މި އަހަރު ދޭންފެށި ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރަންޓް އެވޯޑްސްގައި، ރާއްޖޭގައި ހިންގާ ޖުމޭރާ ވިއްޓަވެލި ރިސޯޓަށް ތިން އެވޯޑާ އެކު ބޮޑު ކާމިޔާބެއް ލިބިއްޖެ އެވެ.
ޖުމޭރާ ވިއްޓަވެލިއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ރާއްޖޭގެ ބެސްޓް ލަގްޒަރީ ވެލްނެސް ސްޕާ އެވޯޑު ހިމެނެ އެވެ. އެ އެވޯޑު ލިބުނީ ރިސޯޓުގެ ޓަލީސް ސްޕާ އަށެވެ.
އެ ރިސޯޓުގެ ފެނެސް ރެސްޓޯރަންޓަށް ރާއްޖޭގެ އެންމެ ރަނގަޅު ފްރެންޗް ރެސްޓޯރަންޓްގެ އެވޯޑު ލިބުނު އިރު، އެ ރިސޯޓުގައި ހުންނަ ސުވަރްނާ ރެސްޓޯރަންޓަށް އޭޝިއާ ބައްރުގެ ބެސްޓް އިންޑިއަން ރެސްޓޯރަންޓް އެވޯޑު ލިބުނެވެ.
އެ ރިސޯޓަށް ލިބުނު މި އެވޯޑުތަކާ ގުޅިގެން ޖުމޭރާ ވިއްޓަވެލީގެ ޖެނެރަން މެނޭޖަރު ގްރާމް ކީ ވިދާޅުވީ މިއީ އެ ރިސޯޓާއި ރިސޯޓުގެ ޓީމަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ޖުމޭރާ ވިއްޓަވެލިއަށް މިދިޔަ އަހަރު ލަގްޒަރީ ޓްރެވަލް ގައިޑް ގްލޯބަލް އެވޯޑްސްގައި ގްރޭންޑް ލަގްޒަރީ ރިސޯޓް އޮފް ދަ އިޔާ އެވޯޑު ލިބިފަ އެވެ.
ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރަންޓްސް އެވޯޑަކީ ލަގްޒަރީ ސްޕާތަކާއި ރެސްޓޯރަންޓްތަކަށް ދުނިޔޭގެ ފެންވަރުގެ ރެކޮގްނިޝަން ދިނުމަށް ދެވޭ އެވޯޑެކެވެ. އެވޯޑުތައް ދެނީ ބައިނަލްއަގުވާމީ ގޮތުގެ އިތުރުން ބައްރުގެ ފެންވަރާއި އެކި ގައުމުތަކުގެ ފެންވަރުގައި މިން ކޮށްގެންނެވެ. އެގޮތުން، 78 ކެޓެގަރީއަކުން އެވޯޑު ދީފައިވާ އިރު، އެވޯޑު ލިބޭ ފަރާތްތައް ހޮވީ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުންނެވެ.