ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި, ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްއޯޔޫގައި ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލް ޖަސްޓިސް ރިޓަޔާޑް އައްބާސް ޝަރީފާއި، ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެއީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާއެކު، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދޭން ޔޫއެންޑީޕީއާއެކު ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕީޖީ އޮފީސް
އެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ އޮފީހުން ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީޖީ އައްބާސް ވިދާޅުވީ އެއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ގާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް (ޑަބްލިއުވީއެސްޔޫ)ގެ ވަރަށް ރަނގަޅު އިސްނެންގެވުމެއް ކަމަށެވެ.
"އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނެތް. މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޓީމަށް ޔޫއެންޑީޕީން ދެއްވި އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން،" އައްބާސް ވިދާޅުވިއެވެ.
ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް، އެންރިކޯ ވިދާޅުވިގޮތުގައި ޕީޖީ އޮފީހުން އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އިންވެސްޓްމަންޓަކީ އަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެކެވެ.
"މި ޕާޓްނާޝިޕްއަކީ އަޅުގަނޑުމެން ގުޅިގެން މުއައްސަސާގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ނަމޫނާއެއް. އެކަން މި ފަށަނީ އެކަން ކުރިއަށް ގެންދާ މީހުންނާ އެކުގައި،" އެންރިކޯ ވިދާޅުވިއެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ޚާއްސަ އިސްކަމެއް ދިނުމުގެ މަގުސަދަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އަޅާލުމުގެ ސަގާފަތެއް އާލާކުރުމާއި، މުވައްޒަފުންގެ މަސައްކަތާއި، ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދޭން ޔޫއެންޑީޕީއާއެކު ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕީޖީ އޮފީސް
އަދި އެ އޮފީހުގެ މުވައްޒަފުންނަކީ ވަރަށް ހައްސާސް މަސައްކަތްތަކެއް ކުރާ ބަޔަކަށްވެފައި، އެ މުވައްޒަފުން ކުރާ ގާނޫނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކޮށް މުވައްޒަފުންގެ ވިސްނުމުގެ ގާބިލުކަމާއި، ބުންވަރާއި، ފެންވަރު އިތުރުކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.
"މި އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވުމަކީ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ޢަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމެއް. އަދި އާންމުންނަށްދޭ ޚިދުމަތުގައި ވަފާތެރިކަމާ، އަޅާލުމާއި އޯގާތެރިކަމުގެ ރޫހެއް އާލާވެ، ޖިނާއީ އަދުލުގެ ނިޒާމަށް ދިގު މުއްދަތުގެ ހެޔޮ ބަދަލުތަކެއް އަންނާނެކަމެއް،" ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހާއި ޔޫއެންޑީޕީއާ ދެމެދު މިއަދު ވެފައިވާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ހިނގަމުންދާގޮތް ގާތުން ބަލައި މޮނިޓާކުރަމުން ގެންދިއުމަށާއި، އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދެފަރާތުން ވެސް ވަނީ އެއްބަސްވެފައެވެ.