އިންޑިއާގެ ޓީވީ ޗެނަލް ކަލާސްއިން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ އޯޓީޓީ ވާޝަންގެ ތިންވަނަ ސީޒަންއިން މި ފަހަރު ސަލްމާން ޚާން ހޯސްޓެއްގެ ގޮތުގައި ނުފެންނާނެކަން އިއުލާނުކޮށްފިއެވެ.
ކަލާސްގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް"ގެ އިތުރުން އެ ޝޯގެ އޯޓީޓީ ވާޝަންގެ ކުރީގެ ދެ ސީޒަންގެ ވެސް ހޯސްޓަކީ ސަލްމާން ޚާނެވެ. ނަމަވެސް، އޯޓީޓީ ސީޒަން ގެނެސްދޭ ދުވަސްވަރަކީ ސަލްމާން ޚާން ދާދި ފަހުން ސޮއިކުރި ފިލްމު "ސިކަންދަރު"ގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅޭނެ ދުވަސްކޮޅަށް ވާތީ އެ ފުރުސަތު ކަލާސްއިން ދީފައިވަނީ ދުވަސްވީ އެކްޓަރު އަނިލް ކަޕޫރަށެވެ.

އެކްޓަރު ސަލްމާން ޚާން އަދި އަނިލް ކަޕޫރު--ފޮޓޯ/ކޮއިމޮއި
އަނިލް ކަޕޫރުގެ ކެރިއަރުގައި އެކްޓަރު ހޯސްޓުކުރާ ފުރަތަމަ ރިއަލިޓީ ޝޯ ސްޓްރީމްކުރާނީ ޖިއޯ ސިނަމާއިންނެވެ. އަނިލް ކަޕޫރާ އެކު ޝޯގެ ޕްރޮމޯއެއް ދައްކާފައިވާއިރު މި މަހުގެ ތެރޭ މި ޝޯ ޕްރިމިއަކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.
އެހެންނަމަވެސް، އެއީ ކޮން ތާރީޚެއް ކަމެއް އަދި އިއުލާނު ނުކުރެއެވެ. 'ބިގް ބޮސް އޯޓީޓީ'ގެ ތިންވަނަ ސީޒަންއިން ފެންނާނެކަމަށް ބެލެވޭ ފަންނާނުންގެ ތެރޭ ޝެހެޒާދާ ދާމީ، ޕްރަތިކްޝާ އަދި ޗަންދްރިކާ ޑިކްސިޓް ހިމެނެއެވެ.
މި ފަހަރުގެ ސީޒަންއިން ފެންނާނެ ފަންނާނުންގެ ލިސްޓެއް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް ވެސް ޖިއޯ ސިނަމާއިން ވަނީ ބުނެފައެވެ. މިދިޔަ ސީޒަންގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ޝޯގެ ޓްރޮފީ ކާމިޔާބުކޮށްފައިވަނީ މަޝްހޫރު ޔޫޓިއުބަ އެލްވިޝް ޔާދަވްއެވެ. މިދިޔަ އަހަރު ފަހުކޮޅު ކަލާސްއިން ދެއްކި 'ބިގް ބޮސް'ގެ 17 ވަނަ ސީޒަން ކާމިޔާބުކުރީ ސްޓޭންޑްއަޕް ކޮމީޑިއަން މުނައްވަރު ފާރޫގީއެވެ.