ސިހުރު ހެދުމާއި ފަންޑިތަ ހެދުމާއި ފެންފުޅިކިޔަވައިފައި މެތުރުމާއި ރުގުޔާ ކުރާ މީހުން ދުވަހެއް ދުވަހަކަށް ރާއްޖޭގައި ވެސް އަންނަނީ ގިނަވަމުންނެވެ. މީގެ ތެރޭގައި މުސްކުޅި ދިވެހި ކާބަފައިން ކޮށް އުޅުނު ގޮތަށް އެ މަސައްކަތްކުރާ މީހުން ވެސް އުޅެއެވެ. ފެންނަ ފެނުމަށް އަރަބި ބައެއް ގައުމުތަކުން ކިޔަވައިގެން އައިސްތިބި ބައެއް ކަމަށް ހެދިގެން އުޅޭ މީހުން ވެސް މިކަމުގެ ތެރޭގައި އުޅޭ ތަން އެބަ ފެނެއެވެ. ހަމައެކަނި އިންޓަނެޓު މެދުވެރިކޮށް ލިބޭ މަދު މައުލޫމާތު ކޮޅެއްގެ އެހީގައި އެކަން ދަސްކޮށްގެން، އެކަން ކުރާ މީހުން ވެސް ކޮންމެވެސް މިންވަރަކަށް ފެނެއެވެ. އަޅައިއުޅޭ ހެދުމުންނާއި ހުންނަ ގޮތުން އެއީ ކޮން ގައުމަކުން ކިޔަވައިގެން އައިސް ތިބި ބައެއްކަން ދެނެނުގަނެވޭ ޒާތުގެ މީހުން ވެސް މިކަމުގެ ތެރޭގައި އުޅެއެވެ. ބޭރު ގައުމުތަކުގެ ބިދޭސީ ބައެއް މީހުން ވެސް މި ކަމުގައި އެބައުޅެއެވެ. މި ހުރިހާ ބާވަތެއްގެ މީހުން ވެސް އެ މަސައްކަތަށް އެންމެ މޮޅީ އެ މީހާ ކަމަށް ދެކެއެވެ. ކޮންމެ އަކަސް މިއީ ދިވެހި މުޖުތަމައުން ފެންނަ ކަމެއް ވީމާ އެ ވާހަކަ ވެސް ލިޔެލީއެވެ.
ފަންޑިތައާއި އިލްމީ ރުގުޔާކުރަން މޮޅުކަމަށް ހެދިގެން އުޅޭ މީހަކު އަތޮޅުތެރޭގެ ރަށަކަށް ކުރި ދަތުރެކެވެ. ރަށުގައި ހުރި ކަމުވޮށިގެންވާ މީހެއްގެ އެހީތެރިކަމާއެކު އެ ރަށަށް ގޮސް ރުގުޔާގެ މަސައްކަތްގަނޑު ފަށައިފިއެވެ. ދެނަކާ ދެނެއް ނެތެވެ. ރަށުގެ ވަރަށް ގިނަ މީހުން މީނާގެ ގާތަށް ކޮންމެވެސް ކަމަކު ނާންނަ ވަގުތެއް ނުދެއެވެ. ބޮލުގައި ނުވަތަ ބަނޑުގައި ރިއްސާތީ، އެތައް ފަހަރަކު ޑޮކުޓަރަށް ދައްކައިގެން ރަނގަޅު ނުވެފައި ތިބި މީހުންނެވެ. އަނބި މީހާގެ ލޯބި ބަރާބަރަށް ނުލިބޭތީ ލޯބި ލިބޭނެ ގޮތް ހަދާން އައި މީހުންނެވެ. ގޭގެ ފިހާރައިން ރަނގަޅަށް ވިޔަފާރި ނުވާތީ، ވިޔަފާރި ރަނގަޅު ކުރާން ކުރެވޭނެ ކަމެއް ހޯދާން އައި މީހުންނެވެ. ހިތާވާން ބޭނުންވާ މީހާއާ، ހިތާ ނުވެވިފައި ވާތީ އެކަން ކުރާނެ މުޖައްރިބު ފަންޑިތައެއް ހަދާން އައި މީހުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ގުރޭޑު 10ގައި އުޅޭ ދަރި ފާސްނުވަނީ ތިމާގެ މީހަކު ކޮންމެވެސް އެއްޗެއް ހަދައިގެން ކަމަށް ގަބޫލުކޮށް އެކަން ރަނގަޅުކުރާން އައި މީހުން ވެސް މަދެއް ނޫނެވެ. މި މީހަކަށް ދެއްކުމަށް ރަށުގެ ދެބައިކޮށްފައި އެއްބަޔަށް ވުރެ ގިނަ މީހުން ދިޔަ ކަމަށް ވެއެވެ.
ކޮންމެ ރެއެއްގެ މަޣުރިބު ނަމާދަށް ފަހު އޮންނަނީ މި ފަދަ ކަންކަމަށް އެދި އައިސް ތިބޭ މީހުންނާ ބައްދަލުކުރުމެވެ. އެ މީހުންގެ މުހުތާދުތައް އަޑު އަހައި އެކަންކަން ހައްލުވާނެ ގޮތުގެ "މުޖައްރިބު" ގޮތެއް ބުނެދިނުމެވެ. ކިޔައިދިނުމެވެ. ކަން ހައްލުކޮށްދިނުމެވެ. ކުރަންޖެހޭ ކަންކަން ކުރުމެވެ. ހަފުތާއެއް ފާއިތުވެގެން ދިޔައިރުވެސް ކަންކަމަށް އެދި އަންނަ މީހުންގެ ކިއޫ ކުޑަވާ ގޮތެއް ނުވިއެވެ. ބަލީގެ ފަރުވާ ދޭނެ ޑަކުޓަރުން ރާއްޖޭގައި ނެތް ދުވަސްވަރު، އެކި ބަލިތަކަށް ޚާއްސަ ޑަކުޓަރުން އިންޑިޔާއިން ގެނައި ޒަމާން ހަނދާނަށް ގެންނާށެވެ. އޭރު ކަން ހިނގި ގޮތާ، މިހާރު މި ހިނގާ ކަންކަމަކާ މާ ބޮޑު ތަފާތެއް ނެތެވެ. ނޫނެކެވެ. ތާފާތެއް ނެތޭ ބުނާކަށް ނުވާނެތާއެވެ. އެއީ ވަރަށް ބޮޑު އެއް ތަފާތެއް އޮތް ކަމަށް ފެންނާތީއެވެ.
ބަލިތަކަށް ޚާއްސަ ޑަކުޓަރުން އެ ގޮތަށް އަންނަ އިރު ސަރުކާރުގެ ހޮސްޕިޓަލުތަކުން ނުވަތަ ސަރުކާރުގެ ފަރާތުން ރަށްރަށަށް ފޮނުވައިގެން އެ ޑަކުޓަރުންގެ ޚިދުމަތްތައް ދިނީ ހިލެއެވެ. ރައްޔިތުން އަތަކުން ފައިސާއެއް ނުނަގައެވެ. ކުރީ ބައިގައި ނަން ނޯޓުކޮށްގެން ޑަކުޓަރަށް ދައްކާލެވެއެވެ. މިހާރު މި އުޅޭ ޒާތުގެ "މުޖައްރިބު" ފަރުވާދޭ މީހުން އަގެއް ނުކިޔައެވެ. އެކަމަކު ފެންނަ އެއްޗެއް ދޭން ބުނެއެވެ. ނަތީޖާއަކީ "ނަމުން ހިލޭ ވިޔަސް، ކަމުން ބޮޑު ހޭދައެއް" ކުރާން ޖެހުމެވެ. އެ ވަރު ތުރާލަކާއި އުނދަގުލަކުން ސަލާމަތްވާނޭ ކަމުގެ ކަށަވަރު ކަމާއި މުޖައްރިބުކަން ލިބުނީމާ އަތުގައި އޮންނަ އެއްޗަކާއި އަތުގައި ނެތް އެއްޗެއް، މީހެއްގެ އަތުން ހޯދައިގެން ވެސް ދޭނޭ ތާއެވެ؟ އާޚިރު މި ވާ ގޮތަކީ ކުރީ ބައިގައި އަގެއް ކިޔައިގެން ލިބޭ ޚިދުމަތަށް ވުރެ މި ކަމަށް ކުރާން ޖެހޭ ހޭދަ ބޮޑުވުމެވެ.
މަހަކު ތިން ފަހަރު ކިޔަވާން ޖެހުމާއި ތިން މަހުން އެއް މަހު "ފޮލޯއަޕް" ހަދާން ޖެހޭ ގޮތަށް އަންނަ އިރުޝާދުތައް ވެސް މަދެއް ނޫނެވެ. އަވަށްޓެރި ގައުމަކަށް ޑަކުޓަރަށް ދައްކަން ދާ މީހާ ވެސް އަހަރަކު ދެ ފަހަރު އެ ގައުމަކަށް "ފޮލޯއަޕް" ހަދަން ދާން ޖެހޭ އުސޫލުންނެވެ. ބަލިން ރައްކާތެރިކަން މަތީ ދެމިހުރުމަށް މި ފަދަ ހޭދައެއް ކުރާން، ބަލީގައި އުޅޭ މީހާ ޖެހިލުމެއް ނުވާނެތާއެވެ. ކިތަންމެ ފައިސާއެއް ދޭން ޖެހުނަސް އެ ޚަރަދުކުރާނެ ނޫން ހެއްޔެވެ؟
"މުޖައްރިބު ފަރުވާގެ ކުލިނިކު" ހުޅުވައިގެން އުޅޭ "ސިހުރުވެރިޔާ" ގާތަށް، މެދު އުމުރުގެ މީހެއް ކަމުގައިވާ ދޮން ހުސޭނު ދިޔައެވެ. ގޮސް ދޮން ހުސޭނުގެ މުހުތާދު ވެސް މި މީހާ ގާތުގައި ބުނެފިއެވެ.
"މި އުޅެނީ ވޭތުވެ ދިޔަ ތިން އަހަރުން ފެށިގެން ގޭތެރޭގެ ކަންކަން ހަމަ އެއްގޮތަކަށް ވެސް ހަމައަކަށް ނޭޅިގެން. ތިން ދަރީން ވެސް ވަރަށް ބަލި. އަނެއްކާ އަންހެނުން ވެސް އަބަދު އުޅެނީ ނޭނގޭ ޒާތެއްގެ ބައްޔެއްގައި! މި ކަމަށް ފަރުވާއެއް ނެތް ތަ؟"
"ނޫން ފަރުވާ ހުންނާނެ! ޖެހޭނީ ތިޔަ ވެގެން އުޅޭ ގޮތެއް ބަލައިލާން." "ސިހުރުވެރިޔާ" ބުންޏެވެ.
މި ހެން ބުނެ އިރުގަނޑަކު ކިޔެވެއްޔެއް ކިޔަވައިފައި ބުނެފިއެވެ.
"އަދި މިރޭ އިތުރަށް ބަލައިލާނަން. ދެންމެ މި ބަލައިލި ބަލައިލުމުން އެނގުނީ ކޮންމެވެސް ގޯހެއް އުޅޭ ކަން. މާދާމާ ރޭ އަންނަ އިރު، ތިޔަ ގޭގެ ގޯތި ތެރެއިން، ގެއަށް ވަންނަ ދޮރު ކުރިމަތީން، ވެލި މުށެއް ނަގައިގެން، އެ ހިފައިގެން އާދޭ! ވެލިމުށް ނަގާނީ މަޣުރިބު ނަމާދާ އިޝާ ނަމާދާ ދެމެދުގެ ވަގުތެއްގައި. ބިސްމި ކިޔަވާފައި އަލްހަމްދު ކިޔާފައި ވެލިމުށް ނަގާނީ. ހަނދާން ކުރާތި، އިޝާ ނަމާދަށް ގޮވުމުގެ ކުރީން އެ ވެލި މުށް ނަގާތި. އިޝާ ނަމާދު ކޮށްގެން މިސްކިތުން ފައިބައިގެން ސީދާ މި ގެއަށް އާދޭ!"
"ލައްބަ!" މިހެން ބުނެ ދޮން ހުސޭނު ނުކުމެގެން ހިނގައްޖެއެވެ.
އަނެއް ރޭގެ އިޝާ ނަމާދު ފަހެވެ. އެންމެން މިސްކިތުން ފައިބައިގެން ގެއާ ދިމާއަށް ހިނގައިގަތް އިރު، ބަލީގެ ފަރުވާއަށް ވެލި މުށް ހިފައިގެން އަންނާން ބުނެފައި އޮތް، ދޮން ހުސޭނު މިސްކިތުން ފޭބި ގޮތަށް ހިނގައިގަތީ "ސިހުވެރިޔާގެ ކުލިނިކާ" ދިމާއަށެވެ. ބާރު ހިނގުމެއްގައި އެ ގެއަށް ދިޔަ އިރު ދެ ތިން މީހުން އޭރު ވެސް ތިއްބެވެ. މާ ގިނަ އިރެއް ނުވެ "ސިހުރުވެރިޔާ" ގާތަށް ދޮން ހުސޭނަށް ވަދެވިއްޖެއެވެ.
"ކޮބާ ވެލި މުށް؟ ގެނައިންތަ؟" ސިހުރުވެރިޔާ އަހާލިއެވެ.
"ލައްބަ ގެނައިން. މި އޮތީ." މިހެން ބުނެ އަތްތިލަ ހުޅުވައިފައި އަތުގައި ހުރި ވެލިތައް ސިހުރުވެރިޔާއަށް ދައްކާލިއެވެ.
ސިހުރުވެރިޔާ އަތްތިލަ ހުޅުވައިލީމާ، ވެލިތައް އޭނާގެ އަތަށް އަޅައިލިއެވެ. އަތް ހުޅުވައިގެން އިނދެ ތުން ތަޅުވާން ފައްޓައިފިއެވެ.. ކިޔަނީ ކޮން އެއްޗެއްކަން ނޭނގޭހާ ހަލުވިކޮށް އެ ކިޔާ އެއްޗެއް ކިޔާ އަޑު އިރުއިރުކޮޅާ ގަދަކޮށްލައިފައި އަނެއްކާ ވެސް ތުން ތަޅުވާން ފައްޓައެވެ. މި ގޮތުގައި ފަސް ވަރަކަށް މިނެޓު ހޭދަ ކޮށްފައި ބުނެފިއެވެ.
"ކަމަކު ދާކަށް ނެތް. ވަރަށް ގޯސް. މި ވާހަކަތައް އަޑު އަހާން ކެރޭތަ؟"
"ކީއްވެ އަޑު އަހާން ނުކެރޭން ވީ؟" އަޑު އަހާން ކެރޭނެ. ކިޔާ ބަލަ ތިޔަ ކިޔާ އެއްޗެއް" ދޮން ހުސޭނު ބުންޏެވެ.
އެހެން ވިއްޔާ ރަނގަޅަށް އަޑު އަހާ! ކަލޭގެ ތިން ދަރީންގެ ތެރެއިން އިސްކޫލުގެ ގުރޭޑު ދިހައެއްގައި އުޅޭ އެންމެ ދޮށީ އަންހެން ދަރިއަށް ހުރީ މި ރަށު ކަތީބުގޭ ފާތުމަ ފަންޑިތަ ހަދާފައި. އެއީ ފާތުމަގެ ދަރިއަށް ވުރެ ކަލޭގެ ދަރީ ކިޔެވުމަށް މޮޅުވީމާ. އަދި އެންމެ ނުރައްކާތެރި ކަމަކީ، ތި ގެއާ ޖެހިގެން ހުރި ގޭގެ، ވަޑި އާދަނު އުޅެނީ ކަލޭގެ އަންހެނުންނަށް ފަންޑިތަ ހަދައިގެން އޭނާއާ ހިތާވެގެން. ތިޔަ ގޭގެ ދޮރުމަތީން ނެގި މި ވެލިތަކަށް ވެސް ހުރީ ސިހުރު ހަދާފައި. މި ކަމުން ސަލާމަތް ވާން ޖެހޭނީ ކަމެއް ކުރާން. ގޭ ދޮރު މައްޗަށް ޖެހޭނީ ފެން ކިޔަވާފައި އަޅާން. އޭރުން ތިޔަ ގެއަށް ހަދާފައި ސިހުރު ފިލާނީ. އެ ހުރިހާ ވެއްޔެއްގައި އެ މީހުން ހަދާފައި ސިހުރުގެ އަސަރު ވަރަށް ގަދައަށް އެބަ ހުރި. ގޭ ދޮރުމަތީ ވެއްޖެ ފަންޑިތައެއް ވެސް ވަޅުލައިފައި."
މި ވާހަކަތައް ކަނުލާ އަޑު އަހާން ދޮން ހުސޭނު އިނީ މަޑުމަޑުންނެވެ. "ސިހުރުވެރިޔާ"ގެ ވާހަކަތައް ނިމުނީމާ ލާނެއް ހިނިގަނޑެއް ޖަހައިފައި "ސިހުރުވެރިޔާ"އާ ދިމާއަށް ބުންޏެވެ.
"ބަލަ އަހަރެންގެ ގޭގެ ދޮރުމައްޗަށް ކޮން ސިހުރެއް ހަދާފައި ހުރި ވާހަކައެއް ތިޔަ ދައްކަނީ! ތިޔަ ވެލި މުށަކީ "ކަލޭ" މިހާރު ތިޔަ އިން، މި ގޭގެ ދޮރުމަތީން މި ތަނަށް ވަންނަމުން ދެންމެ ނެގި ވެލި މުށެއް. ދޮގާއި މަކަރު ހެދިޔަސް ތީ ތަންފުކެއް ބޮޑުވަރެއް!"
މިހެން ބުނެ ސިއްރުސިއްރުން އޭނާގެ ކަންފަތް ބުޑުގައި އެއްޗެކޭ ބުނެފައި އެ ގެއިން އޭނާ ނުކުމެގެން ހިނގައްޖެއެވެ.
މި "ސިހުރުވެރިޔާ" އެ ރަށުގައި އިތުރަށް ހޭދަކުރި އެއް ހަފުތާތެރޭގައި ލިބުނު ހުރިހާ ފައިސާއެއްގެ ދެބައިކޮށްފައި އެއްބައި، ވެލިމުށް ގެނައި މީހާއަށް ހަދިޔާއަކަށް ދިން ކަމަށް ރަށުތެރޭގައި މީހުން ކިޔައި އުޅުނޯލައެވެ.