މަސްވެރިކަން ފަދަ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި ބުލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީއެއް

ގދ. މަޑަވެލީ ޓީއެސްލައިން ދޯނި --- ފޮޓޯ: ޓީއެސްލައިން

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ކުދި އަދި، މެދު ފަންތީގެ ވިޔަފާރިތައް ހިންގަން މަގުފަހިކުރުމަށް 'ބުލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ' (ޖޭއެފްއެފް) ރާއްޖޭގައި ތައާރަފުކޮށްފިއެވެ.

ސީއެމްޑީއޭއިން ބުނީ، އިނގިރޭސިވިލާތު ސަރުކާރުގެ އެހީގައި ތައާރަފުކުރި ފެސިލިޓީ ފަރުމާކޮށްފައި ވަނީ، މަސްވެރިކަމާއި ފަތުރުވެރިކަމާއި ކަނޑުފަޅުގެ ވިޔަފާރިއާއި ޚިދުމަތްތަކުގެ ތެރެއިން 'ވެލިއު އެޑެޑް އެންޑް ސަސްޓެެއިނަބިލިޓީ އޮރިއެންޓެޑް' ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދެވޭނެ ގޮތަށް ކަމަށެވެ.

އެގޮތުން، ބޭންކުތަކާއި ޕްރިންސިޕަލް އެޑްވައިޒަރުންނާއި މާލީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް، އެފަދަ ކުންފުނިތަކުގެ ޚަރަދުން ކަނޑައެޅިފައިވާ މިންވަރެއް ކަށަވަރުކޮށްދީގެން ހެޔޮ އަގުތަކެއްގައި ވިޔަފާރިތަކަށް ފަންޑު ފޯރުކޮށްދިނުމަށް ފެސިލިޓީން މަގުފަހިކޮށްދޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އޭގެއިތުރަށް، ޖޭއެފްއެފް ތައާރަފުކުރުމަކީ ރާއްޖޭގައި ވަރުގަދަ މާލީ އޮނިގަނޑެއް ބިނާކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

ބޭންކިންއާއި ކެޕިޓަލް މާކެޓުން ފަހިކުރެވޭ މަގުތަކުގެ ބޭނުން ހިފައި، ދެމެހެއްޓެނިވި އިންވެސްޓުމަންޓުތައް މެދުވެރިކޮށް 'ބްލޫ އެންޑް އިންކްލޫސިވް' އިގުތިޞާދަކަށް ބަދަލުވުމަށް އެހީތެރިވެދޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

comment ކޮމެންޓް