ކުރިއަށް އޮތް ޖޭމްސް ބޮންޑް ފިލްމުގައި ރޮބަޓް ޕެޓިންސަންއާ ދެކޮޅަށް ވިލަންގެ ރޯލަށް އިނގިރޭސި އެކްޓަރު ޖެކް އޯކޮނެލް ގެންނަން އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު ޑެނީ ބޮއިލް ތާއީދުކޮށްފިއެވެ.
ޑެނީ ބޮއިލް މިހެން ބުނެފައިވަނީ "އަލްކެމީ ވިތު އެންތަނީ މޭސަން" ޕޮޑްކާސްޓުގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ. މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ "ޑެޑްލައިން"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެކް އޯކޮނެލްއަކީ ޖޭމްސް ބޮންޑްގެ ރޯލަށްވެސް ވަރަށް އެކަށީގެންވާ އެކްޓަރެއް ކަމަށް ބޮއިލް ވަނީ ފާހަގަކޮށްފައެވެ.
"ޖެކް އޯކޮނެލްއަކީ ޚުދު ބޮންޑްގެ ރޯލަށްވެސް ވަރަށް މޮޅުވާނެ އެކްޓަރެއް. މިހާރު ދެކެވޭ ވާހަކަތަކަށް ބަލާއިރު، ވިލަންގެ ރޯލަށް އޭނާ ގެނައުމާމެދު މަޝްވަރާކުރެވެމުންދާކަން އެނގޭ،" ބޮއިލް ބުންޏެވެ.
ބޮއިލްގެ ކުރިއަށް އޮތް ފިލްމު "އިންކް"ގައި ވެސް އޯކޮނެލްއާއެކު މަސައްކަތްކޮށްފައިވާއިރު، އޭނާ ވަނީ އޯކޮނެލް އާއި ޕެޓިންސަންގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެ ދެ އެކްޓަރުންގެ ކިބައިގައިވެސް ބެލުންތެރިން ޝައުގުވެރިކުރުވާ ފަދަ ޚާއްސަ ޖާދޫއެއް ހުންނަ ކަމަށް ބޮއިލް ބުންޏެވެ.
"އެ ދެމީހުންގެ ކިބައިގައިވެސް އެ ޚާއްސަ ސިފަ އެބަހުރި. ބެލުންތެރިން ބޭނުންވާނެ އެމީހުން ބަލަން. އެއީ ކޮން ކަހަލަ ސިފައެއްކަން ސީދާ ބަޔާންކޮށްދޭން އުނދަގޫ، އެހެންނޫންނަމަ އަހަރެމެން އެންމެންވެސް އެ ސިފަ ގަންނާނެ. އެކަމަކު އެ ދެމީހުންގެ ކިބައިގައި އެކަން އެބަހުރި،" އޭނާ އިތުރަށް ބުންޏެވެ.
ޖޭމްސް ބޮންޑް ފްރެންޗައިޒްގެ ހަތްވަނަ ބޮންޑްގެ ގޮތުގައި ތައާރަފްކުރި އެކްޓަރު ރޮބަޓް ޕެޓިންސަން--ފޮޓޯ/ވެރައިޓީ"ސިނާސް" އަދި "28 އިޔާސް ލޭޓާ" ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އޯކޮނެލް، ބޮއިލްގެ "އިންކް"ގައި ކުޅެނީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސްވެރިޔާ އަދި އެޑިޓަރު ލެރީ ލޭމްބްގެ ރޯލެވެ. މި ފިލްމަކީ ރުޕަޓް މާޑޮކް އިނގިރޭސިވިލާތުގެ "ދަ ސަން" ނޫސް ގަތުމާއި، އެ ޤައުމުގެ ނޫސްވެރިކަމުގެ ދާއިރާއަށް އައި ބޮޑެތި ބަދަލުތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ދިގު ތާރީޚެއް އޮތް ޖޭމްސް ބޮންޑް ފްރެންޗައިޒްގެ ހަތްވަނަ ބޮންޑްގެ ގޮތުގައި ރޮބަޓް ޕެޓިންސަން ހަމަޖައްސާފައިވާކަން އެމޭޒަން އެމްޖީއެމް ސްޓޫޑިއޯއިން ރަސްމީކޮށް އިއުލާންކުރީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
ޕެޓިންސަންއަށް ތައުރީފުކުރަމުން ބޮއިލް ބުނީ "ޓްވައިލައިޓް" ފިލްމުތަކުން ފެށިގެންވެސް ޕެޓިންސަން އާއި ކްރިސްޓެން ސްޓުއާޓަކީ ޙަޤީޤީ ފިލްމީ ތަރިންކަން އެނގުނު ކަމަށެވެ. އަދި ޕެޓިންސަން އިނގިރޭސި އެކްޓަރަކަށް ވުމަކީ ބޮންޑްގެ ދުނިޔޭގައި އޭނާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ބޮއިލް ފާހަގަކުރިއެވެ. ޝައުޤުވެރި ކަމަކީ، 2019 ވަނަ އަހަރު ރިލީޒްކުރި "ހައި ލައިފް"ގައި ޕެޓިންސަން ދެއްކި އެކްޓިންގް ހުނަރާ ގުޅިގެން، ދެން އަންނަ ބޮންޑަކަށް އޭނާ ހަމަޖައްސަން ޖެހޭނެ ކަމަށް ބޮއިލް އޭރުވެސް "ދަ ގާޑިއަން" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާކަމެވެ.
ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" ޑައިރެކްޓްކުރުމަށް އެންމެ ފުރަތަމަ ހަމަޖެއްސީވެސް ޑެނީ ބޮއިލްއެވެ. ނަމަވެސް ޕްރޮޑިއުސަރުންނާއެކު އުފެދުނު ޚިޔާލުތަފާތުވުންތަކަކާ ގުޅިގެން 2018 ވަނަ އަހަރު އޭނާ އެ ޕްރޮޖެކްޓުން ވަކިވުމުން، އެ ފިލްމު ޑައިރެކްޓްކުރީ ކެރީ ޖޯޖީ ފުކުނާގާއެވެ.
އަދި ނަމެއް ހަމަޖެހިފައިނުވާ އާ ބޮންޑް ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ "ޑޫން" އަދި "ބްލޭޑް ރަނާ 2049" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑެނީ ވިލެނުއޭވްއެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ މަޝްހޫރު ސީރީޒް "ޕީކީ ބްލައިންޑާސް"ގެ އުފެއްދުންތެރިޔާ ސްޓީވެން ނައިޓެވެ.