މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް، ގަހުގެ 37 ޝިޕްމެންޓް ރާއްޖެ އެތެރެކޮށްފައި ވާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ވަނީ އަހަރުގެ މިހާތަނަށް ރާއްޖެ އެތެރެކޮށްފައިވާ ގަހުގެ ތަފާސްހިސާބު ހިއްސާކޮށްފައެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، 3،869،648 ގަސްގަހާގެއްސާއި، ގަހުގެ ބައިތައް ރާއްޖެ އެތެރެކޮށްފައި ވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެއީ 405 ޝިޕްމެންޓް ކަމަށްވާއިރު ގަވައިދުތަކާ ޚިލާފަށް 37 ޝިޕްމެންޓް ރާއްޖެއަށް އެތެރެކޮށްފައި ވާކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެއީ ޖުމްލަ 4732 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.
އެ ވުޒާރާއިން ވަނީ ގަވައިދާ ޚިލާފަށް އެތެރެކުރި ޝިޕްމެންޓްގެ ތެރެއިން ދެ ޝިޕްމެންޓަކުން ލިޔެކިޔުންތައް ހާމަކޮށްފަައި ވާކަމަށް ބުނެފައެވެ. އެއީ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.
ގަވައިދާ ޚިލާފަށް އެތެރެކުރި ތަކެތި ނައްތާލުމުގެ އުސޫލުގެ ތެރެއިން 35 ޝިޕްމެންޓްގެ ގަސްގަހާގެއްސާއި ގަހުގެ ބައިތައް ނައްތާލައިފައި ވާކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެއީ ޖުމްލަ 4408 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ރާއްޖެއިން ބޭރުން ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގައި ގަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.