ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން އޮރެންޖު ހިޔާއަށް ދާން އެމްޓީސީސީން ބަސް ސްޓޮޕެއް އިތުރުކޮށް، އިތުރު ބަސް ރޫޓެއް ތައާރަފުކޮށްފިއެވެ.
އެމްޓީސީސީން ނެރެފައިވާ އިއުލާނެއްގައިވަނީ ރައީސްގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް ދަތުރުކުރާ 'އާރް5' ރޫޓުގެ ބަސް އޮރެންޖު ހިޔާއަށް މަޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، މާލޭން އޮރެންޖު ހިޔާއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ޚިދުމަތް ދިނުމަށްޓަކައި އާރް15ގެ ނަމުގައި އިތުރު ބަސް ރޫޓެއް ތައާރަފުކޮށްފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އެމްޓީސީސީން ވަނީ ބަދަލުގެނެސްފައިވާ ދެ ބަސް ރޫޓުގެ މެޕް ފޮޓޯއާ އެކު އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައެވެ.

އެހެންކަމުން މިއަދުގެ 13:30އިން ފެށިގެން އެ ދެ ރޫޓުން ދަތުރުކުރާ ބަސް އޮރެންޖު ހިޔާއަށް މަޑުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.