އެމްއެންޔޫގެ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އެމްއެންޔޫއިން ކުރިއަށްގެންދާ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި -- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޗައިނީސް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވާން ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޖުމްލަ 30 ދަރިވަރުންނަށް ޖާގަދޭ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ހަތެއްވާ ބުދަ ދުވަހުގެ 23:59 ނިޔަލަށް ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޗައިނީސް ލޭންގުއޭޖް ބޭސިކް ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13ވާ އަންގާރަ ދުވަހެވެ.

ދަރިވަރުން ކުލާހަށް ހާޒިރުވެގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގެ ކުލާސްތައް އާދީއްތައާއި އަންގާރައާއި ބުރާސްފަތި ދުވަހުގެ 19:00އިން 21:00އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 10 ހަފުތާއަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެ ކޯހުގައި ބައިވެރިވުމުގެ އުމުރުފުރާއަކަށް އެމްއެންޔޫއިން ކަނޑައަޅާފައިވަނީ 15 އަހަރުން މައްޗެވެ. އަދި ކޯސް ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2500 ރުފިޔާއެވެ.

comment ކޮމެންޓް