ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ 16 ސަރަހައްދެއްގައި ބަނޑުހައިހޫނުކަމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމުގެ އިންޒާރު ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އާއި ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން މިއަދު ދީފިއެވެ.
އެކުވެރި ދައުލަތްތަކުގެ (އދ.) މި ދެ އިދާރާއިން ބުނި ގޮތުގައި، އެފްރިކާގެ ބައެއް ސަރަހައްދުތަކަށް މި މުއްދަތުގެ ތެރޭގައި ތަދުމަޑުކަމުގެ ނުރައްކާ ކުރިމަތިވެފައިވެއެވެ.
މިދިޔަ ޖޫން މަހު ނެރުނު ރިޕޯޓުގައި ބަނޑުހައިހޫނުކަމުގެ ނުރައްކާ އެންމެ ބޮޑު 13 ސަރަހައްދެއް ފާހަގަކޮށްފައި އޮތް ނަމަވެސް، މި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އެކުލަވާލައި ދެ އިދާރާއިން ގުޅިގެން ނެރުނު އާ ރިޕޯޓުގައި އެ އަދަދު ވަނީ 16 އަށް އިތުރުވެފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، މި ލިސްޓުން ލުބުނާން އުނިކޮށް، ޗާޑް، ޔޫގެންޑާ، އަދި ދެކުނު އެފްރިކާއާއި މެދުތެރޭ އެމެރިކާގެ ބައެއް ސަރަހައްދުތައް ވަނީ އަލަށް އިތުރުކޮށްފައެވެ. އެފްއޭއޯއާއި ޑަބްލިއުއެފްޕީން ބުނީ ހަމަނުޖެހުންތަކާއި، ގެދޮރު ގެއްލުމާއި، އިގުތިސާދީ ދަތިކަމުގެ އިތުރުން މޫސުމަށް އަންނަ ނުރައްކާތެރި ބަދަލުތަކުގެ ސަބަބުން މިވަގުތު އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ސޫދާން، ދެކުނު ސޫދާން، ސޯމާލިއާ، އުތުރު ނައިޖީރިއާ އަދި ޔަމަނަށް ކަމަށެވެ.
މީގެ އިތުރުން، އިންސާނީ އެހީއަށް ލިބޭ ފައިސާ މަދުވުމުގެ ސަބަބުން ބޮޑު ކާރިސާއެއް ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅެމުންދާ ކަމަށް އެ ދެ އިދާރާއިން ވަނީ އިންޒާރުދީފައެވެ. އެފްއޭއޯގެ އިމަޖެންސީސް އެންޑް ރެޒިލިއަންސް އޮފީހުގެ އިސް އޮފިޝަލެއް ކަމަށްވާ ކޮނާ އެލިއަޓް ވިދާޅުވީ، ބަނޑުހައިހޫނުކަމުގެ ނުރައްކާ އެންމެ ބޮޑު ފަސް ގައުމަށް 2022 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ލިބުނު އެހީ ތިންބައިކުޅަ ދެބަޔަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ އެހީތެރިކަމަށް އައި ވަރަށް ބޮޑު ބަދަލެއްކަން ފާހަގަކުރައްވައި، އެހީ މަދުކުރުމުގެ ސަބަބުން ކާރިސާގެ ބޮޑުމިން ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްވެސް ހުރަސްއެޅެމުންދާ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 16 ސަރަހައްދުގެ ތެރެއިން 12 ސަރަހައްދެއްގައި ބަނޑުހައިހޫނުކަން އިތުރުވަނީ ހަތިޔާރުއެޅި ހަމަނުޖެހުންތަކާއި އަނިޔާވެރިކަމުގެ ސަބަބުންނެވެ. އަދި ކާބޯތަކެއްޗާއި، ހަކަތައާއި، ދަތުރުފަތުރުގެ އަގުތައް އުފުލުމުގެ ސަބަބުން އާންމުންނަށް ކާބޯތަކެތި ހޯދުމުގެ ގާބިލުކަން އިތުރަށް ދަށަށް ދާ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، އުފެދެމުން އަންނަ އެލް ނީނޯ މޫސުމީ ބަދަލުގެ ސަބަބުން ދެކުނު އެފްރިކާއާއި މެދުތެރޭ އެމެރިކާގެ ބައެއް ހިސާބުތަކަށް ހަނަފަސްކަމާއި ގަދަ ހޫނު ކުރިމަތިވެ، އިރުމަތީ އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، މި ކާރިސާ އިތުރަށް ގޯސްވެދާނެ ކަމަށް އެ އިދާރާތަކުން ބުންޏެވެ. އެލިއަޓް ވިދާޅުވީ، އެލް ނީނޯގެ ވަރަށް ބާރުގަދަ އަސަރެއް ކުރާނެ ކަމަށާއި، ކުރިއަށް އޮތް މަސްތަކުގައި ބައެއް ސަރަހައްދުތައް ހަނަފަސްކަމުން ބޯކޮށް ވާރޭވެހުމުގެ ހާލަތަކަށް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.
ވަކިވަކި ގައުމުތަކުގެ ހާލަތަށް ބަލާއިރު، ސޫދާނުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށާއި، ބާޒާރުތަކަށާއި، އެހީ ފޯރުކޮށްދިނުމަށް ބުރޫއަރާފައިވާތީ، 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އުތުރު ދާރުފޫރާއި ދެކުނު ކޮރްދޮފާންގެ 13 ސަރަހައްދަކަށް ތަދުމަޑުކަމުގެ ނުރައްކާ އޮތް ކަމަށް އެ ދެ އިދާރާއިން ބުންޏެވެ. އަދި ސޯމާލިއާގެ ބައިދޯއާ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުންގެ މެދުގައާއި، ހަމަނުޖެހުންތައް އިތުރުވެ އިންސާނީ ހާލަތު ގޯސްވެފައިވާ ދެކުނު ސޫދާނުގެ ބައެއް ހިސާބުތަކުގައިވެސް ތަދުމަޑުކަމުގެ ނުރައްކާ އޮތް ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އަފްގާނިސްތާނާއި، ހެއިޓީއާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރުން ފަލަސްތީނުގެ ގައްޒާއަކީވެސް ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ސަރަހައްދުތަކުގެ ގޮތުގައި ވަނީ ގިންތިކޮށްފައެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް މެދުކަނޑާލުމަށްފަހު ކާބޯތަކެތީގެ ރައްކާތެރިކަން ރަނގަޅުވެފައިވާތީ، އެންމެ މަތީ ދަރަޖައިގެ ކަންބޮޑުވުން އޮތް ސަރަހައްދުތަކުގެ ލިސްޓުން ގައްޒާ ވަނީ ދަށްކޮށްފައެވެ. އެހެންނަމަވެސް، ގައްޒާގެ ހާލަތު އަދިވެސް އޮތީ ނާޒުކު އަދި ސީރިއަސް ފައްތަރެއްގައި ކަމަށް އެފްއޭއޯއާއި ޑަބްލިއުއެފްޕީން އިންޒާރުދިނެވެ.