އަނިލް އަނެއްކާ ވެސް އިތުރު ފިލްމަކުން ވަކިވެއްޖެ

އެކްޓަރު އަނިލް ކަޕޫރު--ފޮޓޯ/ފިލްމުފެއަ

މިދިޔަ ހަފުތާގެ ތެރޭ ފިލްމު "ހައުސްފުލް5"އިން ވަކިވިކަން އިއުލާނުކޮށްފައިވަނިކޮށް އިތުރު އެހެން ފިލްމަކުން ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަނިލް ކަޕޫރު ވަކިވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަނިލް ކަޕޫރު ވަކިވިކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ދާދި ފަހުން އެކްޓަރު ސޮއިކުރި ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"އިންނެވެ. މި ފިލްމަކީ، އެކްޓަރު އަޖޭ ދޭވްގަން ލީޑް ރޯލު ކުޅެ ބަތަލާ ތައްބޫ އަދި ރަކުލް ޕްރީތު މުހިއްމު ރޯލުތަކުން ފެންނާނެ ފިލްމެކެވެ.

ކުރިން އޮތް ގޮތުން ފިލްމުގައި އަނިލް ކުޅެން ހަމަޖެހިފައިވަނީ ބަތަލާ ރަކުލްގެ ބައްޕަގެ ރޯލެވެ. މިއީ 2019ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ ސީކުއަލްއެކެވެ.

އަނިލް ކަޕޫރު، ނާނާ ޕަޓޭކަރު އަދި ކުރީގެ ފިލްމީ ތަރި ފީރޯޒު ޚާން ފިލްމު "ވެލްކަމް"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި އަނިލް ފަހުން ސޮއިކުރި ފިލްމުތަކުން ވަކިވާން މަޖުބޫރުވެފައިވަނީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސް ކުންފުންޏަށް އަނިލް ސޮއިކޮށްފައިވާ ފިލްމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ސްޕައި ޔުނިވާސްއިން ގެނެސްދޭ ދެ ފިލްމަކަށް އަނިލް ސޮއިކޮށްފައިވާއިރު މި ދެ ފިލްމުގައި ވެސް އަނިލް ފެންނާނީ އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީ ރޯގެ އެންމެ އިސްވެރިޔާގެ ރޯލުންނެވެ.

އަނިލް މިހާރު މަސައްކަތް ފަށާފައިވާ އެމޭޒަން ޕްރައިމްގެ ތުރިލާ ފިލްމު "ސުބެދާރު"އަށްފަހު އެކްޓަރު ދެން މަސައްކަތް ފަށާނީ ސްޕައި ޔުނިވާސްއިން އިއުލާނުކޮށްފައިވާ ދެ ފިލްމުކަމަށްވާ "ވޯ2" އަދި ބަތަލާ އާލިއާ ބަޓް ލީޑް ރޯލު ކުޅޭ ފިލްމުގައެވެ. މި ދެ ފިލްމަށް ވަގުތު ދިނުމުގެ ގޮތުން އަނިލް ވަނީ ފިލްމު "ހައުސްފުލް5" އަދި "ވެލްކަމް ތު ދަ ޖަންގަލް"އިން ލިބުނު ފުރުސަތުތައް ދޫކޮށްލާފައެވެ.

އަނިލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "ފައިޓާ"އިންނެވެ.

comment ކޮމެންޓް