ހާނިއާއަށް އިންޑިއާ ސަޕޯޓަރުން ފެން ކޭސްތަކެއް ފޮނުވައިފި

ޕާކިސްތާނު ބަތަލާ ހާނިއާ އާމިރު އަދި އިންޑިއާގެ ސަޕޯޓަރުން ބަތަލާއަށް ފޮނުވި ފެން ކޭސް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޕާކިސްތާނު މަޝްހޫރު ބަތަލާ ހާނިއާ އާމިރުއަށް އިންޑިއާގައި ތިބި ބަތަލާގެ ސަޕޯޓަރުންގެ ފަރާތުން ހަދިޔާގެ ގޮތުގައި ފެން ކޭސްތަކެއް ފޮނުވައިފިއެވެ.

އިންޑިއާގައި ތިބި ޕާކިސްތާނުގެ ބަތަލާގެ ސަޕޯޓަރުންގެ ފަރާތުން މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ވީޑިއޯ ޕޯސްޓެއް ވަނީ މިހާރު އިންޓަނެޓުގައި ދައުރުވާން ފަށާފައެވެ.

ސަޕޯޓަރުންގެ ފަރާތުން ފޮނުވި މި ފެން ކޭސްތަކުގައި އެ ފޮނުވި މީހުންގެ ނަމާ އެކު ބުނެފައިވަނީ މިއީ ޕަންޖާބު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާހުގެ ފަރާތުން ޕަންޖާބުން ބަތަލާއަށް ފޮނުވި ފެން ކޭސްތަކެއް ކަމުގައެވެ. ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ރެޕް ލަވަތަކެއް ކިޔައިދީފައިވާ ބާދްޝާހަކީ ހާނިއާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެއްބަޔަކު ބުނަނީ ދެ ޤައުމުގެ މަސްލަހަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް ބައެއް މީހުންނަށް މުހިއްމުވީ ޕާކިސްތާނުގެ ބަތަލާއެއް ކަމަށް ބުނެފައެވެ.

ހާނިއާ އާމިރު އިންޑިއާގެ ރެޕަ ބާދްޝާހުއާ އެކު--ފޮޓޯ/ސިއާސަތު

ބައެއް މީހުން ބުނެފައިވަނީ ޕާކިސްތާނުގެ ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް ބަލާ މެޖޯރިޓީ މީހުންނަކީ އިންޑިއާ މީހުން ކަމަށާއި އިންޑިއާގެ ހުރިހާ ރައްޔިތުން ވެސް ޕާކިސްތާނުގެ ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް ބޮއިކަޓް ކުރަންޖެހޭ ކަމަށެވެ.

އިންޑިއާއިން ވަނީ ޕާކިސްތާނަށް ފެން ފޯރުކޮށްދިނުމަށް ހަދާފައިވާ 1960 އިންޑަސް ވޯޓާސް ޓްރީޓީ އެގްރީމަންޓާ ޚިލާފުވެ އެ އެއްބަސްވުން ސަސްޕެންޑުކޮށްފައެވެ.

'ދަ އިންޑަސް ވޯޓާ ޓްރީޓީ' އެގްރީމެންޓަކީ އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ވެވުނު ޚާއްސަ އެއްބަސްވުމެއްގެ ދަށުން ދެ ޤައުމުގެ ދަނޑުވެރިކަމަށް ބޭނުންވާ ފެން އިންޑަސް ރިވާ ސިސްޓަމްގެ ހަ ކޯރުގެ ފެން ހިއްސާކުރާނެ ގޮތް ކަނޑައަޅާފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ 1960 ވަނަ އަހަރު ސޮއިކޮށް ވޯލްޑް ބޭންކުގެ މެދުގައި ހަދާފައިވާ މުއާހަދާއެކެވެ.

އިންޑިއާއިން ޕާކިސްތާނަށް ފެން ދޫކުރުން ހުއްޓާލުމަށް ނިންމީ މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ ފަތުރުވެރިންތަކަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި 26 މީހަކު މަރާލާ އެތައް ބަޔަކު ޒަޚަމުކުރުމާ ގުޅިގެންނެވެ. އިންޑިއާ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ޓެރަރިޒަމްގެ އެ ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނެވެ.

comment ކޮމެންޓް