ކ. ގުޅީ ބިންހިއްކުމުގެ 80 އިންސައްތަ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން 28 ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.
އެމްޓީސީސީއިން ވަނީ މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް 28 ދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ ނިންމާލައިފައެވެ. މި މަޝްރޫއުގެ މަސައްކަތް ތާވަލުކޮށްފައިވާ ތާރީހަށްވުރެ ކުރީން ނިންމައި ހަވާލު ކުރުމަކީ އެ ކުންފުނީގެ އަމާޒެވެ.
މި މަޝްރޫއު ގެ ބާކީ ހުރި މަސައްކަތްތައް ވެސް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ބިމުގެ ދަތިކަން ތަހައްމަލުކުރަމުންދާ ގުޅީގެ ރައްޔިތުންނަށް ވީއެންމެ އަވަހަކަށް އަލަށް އިތުރުކުރެވޭ ބިން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއު ގެ ދަށުން ބިން ހިއްކުމަށް ފަހު 10.15 ހެކްޓަރުގެ ބިމެއް މި ރަށަށް އިތުރުކުރާނެއެވެ. މީގެ އިތުރުން،
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއި 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއަކީ 89.63 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށެވެ.
ޖުމުލަ 1,015 މީހުންގެ އާބާދީއެއް އޮންނަ ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ނަމަވެސް ވަރަށް ރީތި ހިތްގައިމު ރަށެކެވެ. މާލެއަތޮޅުގެ ގިނަ ރަށްތައް ފަދައިން ގުޅިއަކީ ވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެކެވެ. އެގޮތުން، މިހާރު ވެސް އެ ރަށުގައި 15 ވަރަކަށް ގެސްޓްހައުސް އަންނަނީ އެކި ފަންތީގައި ހިންގަމުންނެވެ.
ރަށުގެ ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބިންކޮޅު ކުޑަވުމުން ރަށުގައި ދިރިއުޅުމަށާއި އަދި ވިޔަފާރިކުރުމަށް އިތުރު ޖާގަ ނެތުމުގެ މައްސަލަކަން އެމްޓީސީސީން ވެސް ވަނީ ފާހަގަކޮށްފައެވެ.

28 ދުވަހުގެ ތެރޭގައި ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިންމައިފި -- ފޮޓޯ/ އެމްޓީސީސީ
އެގޮތުން، އެންމެ ފަހުން އެ ރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރު ކަމަށާއި އޭރު ދޫކޮށްފައިވަނީ އެންމެ 13 ބިންކަން ވެސް އެމްޓީސީސީން ވަނީ ފާޙަގަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރަމުންދާއިރު ރައްޔިތުންގެ ހުވަފެންތަކުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި ކުލަޖެހޭތަން ފެންނާނެކަމަށް އެ ކުންފުނިން ބުންޏެވެ. މުޅި މަޝްރޫއު ނިމުމާ އެކު، ރަށުގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމާއި އިގުތިސާދު ފުޅާކުރުމުގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަޢުދީ ވަނީ ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ 10 ހެކްޓަރުގެ 80 ޕަސެންޓް ނިމިފައިވާއިރު ބާކީ އޮތް ބައިވެސް ހަފުތާއެއްހާ ދުވަސް ތެރޭ ނިންމުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.
ޝޯ ޕްރޮޓެކްޝަންއަށްވެސް ގާތްގަނޑަކަށް 22 ހާސް ޓަނުގެ ބޮޑުހިލަ އެބަ ބޭނުންވޭ. އެހެންވީމާ މިހާރު މި ރަށުގައި މި މަސައްކަތް ކުރަމުންދާއިރު ފުރަތަމަ ޝިޕްމަންޓު 10،000 ޓަނުގެ ރޮކް ބޯލްޑާސް މިހާރު ވަނީ ގެނެވިފައި. އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުން އެދަނީ. އަންލޯޑްކޮށް ނިމުނީމާ ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް ފެށިގެންދާނެ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަޢުދީ
ސަރުކާރުން ގުޅީ ބިން ހިއްކުމުގެ މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނަމަވެސް މަސައްކަތުގެ ދުވެލި މިހާރު ހުރި ގޮތުން ބިންހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ސަޢުދީ ވިދާޅުވިއެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ.