އެންއައިސީޔޫގައި ބެކްޓީރިއާ ފެތުރުނީ އައިޖީއެމްއެޗްގައި ޑިސްއިންފެކްޓެންޓު ހުސްވެފައި ހުއްޓާ: އާޒިމް

އައިޖީއެމްއެޗް ކުރިމަތި: އައިޖީއެމްއެޗްގައި ޑިސްއިންފެކްޓަންޓް ހުސްވެ، ކުޑަކުދިންގެ ޔުނިޓުގައި ބައްޔެއް ފެތުރޭކަމަށް ބުނެ މޭޔަރުގެ ތުހުމަތެއް -- ފޮޓޯ/ މާނިއު މުހައްމަދު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކުޑަކުދިންނަށް ފަރުވާދޭ ޔުނިޓު، އެންއައިސީޔޫގައި މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެތުރި، ކުދިންތަކެއްގެ ހާލު ދެރަވީ 'ޑިސްއިންފެކްޓަންޓް' ހުސްވެފައި ވަނިކޮށް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ތުހުމަތުކުރައްވައިފިއެވެ.

އައިޖީއެމްއެޗްގެ އެންއައިސިޔޫގައި ފަރުވާދިން މަދު ކުދިންތަކަށް ނުރައްކާތެރި ބެކްޓީރިއާއެއް ޖެހިފައިވާކަން އެ ހޮސްޕިޓަލުން ހާމަކުރީ ބުރާފަތި ދުވަހުގައެވެ. އޭގެ ތެރެއިން ހާލު ދެރަވި ކުދިން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ އައިޖީއެމްއެޗުން ޑިސްއިންފެކްޓަންޓު ހުސްވެފައިވާ ކަމަށެވެ.

ހޮސްޕިޓަލްތަކުގައި ސާފުކުރުމަށް ބޭނުންކުރާ ޑިސްއިންފެކްޓެންޓްތަކަކީ ބެކްޓީރިއާ، ވައިރަސް އަދި ފަންގަސް ފަދަ ތަފާތު ޕެތޯޖަންތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެކެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނާއި ރާއްޖޭގެ ގިނަ ރައްޔިތުން ފަރުވާ ހޯދަމުންދާ މައި ހޮސްޕިޓަލްގެ ސިއްހީ ޚިދުމަތުގެ ކަންކަން މިހާ ދަށަށް ގޮސް، ބޮއްސުންލައި ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ އެތައް ރައްޔިތުންނެއް ދަނީ ބޭސް ފަރުވާއަށް ސަލާން ޖަހައި، ބޭސް ސިޓީއަށް ބޭސްނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުން ކަމަށެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

"ސަރުކާރުގެ މުއައްސަސާތަކުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ޞިއްޙީ ފަރުވާ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް އިސްކަންދިނުމަށް އަޅުގަނޑު ގޮވައިލަން،" އާޒިމް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އައިޖީއެމްއެޗާ ސުވާލުކުރުމުން 'ސަން' އަށް ބުނީ އެ ހޮސްޕިޓަލުގައި ޑިސްއިންފެކްޓަންޓް ހުސްނުވާ ކަމަށެވެ. އެގޮތުން ޑިސްއިންފެކްޓް ކުރުމަށް ބޭނުންކުރާ ސޮލިއުޝަން އަދި ވައިޕްސް ވެސް އެބަހުރި ކަމަށާއި، އެ ބޭނުންކުރަމުންދާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތުދީފައެވެ.

https://sun.mv/205497

މީގެ އިތުރުން، އެންއައިސީޔޫގައި ފެތުރުނީ އެމްޑީއާރުއޯގެ ސަބަބުން ކުދިންނަށް ޖެހޭ ބައްޔެއް ކަމަށް ބުނެ އެ ހޮސްޕިޓަލުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތު ދުވަހު އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ކޭހެއް ފެނުނީ މިދިޔަ މާޗު މަހުގެ 27ގައި، 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގި ސާމްޕަލަކުން ކަމަށެވެ.

މިދިޔަ މަހު 15ގެފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައިނުވާ ކަމަށާއި ބެކްޓީރިއާއަށް ޕޮޒިޓިވްވި ފަސް ކުދިންނަށް ފަރުވާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

comment ކޮމެންޓް