ރޭގަނޑު ކެއްކި ރިހަގަނޑު މިއަދު މާ މީރުހެން ހީވަނީ ކީއްވެ؟

ރޭގަނޑު ބާކީވި ރިހަ އާއި ބިރިޔާނީ ނުވަތަ ބަތްގަނޑު އައިސްއަލަމާރީގައި ރައްކާކޮށްފައި. އެއް ރޭ ފާއިތުވުމުން މި ތަކެތީގެ ރަހަތައް މާ މީރުކަމަށް ގިނަ ބަޔަކު ޤަބޫލުކުރޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރި ރިހަގަނޑު ނުވަތަ ބިރިޔާނީ ބާކީވެގެން އައިސްއަލަމާރީގައި ބަހައްޓާފައި، އަނެއް ދުވަހު ހޫނުކޮށްލައިގެން ކާލާއިރު މާ މީރުހެން ހީވޭހެއްޔެވެ؟ ތާޒާކޮށް ކައްކާލާ ވަގުތު ހުންނަ މީރުކަމަށްވުރެ، އެއް ރޭ ފާއިތުވުމަށްފަހު ކާނާގެ ރަހަ މާ ބޮޑަށް ފުރިހަމަވެ، މީރުކަން އިތުރުވެފައި ހުންނަކަމީ ގިނަ ބަޔަކު ޤަބޫލުކުރާ ޙަޤީޤަތެކެވެ. ނަމަވެސް، އައިސްއަލަމާރީގައި ހުންނަ ވަގުތު ކާނާއަށް އަންނަނީ ކޮން ކަހަލަ ބަދަލެއްކަން އެނގޭ ހެއްޔެވެ؟ ކާނާގެ ތާރީޚާއި ސައިންސާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ދިގާ އޯގަނިކްސްގެ އަލޯކް ސިންގް ވަނީ މި ޝައުގުވެރި ސުވާލުގެ ޖަވާބު ސައިންޓިފިކް ނަޒަރަކުން ކިޔައިދެއްވާފައެވެ.

ބާކީވާ ކާނާ އަނެއް ދުވަހު މާ މީރުވުމަކީ ހަމައެކަނި މިއަދު ފާހަގަކުރެވޭ ކަމެއް ނޫނެވެ. އަލޯކް ވިދާޅުވާ ގޮތުގައި، މިއީ އޭޝިއާގެ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއްކުމުގެ ސަޤާފަތާ ގުޅިފައިވާ ޒަމާންވީ ޙަޤީޤަތެކެވެ. ރިހަ އާއި ބިރިޔާނީ އާއި ތަފާތު ވައްތަރުގެ ނޫޑްލްސް އާއި ސްޕެގެޓީ އަދި ޕާސްޓާއިން ފެށިގެން މަޑު ގިނީގައި ކައްކާ އެކި ބާވަތްތަކުގެ ސްޓޫތަކަކީ އެއް ރޭ ބެހެއްޓުމުން އޭގެ އަސްލު މީރުކަން ނުކުންނަ ތަކެއްޗެވެ.

އިހު ޒަމާނުގައި ގޭތެރޭގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން، ކޮންމެ ގަޑިއަކު ވަކިން ކެއްކުމުގެ ބަދަލުގައި ރިހަ އާއި މުގު ފަދަ ބާވަތްތައް ކައްކަނީ ގިނައިންނެވެ. އަދި ބާކީވާ ބައި ޖެހިގެން އަންނަ ކެއުންތަކުގައި ބޭނުންކުރެއެވެ. ތަކެއްޗާއި ވަގުތު އިގުތިސާދުކުރުމަށް ކުރި މި ކަމުގެ ތެރެއިން، ބައެއް ކާނާ ބެހެއްޓުމުން އޭގެ ރަހަ މާ ފުރިހަމަވާކަން އެ ޒަމާނުގެ ކައްކާއިންނަށްވެސް ވަނީ ތަޖުރިބާކުރެވިފައެވެ.

ޕާސްތާ އާއި ނޫޑްލްސް ފަދަ ބާވަތްތައްވެސް އެއް ރޭ ބެހެއްޓުމަށްފަހު އަނެއް ދުވަހު ކާލާއިރު ސޯސްގެ ރަހަ ރަނގަޅަށް ހިފައި މާ މީރުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކާނާ ބެހެއްޓުމުން މީރުވުމުގެ ފަހަތުގައި ވަރަށް ޝައުގުވެރި ސައިންޓިފިކް ސަބަބުތަކެއްވެއެވެ. ކައްކާފައި ހުންނަ އެއްޗެއް ހިހޫވެ، ހަމަޖެހިލަން ވަގުތު ލިބުމުން، އޭގައި ހިމެނޭ ބާވަތްތައް އެކަތި އަނެކައްޗާ އެކުވުމުގެ މަރުހަލާ ފެށެއެވެ. ހަވާދުގެ ބާވަތްތަކާއި، ތެލާއި، ތަރުކާރީ ނުވަތަ މަހުން ނުކުންނަ ދިޔަ މުޅި ކާނާގެ ތެރެއަށް އެއްވަރަކަށް ފެތުރި، ވަކިވަކިން ހުރި ރަހަތައް އެއް ރަހައަކަށް ބަދަލުވެއެވެ.

އަލޯކް ވިދާޅުވި ގޮތުގައި، އިނގުރާއި، ލޮނުމެދާއި، ފިޔާ އަދި ހަވާދުގައި ހިމެނޭ މީރު ވަސްދުވާ މާއްދާތައް ކައްކާ ނިމުމަށްފަހުވެސް އިތުރަށް ތަރައްޤީވެއެވެ. އަދި އަނެއް ދުވަހު ކާނާ އަލުން ހޫނުކޮށްލުމުން، މި މީރު ވަސްތައް އަލުން ބޭރުވެ، ކާނާގެ ރަހަ މާ ފުންވެ، މީރުކަމުގެ އިހުސާސް ކުރެވެއެވެ. ޚާއްޞަކޮށް މުގުގެ ބާވަތްތަކާއި އަދި އެއްގަމުމަހުގެ ރިހަތަކުގައި ހަވާދުގެ ދިޔަ ރަނގަޅަށް ހިފުމުން ގްރޭވީ އިތުރަށް އޮމާންވެ މީރުވެއެވެ.

ބިރިޔާނީ އާއި ރިހަ ފަދަ ތަކެތި އަނެއް ދުވަހު މީރުވިޔަސް، ހުރިހާ ކާނާއަކީ ބެހެއްޓުމުން މީރުވާ ތަކެއްޗެއް ނޫނެވެ. ތެލުލާފައި ހުންނަ ތަކެތީގެ މުރަނަކަން ގެއްލި މަޑުވާއިރު، ތާޒާ ފަތްޕިލާވެލީގެ ކުލަ އާއި ތާޒާކަން ކެނޑެއެވެ. އަދި މަޑު ތަރުކާރީ އަޅާފައި ހުންނަ ކާނާ އަލުން ހޫނުކުރުމުން މާ ބޮޑަށް ޗަސްވެ، އޭގެ އަސްލު ރަހަ ގެއްލިދާނެއެވެ.

އަޅުގަނޑުމެންނަށް ކާނާގެ ރަހަ އިހުސާސްވުމުގައި ނޭފަތަށް ދުވާ ވަހަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ބާކީވެފައި ހުންނަ ކާނާ އަލުން ހޫނުކޮށްލުމުން އޭގެ މީރު ވަސް މުޅި ބަދިގެއަށް ފެތުރި، ކާހިތްވާ މިންވަރު އިތުރުކޮށްދެއެވެ. މީގެ އިތުރުން، ކުރިން ކައިފައިވާ މީރު އެއްޗަކަށް ވުމުން ސިކުނޑިއަށް ލިބޭ ހިތްހަމަޖެހުންވެސް މީގައި ހިމެނެއެވެ. އެހެންކަމުން، އަނެއް ދުވަހު ކާނާ މާ މީރުވާ ސަބަބަކީ، ކާނާއަށް އަންނަ ސައިންޓިފިކް ބަދަލުތަކާއި އަޅުގަނޑުމެންގެ ހިއްސުތަކަށް ކުރާ އަސަރު އެކުވެގެން އުފެދޭ ފުރިހަމަ ނަތީޖާއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު