ބޮލީވުޑްގެ އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ސަލްމާން ޚާންގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ހީކުރާ ވަރަށް ވުރެ ވެސް ގޮންޖެހުންތައް ގިނަ ޒިންމާއެކެވެ. ސަލްމާންގެ ބޮޑީގާޑު ޝޭރާ އެ ވަޒީފާ އަދާކުރަމުން އަންނަނީ 1997 ވަނަ އަހަރުން ފެށިގެން އޭނާ އަމިއްލައަށް ހިންގާ ސެކިއުރިޓީ ފާމްގެ ބެލުމުގެ ދަށުންނެވެ.
ސަލްމާންގެ އަމިއްލަ ދިރިއުޅުމުގައި އަދި ޕްރޮފެޝަނަލް ދިރިއުޅުމުގައި ވެސް ހިނގާފައިވާ ވަރަށް ގިނަ ކަންކަން އެންމެ ގާތުން ފެނިފައިވާ ޝޭރާއަކީ މިއަދާ ހަމައަށް ވެސް ސަލްމާންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ސާބިތުކަމާ އެކު ހުރި މީހެކެވެ.

ސަލްމާން ޚާން ޝޭރާގެ ދަރިފުޅު އަބީރު ސިންގްއާ އެކު--ފޮޓޯ/ޕިންކްވިލާ
ޝޭރާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް އޭނާ ދޭ ސަމާލުކަން ސަލްމާން ވަނީ "ބޮޑީގާޑް"ގެ ނަމުގައި ފިލްމެއް ވެސް ގެނެސްދީފައެވެ. މި ފިލްމުގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައި ވާހަކަދައްކަމުން ޝޭރާ ބުނެފައިވަނީ ސަލްމާނަށް އަމާޒުކޮށް އަންނަ ބަޑީގެ ވަޒަނެއް ވެސް އެންމެ ފުރަތަމަ އަރާނީ އޭނާގެ ގަޔަށް ކަމަށާއި އެކްޓަރަށް ރައްކާތެރިކަން ހޯދައިދިނުމަކީ އޭނާގެ އެންމެ އިސް މަސްއޫލިއްޔަތު ކަމަށެވެ.
ނަމަވެސް، ހަގީގަތުގައި ސަލްމާންގެ އާއިލާއާއި ރަހްމަތްތެރިންގެ ހަގީގީ ހަށިފާރަވެރިޔަކީ ސަލްމާން ކަމަށް ޝޭރާ ވަނީ ބުނެފައެވެ. ސަލްމާން ޚާނާ އެކު މަސައްކަތް ކުރަން ފެށުމާ އެކު ޝޭރާގެ ދިރިއުޅުމަށް މާލީ ގޮތުން ހެޔޮ ބަދަލުތަކެއް އައުމުގެ އިތުރުން އަމިއްލަ ސެކިއުރިޓީ ކުންފުނި ތަރައްޤީ ކުރުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.
ރިޕޯޓުތައް ބުނާގޮތުން ސަލްމާންގެ ހަށިފާރަވެރިއެއްގެ ގޮތުގައި ރެއާ ދުވާލު މަސައްކަތް ކުރުމުގެ އުޖޫރައެއްގެ ގޮތުން މަހަކު 15 ލައްކަ ރުޕީސް (ގާތްގަނޑަކަށް 18،000 އެމެރިކާ ޑޮލަރު) މުސާރައިގެ ގޮތުގައި ޝޭރާއަށް ލިބެއެވެ.
ހަމައެއާއެކު އޭނާގެ މިލްކިއްޔާތުގެ 100 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 12 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝޭރާގެ ސެކިއުރިޓީ ކުންފުނި ޓައިގާ ސެކިއުރިޓީއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްއިން އިންޑިއާއަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކަށް ވެސް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.