އެނދު ނުލިބި އީއާރުގައި ދެ ދުވަހަށް ވުރެ ގިނައިން ބަލިމީހުން ބައިތިއްބަން ޖެހޭ، މިހާރުވެސް 800 އެނދު ބޭނުންވޭ: ޙަލީމް

އައިޖީއެމްއެޗުގައި ބަލި މީހަކަށް ފަރުވާ ދެނީ: އީއާރުން އެނދު ނުލިބިގެން ބަލި މީހުން ބައިތިއްބަން ޖެހޭ ކަމަށް ހަލީމް ވިދާޅުވި --- ފޮޓޯ: އައިޖީއެމްއެޗް

މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކަށް ގާތްގަނޑަކަށް 800 އެނދުނު ބޭނުންވާ ކަމަށާއި އެނދު ނުލިބިގެން، އީއާރުގެ ތެރޭގައި ދެ ދުވަހަށް ވުރެ ގިނަ ދުވަހު ވެސް ބަލި މީހުން ބައިތިއްބަން ޖެހޭ ކަމަށް ޓާޝަރީ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހަލީމް ވިދާޅުވީ، މާލެ ސަރަހައްދުގެ އާބާދީ އިތުރުވެ، އަތޮޅުތެރެއިން ޒިޔާރަތް ކުރާ މީހުން ގިނަވާ މިންވަރާ އަޅާބަލާއިރު ސިއްހީ ދާއިރާގެ އިމާރާތްތައް ބިނާކުރެވިފައި ނެތް ކަމަށެވެ.

މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، ހުޅުމާލޭގެ އާބާދީ އެތައް ގުނައެއް އިތުރުވިއިރު، އެ ތަނުގައި ސިއްހީ ފަރުވާ ދޭން ހުރީ ހުޅުމާލެ ހޮސްޕިޓަލް އެކަނި ކަމެވެ. އެގޮތުން، ސަރުކާރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންނާ އެކަށީގެންވާ ވަރަށް އެނދު ވެސް ނެތްކަން ހަލީމް ފާހަގަކުރެއްވިއެވެ.

"އާބާދީއަށް ބަލާއިރު، ސަރުކާރު ހޮސްޕިޓަލްތަކުގައި ބޭނުންވޭ ގާތްގަނޑަކަށް 800އެއްހާ އެނދު މާލެ ސަރަހައްދަށް. އެކަމަކު، މިހާރު އަޅުގަނޑުމެންގެ ހުރީ ވެސް 500އެއްހާ އެނދު،" ހަލީމް ކިޔައިދެއްވިއެވެ.

މިއަދު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ޓާޝަރީ ހޮސްޕިޓަލްތަކުގެ ސީއީއޯ ހަލީމް ވާހަކަދައްކަވަނީ --- ފޮޓޯ: މަޖިލިސް

މީގެއިތުރުން، ބަލި މީހުންގެ އެޑްމިޝަންއަށް އައުމުން ހޮސްޕިޓަލުން ރޫމު ގިނަ ފަހަރަށް ބޭނުންވާ ކަމަށް ހަލީމް ކިޔައިދެއްވިއެވެ. ރޫމަކަށް ބަލި މީހަކު ލަނީ ވެސް، އެ މީހެއްގެ ހާލަތަށް ބަލާފައިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ބޮޑަށް ވިސްނަނީ ބަލި މީހުންގެ ރައްކާތެރި ކަމަށް ކަމަށެވެ.

ރޫމުތައް ދޫކުރުމަށް ވެސް އައިޖީއެމްއެޗުގައި މެކޭނިޒަމެއް ހަދާފައިވާ ހުރެއެވެ. އެކަމަކު، އެ ރޫމެއް ހުސްވާއިރަށް، އެހެން ބަލި މީހަކު އެ ތަނަކަށް ބަދަލެއް ނުކުރެވެއެވެ. ހަލީމް ކިޔައިދެއްވި ގޮތުގައި އެއީ، އެ ތަނުގައި ބަލި މީހަކު ބޭއްވުމުގެ ކުރިން ސާފުކުރުމާއި އެހެނިހެން ކަންކަން ވެސް ހިނގާތީއެވެ.

ރޫމުގެ ދަތިކަން އޮތުމުން މިހާރު އައިޖީއެމްއެޗުން މަސައްކަތް ކުރަނީ، ޚިދުމަތްތައް ރަނގަޅު ކުރުމަށެވެ. މިގޮތުން ބަލި މީހުން އެޑްމިޓުކުރާއިރު، ޑިސްޗާކުރުމުގެ ޕްލޭންތައް ހަދައެވެ. ހަލީމް ވިދާޅުވީ، ޑޮކްޓަރަކު ބަލި މީހަކު ޑިސްޗާޖު ކުރުމަށް ނިންމާތާ ތިން ގަޑިއިރު ތެރޭގައި މިހާރު އެ ކަން ނިމި، އެނދުތައް ހުސްކުރުމާއި ރޫމުތައް ހުސްކުރުމަށް އިސްކަންދެވޭ ކަމަށެވެ.

"އަޅުގަނޑުމެނަށް ރޫމަށް ވުރެ މާ ބޮޑު ޗެލެންޖެއް އެއީ ބެޑް އެވެލައިބިލިޓީއަކީ. ރޫމަކީ ދެން ބޮޑަށް ކޮންވީނިއަންޓުކޮށް އޮންނަ ކަމަކަށްވިޔަސް، ބެޑްސް ނުލިބިގެން އަޅުގަނޑުމެން އީއާރުގެ ތެރޭގައި ބަލި މީހުން ބައިތިއްބަން އެބަ ޖެހޭ އެއް ދުވަސް ނޫނީ ދެ ދުވަހެއް ނުލިބިގެން" ހަލީމް ކިޔައިދެއްވިއެވެ.

އޭނާ ވަނީ، މިހާރު މި ސަރަހައްދުގެ އިމާރާތްކުރާ ހޮސްޕިޓަލުތަކުގައި ރޫމުތައް އިތުރުކުރުމަށް އިސްކަންދޭނެކަން ފާހަގަކުރައްވާފައެވެ.

ބަލި މީހުންނާ އެކަށީގެންވާ އަދަދަށް އެނދާއި ރޫމުތައް ސަރުކާރު ހޮސްޕިޓަލްތަކުން ނުލިބޭ ކަމުގެ ޝަކުވާތައް އަބަދުވެސް ކުރެއެވެ. އަދި، އެ ކަމާ ހެދި ޚިދުމަތް ނުލިބި، ލަސްވާތީ ވެސް އެތައް ފާޑުކިޔުމެއް އެ ހޮސްޕިޓަލުތަކަށް އަމާޒުވެއެވެ.

comment ކޮމެންޓް