މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގައި ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ހުޅުމާލޭގައި އެކަމަށް ކަނޑައަޅާފައިވާ ބިމުގައި ފްލެޓްތައް އެޅިގެންދާނެ ކަމަށެވެ.
https://x.com/HomeMinistrymv/status/2124493215789384118
މީގެއިތުރުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެ މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށޭ މިންވަރަށް ކަންކަން ބައްޓަންކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވަޒީރު އިހުސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ބަޖެޓާއި ފިސްކަލް ހާލަތު އޮތް ގޮތުން ދަތިތަކެއް ހުރި ނަމަވެސް، ކަސްޓަމްސް މުވައްޒަފުން ކުރާ ހައްސާސް މަސައްކަތުގެ އަގު ވަޒަންކުރައްވައި ރައީސް މުއިއްޒު ވަނީ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވައިފައެވެ.
އެހެންކަމުން މުވައްޒަފުންގެ މުސާރަ މިހާރު ހުންނަންޖެހޭ މިންވަރަށް ގެނެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަށް ޚާއްސަ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރު ތެރޭ ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވިއިރު، 2024 ވަނަ އަހަރުގެ ޖުލައި 31 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ކަސްޓަމްސް މުވައްޒަފުން މަސައްކަތް ކުރާ މައި އިމާރާތް -- ސަން ފޮޓޯ; ފަޔާޒު މޫސާސަރުކާރުން މިގޮތައް ނިންމަވާފައި ވަނީ ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯއްދަވާދެއްވުމަށް ކަމަށް ސަރުކާރުން އޭރު ބުންޏެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ އެ ނިންމެވުމާ އެއްގޮތަށް 100 ފްލެޓް ކަސްޓަމްސް އަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން، ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްއާ ބެހޭ ވުޒާރާގެ ވަޒީރާއެކު އެ އަހަރުގެ ޖުލައި މަހުގެ 30 ގައި ބޭއްވުނު ބައްދަލުވުމުގައި ދެއްވާފައިވާކަމަށެވެ.
ނިންމެވުމުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 85 ފްލެޓާއި، 2 ކޮޓަރީގެ 15 ފްލެޓްކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މުވައްޒަފުންނާއެކު ހަދަންޖެހޭ އެއްބަސްވުންތައް ހެދުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން މުވައްޒަފުންނަށް ގުޅަމުންދާނެކަމަށް ވެސް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ކަސްޓަމްސްއަށް އަންގާފައިވާ ކަމަށް އޭރު ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމާއި، މުވައްޒަފުންގެ ވެލްފެއައަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ކަސްޓަމްސްއިން އެންމެ އިސްކަންދޭ ކަންތައްކަމަށެވެ.
ކަސްޓަމްސް މުވައްޒަފުންނަށް ޝަރަފުގެ ކުލަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ; ކަސްޓަމްސްއެހެންކަމުން އެ 100 ފްލެޓް ހޯދުމަށާއި އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެމްޓީސީސީގެ މުވައްޒަފުންނަށް 25 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް މި މަހު ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ "ޑިޒައިން-ބިލްޑް-ފައިނޭންސް" އުސޫލުންކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 12,015 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރާ ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާ ހާއްސަކުރާނީ ވިޔަފާރި ބޭނުންތަކަށެވެ. އަދި ދެވަނަ ފަންގިފިލާއިން ފެށިގެން 25ވަނަ ފަންގިފިލާއާ ހަމައަށް ހުންނާނީ މުވައްޒަފުންނަށް ހާއްސަ އަގުހެޔޮ ބޯހިޔާވަހިކަމުގެ އެޕާޓްމަންޓްތަކައް ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެއިތުރުން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ހާއްސަ ފްލެޓް އެޅުމަށް ހުޅުމާލެ ފޭސް 2 އިން 12،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ހަވާލުކޮށްފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މި މަޝްރޫޢަށް ދޫކޮށްފައިވަނީ 12،000 އަކަފޫޓަށް ވުރެ ބޮޑު ބިމެކެވެ. ބިން ޙަވާލުކުރުމާ ގުޅިގެން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ތަނުގައި އަޅާ ފްލެޓްތަކުގެ ތަފްޞީލު ފަހުން އިޢުލާނުކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ އެމްޑީ ވަނީ ވިދާޅުވެފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މީގެ ކުރިންވެސް ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ހިންގާފައިވެއެވެ.
އޭގެ ތެރޭގައި، އެމްއޭސީއެލް އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ޓަވަރު ހިމެނޭހެން 384 އެޕާޓްމަންޓް ޢިމާރާތްކޮށްފައިވާއިރު، އެމްޕީއެލް އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުންވެސް ވަނީ މުވައްޒަފުންނަށް ފްލެޓް އަޅައި ޙަވާލުކޮށްފައެވެ.