ރަށްރަށަށް ނަރުދަމާއަށް ގެންގޮސްފަހުރި ސާމާނުތައް އަވީގައި ހުރެ ވަނީ ހިކި ވަޅޯމަހަށް ވެފައި: ޝާކިރު

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.. ފޮޓޯ/ މަޖިލިސް

ރަށްރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ގެންގޮސްފައި ހުރި ސާމާނު ބޭނުންނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އަވީގައި ހުރެ ހިކި، "ވަޅޯމަހަށް" ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ޝާކިރު މިއަދު ވިދާޅުވެއްޖެއެވެ.

ޝާކިރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ ޑރ. ޢަބްދުﷲ މުއްޠަލިބާ ސުވާލުކުރައްވަމުންނެވެ.

ޝާކިރު ވަނީ ލ. އަތޮޅުގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާތީ، އެ މަސައްކަތް އަލުން ފަށައި ނިންމާލެވޭނީ ކޮން ތާރީޚެއްގައިތޯ އައްސަވާފައެވެ.

ޝާކިރު ވިދާޅުވީ ރަށްރަށުގައި ނަރުދަމާގެ މަސައްކަތަށް ގެންގޮސްފައި ހުރި ހޮޅިތަކާއި އެހެނިހެން ސާމާނުތައް ހުރީ އަވީގައި ކަމަށެވެ. އަދި އެތަކެތި ބޭނުންނުކޮށް، އަވީގައި ހުރުމުން އެތަކެތީގެ މަތީގައި އަޅާފައި ހުރި ސަތަރިތައް ހަލާކުވެ، އަވީގައި ހުރެގެން މުރަނަވެ، ވަޅޯމަހަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ ބޮޑު އިސްރާފެއްގެ ގޮތުގައި ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.

"ނަރުދަމާ އަޅަން ގެންގޮސްފައި ހުރި ހޮޅިތަކާއި އެއްޗެހި، ބޭނުން ނުކޮށް، އަވީގައި ހުރެ އެ އެއްޗެހި މުރަނަވެގެން ގޮސް ވަޅޯމަހަށް ބަދަލުވެއްޖެ މިހާރު." މެމްބަރު ޝާކިރު ވިދާޅުވިއެވެ.

މީގެއިތުރުން، ކުރީ އަހަރުތަކުގެ ބަޖެޓުތަކާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓުން މި ދާއިރާއަށް ކަނޑައަޅާފައިވާ އަދަދު 258.5 މިލިއަން ރުފިޔާއިން 163.3 މިލިއަން ރުފިޔާއަށް ކުޑަވެފައިވާ ކަމަށް ޝާކިރު ފާހަގަކުރެއްވިއެވެ.

އެއީ ގާތްގަނޑަކަށް 37 އިންސައްތައިގެ ދަށްވުމެއް ކަމަށް ވިދާޅުވެ، ބަޖެޓު މިހާ ބޮޑަށް ކުޑަވެފައިވާއިރު ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކިހިނެއްތޯ އޭނާ މިނިސްޓަރާ ސުވާލުކުރެއްވިއެވެ.

މެންބަރު ޝާކިރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ މި ސަރުކާރު އައިއިރު، ފެށިފައި ހުރި މަޝްރޫޢުތައް ހުއްޓާލުމަށްފަހު ސަރުކާރުގެ އަމިއްލަ އެޖެންޑާއާއެކު ކުރިއަށްދިއުމުގެ ވިސްނުން ގެންގުޅެވެން އޮތް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫޢުތަކަކީ "ދޮންދަރިން" ކަމަށް ބަލައި އެއްފަރާތް ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާ ޚިލާފަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެއީ މި ސަރުކާރުގެ ވެސް އަމިއްލަ މަޝްރޫޢުތަކެއްގެ ގޮތުގައި ދެކިގެން އެ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ސަރުކާރު އައިރު، ފެށިގެން ނުނިމި ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފަ މި ސަރުކާގެ އެޖެންޑާއި ގެން ކުރިއަށް ގެނދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުުވެން އޮތް. ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓް ތަކަކީ ސަރުކާރުގެ "ދޮން ދަރިން" ކަމަށް ހަދާފަ އެއްފަރާތްކޮށް ލުމުގެ ބަދަލުގައި، އެއީ މި ސަރުކާރުގެ ވެސް އަމިއްލަ ޕްރޮޖެންޓް ތަކެއް ކަމަށް ދެކިގެން ކުރިއަށް ގެންދަން މަސައްކަތް ކުރީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ކުޑަ ނަމަވެސް، އަންނަ އަހަރު އައު މަޝްރޫޢުތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު މައިގަނޑު ގޮތެއްގައި ފަރުމާކުރެވިފައި ވަނީ މިހާރު ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަންދީގެން ކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް