ޒަކާތު ފަންޑުން "އޮޅިގެން" ދޫކުރި 33,000 ރުފިޔާ އަނބުރާ ދައްކަން ހުކުމެއް

ފަޤީރުންނާއި މިސްކީނުންގެ މާލޭ ދަފުތަރުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ފުދުންތެރިކަން ކުޑަ އާއިލާތަކަށް ގިފްޓް ކާޑުތަކެއް ދިނުން -- ފޮޓޯ/ ޒަކާތު ހައުސް

ކޮވިޑު ދުވަސްވަރު، ޒަކާތު ފަންޑުން މަތީ ތައުލީމު ފުރިހަމަ ކުރުމަށް ދިން ޚާއްސަ އެހީއެއްގައި އޮޅިގެން އިތުރަށް ދެވުނު ފައިސާ އަނބުރާ ރައްދު ކުރުމަށް، ގއ. ވިލިނގިލީ އަންހެނެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ ކޮވިޑާ ގުޅިގެން ކިޔެވުން މެދުކެނޑުނު ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، އިސްލާމިކް މިނިސްޓްރީން އިއުލާން ކުރި، "މަތީ ތައުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން ޚާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު"ގެ ދަށުން ހުށަހެޅި އަންހެން ދަރިވަރަކަށް ދޫކުރި ފައިސާއާ ގުޅޭ މައްސަލައެކެވެ.

މަތީ ތައުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން ޚާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތުގެ ދަށުން އެންމެ ގިނަވެގެން ދޫކުރާ އަދަދަކަށް އޭރު އޮތީ 100،000 ރުފިޔާއެވެ. އެކަމަކު ގއ. ވިލިގިއްޔަށް ނިސްބަތްވާ އެ އަންހެން ދަރިވަރަށް، މިނިސްޓްރީން އިތުރަށް 33،694 ރުފިޔާ ދޫކޮށްފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އެ ފައިސާ އިތުރަށް ދެވުނުކަން މިނިސްޓްރީއަށް އެނގުނީ އެހެން ދަރިވަރެއްގެ ފަރާތުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މި ފައިސާ އަނބުރާ ހޯދުމަށް، ނުވަ ފަހަރު އެ ދަރިވަރަށް ސިޓީ ފޮނުވާފައިވީނަމަވެސް އެ ފައިސާ އެ ދަރިވަރު އަނބުރާ ދައްކާފައި ނުވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އެހެންކަމުން މިނިސްޓްރީން މައްސަލަ ޝަރީއަތަށް ހުށަހެޅީއެވެ.

މައްސަލަ ޝަރީއަތަށް ހުށަހެޅުން، އެ އަންހެން ދަރިވަރުގެ ފަރާތުން އެ ފައިސާއަކީ އުސޫލާ ޚިލާފަށް ދޫކޮށްފައިވާ ފައިސާއެއް ނޫން ކަމަށް ބުނެ، އިޖުރާއީ އިއުތިރާޒެއް ނަގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދުނު ނަމަވެސް ކޯޓުން އިއުތިރާޒް ބަލައި ނުގަނެ ނިންމީ މައްސަލަ ކުރިއަށް ގެންދާށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ އަންހެން ދަރިވަރުގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒު ޝަރީއަތުން ބަލައި ނުގަތުމުން މައްސަލައަށް އެ ދަރިވަރުގެ ފަރާތުން ޖަވާބުދާރީވެފައެއް ނުވެއެވެ. އަދި ޝަރީއަތަށް ހާޒިރުވެފައިނުވާތީ މައްސަލަ ނިންމާފައިވަނީ ޣައިރު ހާޒިރުގައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް އިއްޔެ ކުރެއްވި ހުކުމުގައިވަނީ، އެ އަންހެން ދަރިވަރަށް އިތުރަށް ދޫކޮށްފައިވާ 33،694 ރުފިޔާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ރައްދު ކުރުމަށް އަމުރުކޮށްފައެވެ.

comment ކޮމެންޓް