ބ. އަތޮޅު ދޮންފަނާއި އެ އަތޮޅު ކިހާދޫގައި ބިނާކުރި މިސްކިތް ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.
އެ ދެ މިސްކިތް ވެސް ހުޅުއްވައި ދެއްވީ ބ. އަދި ރ. އަތޮޅަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދާއި އަބްދުލް ގަފޫރު އަހުމަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މަސްޖިދުލް ހިދާޔަތުގެ ނަމުގައި ދޮންފަނުގައި ބިނާކުރި މިސްކިތަކީ 500 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ވަރުގެ މިސްކިތެކެވެ.
ދޮންފަނު މިސްކިތަކީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެލްއެފް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްގެން ބިނާ ކުރި މިސްކިތެކެވެ. އެ މިސްކިތް އިއްޔެ ރަސްމީކޮށް ހުޅުވި ނަމަވެސް އެތަނުގައި ނަމާދު ކުރަމުންދާތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.
މަސްޖިދުލް ތައާވުންގެ ނަމުގައި އިއްޔެ ބ. ކިހާދުގައި ހުޅުވި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކިހާދުއް މިސްކިތަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރުގައި އަޅަން ފެށި މިސްކިތެކެވެ. ނަމަވެސް ވަކި ވަރަކަށް މަސައްކަތް ކުރުމަށް ފަހު އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަސައްކަތް ފަށާފައި ވަނީ 2015 ވަނަ އަހަރު ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދުގެ މެންދުރު ނަމާދުގެ ކުރިން ރ. ރަސްގަތީމުގައި ބިނާކުރި މިސްކިތް ވެސް ހުޅުވާނެ ކަމަށެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މަސްޖިދުލް މާލިކުގެ ނަމުގައި ހުޅުވާ އެ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.