ރަސްމާލެ މަޝްރޫއު އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ގެންގުޅުއްވާ ވިސްނުމާ މެދު ދިވެހި ރައްޔިތުންގެ 95 އިންސައްތައަށް ވުރެ ގިނަ މީހުން ދެކޮޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރަސްމާލެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް ކަމަށް ސިފަކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމާލެ ބިމުގައި ބޭރު މީހުން ވަޒަންވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ދޭން އުޅޭ ފްރީހޯލްޑަކީ 99 އަހަރުން އަނެއްކާވެސް 99 އަހަރަށް ދެމިގެންދާ ގޮތަށް ބޭރު މީހުން ދާއިމީކޮށް ވަޒަންވެރިކުރުވުމުގެ އަމާޒުގައި ހިންގާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރަސްމާލެ ބިން ދިނުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވެސް ސަރުކާރުން ޖެހިލުންވާ ކަމަށާއި، އެފަދަ ވޯޓަކަށް ގޮސްފިނަމަ ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންގެ ތެރެއިން ރަސްމާލެ މައްސަލައިގައި ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި މެދު 95 އިންސައްތަ އަށްވުރެ ގިނަ މީހުން ދެކޮޅުކަން،" ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމުގައި 2015 ވަނަ އަހަރު ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެއީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް ކުރި ކަމެއް ކަމަށާއި އޭގެ ސަބަބުން އަހަރަކު 10 ރިސޯޓު ހުޅުވި އިންވެސްޓްމަންޓް ފުރުސަތުތައް ފަހިވެގެން ދިޔަ ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގައި ބޭރު މީހުން ވަޒަންވެރިކުރުވުމަށް ކުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ ވެރިކަމުގައި އެވްރޭޖްކޮށް އަހަރަކު ދިހަ ރިސޯޓު ހުޅުވަމުން ދިޔައީ އިނގޭތޯ. އެހެންވީމާ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ އޮޕޮޗުނިޓީ ބޮޑުވެގެން ދިޔަ ތަން،" ޔާމީން ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ "ބިމަށް ދޯޅު ބޭފުޅެއް"ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުން ފެށިގެން ވެސް "އާދަޔާ ޚިލާފަށް ބިމާ ދޯޅު" ބޭފުޅެއް ކަމަށެވެ. އަދި އެންމެ ފަސޭހައިން ފައިސާއަށް ހަދާލެވެނީ ބިން ކަމަށް ދެކިވަޑައިގެން ރަސްމާލެ މައްސަލައިގައި ވެސް ގެންގުޅުއްވަނީ ނުރަނގަޅު ވިސްނުމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރާ ވާހަކަ ދެކެވުނު މުހައްމަދު އަލައްބާރު ވެސް ރަސްމާލެ ކަންތަކާ ނޫޅެން ނިންމީ މި ސަރުކާރުގެ އެ ވަރުގެ އުރަތްޕެއް ނެތުމުން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
"ރަސްމާލެ ބިން ދޭން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ކުރިން އަލައްބާރު ނިންމައިފި ދެން ރަސްމާލެ ކަންތަކާ ނޫޅެން އިނގޭތޯ. އޭނާ އެގޮތަށް ނިންމީ ރައީސް މުއިއްޒުގެ ސަރުކާރަކީ އެ ވަރުގެ އުރަތްޕރެއް ހުރި ސަރުކާރެއް ނޫން ކަން އެނގިގެން." ޔާމީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޒާރު ދެއްވަމުން ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އަދި ނުބައި ކަމެއް ރައީސް މުއިއްޒަށް ރަނގަޅުކޮށްދޭން މަސައްކަތް ކުރި ނަމަވެސް އެކަން އޮންނާނީ ނުބައިކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، މަޖިލީހުގައި "ޖަހާ ސަކަރާތް ހުއްޓާލުމަށް" ޔާމީން ވަނީ ގޮވާލައްވާފައެވެ.
ހަމައެއާއެކު، ބިންތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް އަޑުއަހައި އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ނުކުރާނަމަ، އެ ކޮމިޝަނުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް ސީރިއަސް ސުވާލުތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ވެސް ޔާމީން ދެއްވިއެވެ.
މީގެ އިތުރުން، ވެރިކަންކުރާ ޕީއެންސީއަށް މީހުން ވެއްދުމުގައި އުސޫލުން ބޭރުން ކަންކަން ހިނގަމުންދާ ކަމަށާއި، ފޯނުތަކުގެ ޒާތީ މައުލޫމާތުތަކަށް އަތްގަދަކޮށް ކޯޓު އަމުރުތައް ނެރެގެން މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ސަރުކާރުން ވަންނަމުންދާ ކަމަށް ވިދާޅުވެ އެކަންކަން ވެސް ކުށްވެރިކުރެއްވިއެވެ.