އަނިލް ކަޕޫރު، ސްޕައި ޔުނިވާސްއަށް

އެކްޓަރު އަނިލަކް ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގެ ދެ ފިލްމަކަށް އެކްޓަރު އަނިލް ކަޕޫރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަނިލް ކަޕޫރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ސްޕައި ޔުނިވާސްއިން އުފައްދާ އެންމެ ވަރުގަދަ ތިން ފިލްމުގެ ރޯލަކަށެވެ. އެއީ, ރިތިކް ރޯޝަން އަދި އެންޓީ އާރު ޖޫނިއަ ލީޑުން ފެންނަ ފިލްމު "ވޯ2"، ބަތަލާ އާލިއާ ބަޓްއާއި ޝަރުވަރީ ވާގް ލީޑުން ފެންނަ ފިލްމު "އަލްފާ" އަދި ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމު "ޕަތާން"ގެ ދެވަނަ ބައި "ޕަތާން2"އެވެ. ފިލްމު "ޕަތާން2"ގެ ވަރަށް މުހިއްމު ރޯލަކުން ސަލްމާން ޚާން ފެންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ތިން ފިލްމުގައި ވެސް އަނިލް ކަޕޫރު ކުޅެން ހަމަޖެހިފައިވަނީ ރިސާޗް އެންޑް އެނަލައިސިސް ވިންގްގެ އިސްވެރިޔާގެ ރޯލް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވާ ގޮތުގައި އަނިލް ކަޕޫރު ވަނީ ސްޕައި ޔުނިވާސްއާ އެކު މަލްޓި-ފިލްމު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.

އަނިލް ކަޕޫރު މުހިއްމު ރޯލް ކުޅުނު ފިލްމު "ފައިޓާ"ގެ ލީޑް އެކްޓަރު ރިތިކް ރޯޝަންއާ އެކު--ފޮޓޯ/ޕިންކްވިލާ

ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްރާގެ ހުށަހެޅުމަށް އެއްވެސް ފަސް ޖެހުމެއް ނެތި އަނިލް ސޮއިކޮށްފައިވާއިރު ތަޖުރިބާކާރު އެކްޓަރުގެ ދަތުރު ސްޕައި ޔުނިވާސްއިން ފެށޭނީ ފިލްމު "ވޯ2"ގެ ހާއްސަ ފެނިލުމަކުން ކަމަށް ޕިންކްވިލާއިން ވަނީ ބުނެފައެވެ.

އަނިލް ސޮއިކުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމަކީ ވެސް ފިލްމު "ވޯ2"އެވެ. މި ފިލްމަކީ ކާމިޔާބު ޒުވާން ޑައިރެކްޓަރު އަޔާން މުކަރުޖީ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފިލްމެކެވެ.

އުމުރުން 67 އަހަރުގެ އެކްޓަރު އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ މިދިޔަ މެއި މަހު ރިލީޒްކުރި ފިލްމު "ސަވީ"އެވެ.

comment ކޮމެންޓް