ރާއްޖޭގެ ފުރަތަމަ "އައިސް ސްކޭޓިން ރިންކު" ޖުމެއިރާ ވިޓަވެލީގައި ހަދަނީ

ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓް --- ފައިލް ފޮޓޯ/ ރައީސް އޮފީސް

އައިސް ސްކޭޓިން ނުވަތަ އައިސް ހޮކީ ކުޅުމަށް ހަދާފައި އޮންނަ ތަން ނުވަތަ ރިންކެއް ޖުމެއިރާ ވިޓަވެލީ ރިސޯޓުގައި ހަދަން ނިންމައިފި އެވެ. މިއީ ރާއްޖޭގައި އައިސް ރިންކެއް ހަދާ ފުރަތަމަ ފަހަރެވެ.

މާލެ ކައިރީގައި އޮންނަ އެ ލަގްޒަރީ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަމިތު މަޖުމްދާއާ ހަވާލާދީ އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޓެލެގުރާފުގައި ބުނެފައިވާ ގޮތުން، އެ ރިސޯޓުގައި ހަދާނީ އާއްމުކޮށް ހުންނަ އާޓިފިޝަލް އައިސް ރިންކު ތަކާ ހިލާފަށް މުޅިން ވެސް ސިންތެޓިކް އާލާތްތައް ބޭނުން ކޮށްގެންނެވެ.

އެގޮތުން އައިސް ރިންކު ހެދުމަށް ބޭނުން ކުރާނީ ދުނިޔޭގެ ލީޑިން ސްވިސް ކުންފުންޏެއް ކަމަށްވާ ގުލައިސް އިން އުފައްދާ ޕުލާސްޓިކުން ހަދާފައި ހުންނަ އާޓިފިޝަލް އައިސް ގަނޑުތަކެކެވެ.

އާއްމުކޮށް އައިސް ރިންކު ހަދާފައި ހުންނަނީ، ކޮންކުރީޓު މަތީގައި ގަނޑު ކޮށްފައި އޮންނަ ފެންގަނޑެއް ހަދައިގެން ނެވެ.

"އަހަރެމެންގެ ވަރަށް ގިނަ ގެސްޓުން ހުރޭ އަލުން ރިސޯޓަށް އަންނަ. އެ ގެސްޓުން އަންނަ ކޮންމެ ފަހަރަކު ރިސޯޓަށް ގެންނަ ބަދަލުތަކާއި ތަރައްގީ ފެނި ލިބޭ ހައިރާން ކަމަކީ އެމީހުން އެ ރިސޯޓަށް އަންނަ ހިތްވާ ސަބަބެއް ކަމަށް އެމީހުން ބުނޭ،" ޖުމެއިރާ ވިޓަވެލީ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

ޓެލެގުރާފު ނޫހުގައި ބުނެފައިވާ ގޮތުން، ޖުމެއިރާ ވިޓަވެލީގައި ހަދާ އައިސް ރިންކު ހުޅުވާނީ އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

ދުބާއީގެ ޖުމެއިރާ ގްރޫޕުން ރާއްޖޭގައި ހިންގާ ވިޓަވެލީގައި ހަތް އޯޝަން ސޫޓާއެކު 43 ވިލާސް ހިމެނޭއިރު ކޮންމެ ވިލާއެއް ވެސް ހުންނަނީ ބީޗު ފެންނަ ގޮތަށެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލަކާއި މާ ބަގީޗާއެއް އޮވެ އެވެ.

އޭގެ އިތުރުން އެ ރިސޯޓުގެ އެންމެ ހާއްސަ އެއްތަނަކީ މިއަހަރުގެ ތެރޭގައި އެ ރިސޯޓުގައި ހުޅުވި ރޯޔަލް ރެޒިޑެންސް އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ހުޅުއްވައިދެއްވި އެ ތަނަކީ އެއްފަހަރާ 14 މީހުންނަށް ތިބެވޭ ގޮތަށް އިމާރާތްކޮށްފައިވާ ތަނެކެވެ.

އާދަޔާ ހިލާފު، ފެންވަރު ރަނގަޅު ޗުއްޓީއެއް ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ހަދާފައިވާ އެ ރެސިޑެންސް ހިމެނޭ ސަރަހައްދުގައި 3,500 އަކަމީޓަރުގެ ކަނޑުފަޅާއި، ރީތި ހުދު ދޮންވެލިގަނޑެއް ހިމެނޭއިރު އަމިއްލަ ސްޕާއަކާއި، ދެ ޕޫލާއި، ޖިމެއްގެ އިތުރުން ރެސްޓޯރަންޓަކާއި، ފެނުންމަތީ ބާއެއް ހިމެނެ އެވެ.

comment ކޮމެންޓް