލު ފާސްކޮށްފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ/ އެމްޑީޕީ

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ އެމްޑީޕީން އަބަދުވެސް ދިޔައީ ދެކޮޅު ހަދަމުންނެވެ. އަދި އެ ޕާޓީން ވެރިކަމުގައި އޮވެ، ފައްކާކުރި ލާމަރުކަޒީ ދާއިރާ މި ސަރުކާރުން ފުނޑާލަން އުޅުމުގެ ގޮތުގައި ސިފަކުރެއެވެ.

އެގޮތުން އެ އިސްލާހުތަކާއެކު، މާލީ މިނިވަންކަން ކައުންސިލްތަކަށް ގެއްލި، ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު 'ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ' ކަމަށެވެ.

އިސްލާހުގައިވާ ގޮތުންނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ރައީސް އޮފީސް

އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.

މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ. އެއީ:

  • ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
  • ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
  • ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން.

ވަކިން ޚާއްސަކޮށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މި ސަރުކާރުން އުފެއްދި ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެއްވެސް ބާރެއް، މި އިސްލާހުތަކުގައި ވެސް ނެތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ދެތިން ފަހަރު އިސްލާހު ވެސް ގެނެސްފައެވެ.

comment ކޮމެންޓް