މަސްތުގެ ހާލަތުގައި ހުރެ ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ޓެކްސީއެއް ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފުލެޓް ނަންބަރު 07-1-4، އުމުރުން 23 އަހަރުގެ މުހައްމަދު މާއީސްއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ބުރާސްފަތި ދުވަހުގެ ރޭ ހައިވޭގައި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުލުހުންގެ ޕެޓްރޯލް އޮފިސަރުންނަށް ފެނުނު ކަމަށެވެ. އަދި ކާރު ދުއްވީ ހެޑްލައިޓް ނުދިއްލާ، ހަތަރު ސިގްނަލް ވެސް ދީގެން ކަމަށް ފުލުހުން ބުންޏެވެ.
ކާރު މަޑުކުރަން ފުލުސް އޮފިސަރުން އިޝާރާތް ކުރުމުން ވެސް ޑްރައިވަރު, އަމުރާ ހިލާފުވެ، މަގުމަތީގައި ބާރަށް ދުއްވާފައި ދިޔަކަމަށް ފުލުހުން ބުންޏެވެ. އަދި އެ ކާރު ހޯދުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ޕެޓްރޯލް ކުރި ކަމަށް ފުލުހުން ބުންޏެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު -- ފޮޓޯ/ ފުލުހުން
އޭގެ ފަހުން އެ ކާރު ފުލުހުންނަށް ފެނުނީ ފޭސް އެކެއްގެ ހައިވަކަރު މަގުން ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލަށް ދުއްވާފައި ދިޔަ ވަގުތު ކަމަށާއި، އެވަގުތު ވެސް ދުއްވާފައި ދިޔައީ ސްޕީޑް ބްރޭކަރުތަކަށް ވެސް މަޑުނުކޮށް ކަމަށް ފުލުހުން ބުންޏެވެ. އެންމެ ފަހުން އެ ކާރު ހުއްޓުނީ ރަބަރުގަސް މަގުގެ ފްލެޓް ނަމްބަރު 97 ކައިރީގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފުލުސް އޮފިސަރުން ވެހިކަލާ ކައިރިވުމުން ޑްރައިވަރު އަނެއްކާވެސް ދުރަށް ދާން މަސައްކަތް ކުރި ނަމަވެސް ފުލުހުން އަވަހަށް ހާލަތު ކޮންޓްރޯލް ކުރި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ތިން ދުވަސް ޖަހައިފައެވެ.
މި ކާރު ހުއްޓުވިއިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާއި، ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ގެއްލުންވެސް ކާރަށް ލިބިފައިވާއިރު މި މައްސަލައާ ގުޅިގެން ކާރު ޓޯކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ، ފަރުވާކުޑަކޮށް ދުއްވުމަކީ ސީރިއަސް ކުށެއްކަން ހަނދާންކޮށްދީފައެވެ. އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ، ގާނޫނީ ގޮތުން ބޮޑެތި ނަތީޖާތަކެއް ނުކުންނާނެ ކަމެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.