ޖީޓީއޭ 6 ކްރޭޝްވާ މައްސަލަ ހައްލުކުރަން އަޕްޑޭޓެއް ދޫކޮށްފި

ގޭމް ކްރޭޝްވާ ކަމުގެ ޝަކުވާތައް ރެޑިޓް ފަދަ ޕްލެޓްފޯމްތަކުގައި ވަނީ ފެންމަތިވެފައި ---

މިދިޔަ ހަފުތާގައި ނެރުނު މަޝްހޫރު ވީޑިއޯ ގޭމް "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީޓީއޭ 6) ކުޅުމުގެ ތެރެއިން ކްރޭޝްވެ، ގޭމްގެ ވާހަކަ ކުރިއަށް ނުގެންދެވޭ މައްސަލަ ހައްލުކުރުމަށް ރޮކްސްޓާ ގޭމްސްއިން ޚާއްޞަ އަޕްޑޭޓެއް ދޫކޮށްފިއެވެ.

ޕްލޭސްޓޭޝަން 5 (ޕީއެސް 5) އަދި އެކްސްބޮކްސް ސީރީޒް އެކްސް/އެސް އަށް މިދިޔަ ނޮވެންބަރު 19 ވަނަ ދުވަހު ނެރުނު މި ގޭމަށް ފުރަތަމަ ދުވަހު 3.79 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު ރެކޯޑް ވަނީ މުގުރާލާފައެވެ.

ނަމަވެސް ގޭމް ނެރުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕީއެސް 5 ބޭނުންކުރާ ގިނަ ކުޅުންތެރިންނަށް "ސީއީ-108255-1" ނަމަކަށް ކިޔާ އެރާ ކޯޑެއް ދައްކައި، ގޭމް ކްރޭޝްވާ ކަމުގެ ޝަކުވާތައް ރެޑިޓް ފަދަ ޕްލެޓްފޯމްތަކުގައި ވަނީ ފެންމަތިވެފައެވެ.

ބައެއް ކުޅުންތެރިން ބުނާ ގޮތުގައި ގޭމްގެ ފެށޭ ބައި ނިމުމާއެކު ފުރަތަމަ އޮޓޯސޭވް ވާ ވަގުތު، އަދި ވަކި މިޝަންތަކެއްގެ ތެރެއިން އެއް ހިސާބަކުން ތަކުރާރުކޮށް ގޭމް ކްރޭޝްވުމުގެ ސަބަބުން ގޭމްގެ ވާހަކަ ކުރިއަށް ނުގެންދެވި ހުއްޓެއެވެ.

https://sun.mv/230823

މި މައްސަލަ ހައްލުކުރުމަށް ގޭމް އަލުން އިންސްޓޯލްކޮށް، ކޮންސޯލްގެ ކޭޝް ސާފުކޮށް އަދި ފެކްޓްރީ ރީސެޓް ކުރުމުންވެސް އެއްވެސް ހައްލެއް ނުލިބުނު ކަމަށް ކުޅުންތެރިން ބުނެފައިވާއިރު، އެކްސްބޮކްސް ސީރީޒް އެކްސް ބޭނުންކުރާ ބައެއް ފަރާތްތަކަށްވެސް މި މައްސަލަ ދިމާވެފައިވެއެވެ.

މިކަމާ ގުޅިގެން ރޮކްސްޓާ ގޭމްސްއިން ހޯމަ ދުވަހު ދޫކުރި މި ޕެޗް އަޕްޑޭޓްގައި ކޮންސޯލްތަކުގައި ގޭމް ކްރޭޝްވާ މައްސަލަތަކާއި، އޮޓޯސޭވް ކުރުމުގައި ދިމާވާ މައްސަލަތަކަށް ވަނީ ހައްލު ގެނެސްދީފައެވެ.

މީގެ އިތުރުން ގޭމްގެ މޫސުމަށް ގިނަ އިރުތަކެއް ވަންދެން ބަދަލު ނައިސް ހުންނަ މައްސަލައާއި، ވާހަކަ ކުރިއަށް ގެންދިއުމަށް ނުވަތަ މިޝަންތައް ހުޅުވުމަށް އަންނަންޖެހޭ ފޯނު ކޯލްތައް ނާންނަ މައްސަލަވެސް މި އަޕްޑޭޓާއެކު ވަނީ ރަނގަޅުކޮށްފައެވެ.

ހަމައެހެންމެ ގޭމްގެ ތެރޭގައި "ވޯންޓެޑް ލެވެލް" ނުފިލާ މައްސަލައާއި، ޖިމްގައި ބަރު އުފުލާ ބާ ބޭނުން ނުކުރެވޭ މައްސަލައިގެ އިތުރުން ބައިވެރިން އަތުން ދަބަސް ހަވާލުނުކުރެވޭ މައްސަލަވެސް މި އަޕްޑޭޓްގައި ހައްލުކޮށްފައިވާ ކަމަށް ރޮކްސްޓާއިން މައުލޫމާތު ދެއެވެ.

ޕީއެސް 5 އަދި އެކްސްބޮކްސް ސީރީޒް އެސް/އެކްސް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް މި އަޕްޑޭޓް މިހާރު ދަނީ ބެޗްތަކަކަށް ބަހާލައިގެން ދޫކުރަމުންނެވެ.

comment ކޮމެންޓް