ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި އިންޑިއާގެ އެންމެ ކާމިޔާބު އެއް ސްޓޭޓް ކަމުގައިވާ ކެރެލާ ސްޓޭޓްގެ ކޮޗިން ސިޓީއަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސްގައި ކިޔަވާ ޕޮލިޓިކަލް ސައިންސް ދަރިވަރުން، ތަޖުރިބާ ދަތުރެއް ކޮށްފިއެވެ.
އެމްއެންޔޫއިން ބުނީ މި ދަތުރު ކުރީ ދެމެހެއްޓެނިވި ތަރައްޤީ ކިޔަވަމުންދާ މާސްޓާ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސާއި މާސްޓާ އޮފް އާޓްސްއިން ސޯޝަލް ޕޮލިސީގެ ދަރިވަރުން ކަމަށެވެ.
އެމްއެންޔޫއިން ބުނީ ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކެރެލާ ސްޓޭޓްގެ ކޮޗިން ސިޓީގައި ބޮޑެތި މަޝްރޫޢުތައް ހިންގޭ ތަންތަނަށް މި ދަރިވަރުން ޒިޔާރަތްކޮށް ދިރާސާކޮށް މައުލޫމާތު އެއްކުރި ކަމަށެެވެ.
އަދި މި ދަތުރުގައި ދަރިވަރުން، ސައްތަ އިން ސައްތަ ދެމެހެއްޓެނިވި ސޯލާ ހަކަތައިން ހިންގާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރުމާއި ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަނޑުމަގުން ރަށްތައް ގުޅުވާލުމަށް ހިންގޭ ވޯޓަމެޓްރޯ މަޝްރޫޢު ވެސް ބަލައިލި ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއިން ބުނީ ހަތަރު ދުވަހަށް ކުރިއަށްދިޔަ މި ތަޖުރިބާ ދަތުރުގައި ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން ހިންގޭ މަޝްރޫޢުތައް ބަލައި ދިރާސާކުރި ކަމަށެވެ. އޭގެ އިތުރުން ކޮޗިން ސިޓީއިން ހިންގާ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ގިނަ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ހޯދުމަށް ކޮޗިން ސިޓީ ކައުންސިލަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަން ވެސް އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައެވެ.
އެމްއެންޔޫގެ ދަރިވަރުން ކޮޗިންއަށް ކުރާ ދަތުރުގެ ޕްރޮގްރާމް ފުރިހަމައަށް ރާވާދެއްވަވާފައިވަނީ ކޮޗިން ޔުނިވާސިޓީއިންނެވެ.
މި ދަތުރަކީ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެމްއެންޔޫއާއި ދެމެދު ޢިލްމީ ދިރާސާއާއި އެހެނިހެން ހަރަކާތްތައް ދެ ޔުނިވާސިޓީ ގުޅިގެން ކުރިއެރުވުމަށް ހެދިފައިވާ ފަހުމުނާމާއެއްގެ ދަށުން އިންތިޒާމްކުރެވުނު ދަތުރެއްކަން އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައެވެ.
ދަރިވަރުންނަށް މަރުޙަބާކިއުމުގެ ޚާއްސަ ހަފްލާއެއް ކޮޗިން
ޔުނިވާސިޓީގައި ބޭއްވިއިރު އެ ހަފްލާގައި ދިވެހިރާއްޖޭގެ ޘަޤާފަތާއ،ި އާދަކާދައާއި ތަރިކައާއި ބެހޭގޮތުން ދަރިވަރުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅި ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.