ރަސްމާލެ މަޝްރޫއާ ދެކޮޅު އެއްވުން ޑިސެމްބަރު 3ކަށް އަވަސްކޮށްފި؛ "ގައުމު ސަލާމަތްކުރުމުގެ އުންމީދަކީ ދިފާއީ ބާރުތައް"

ދިވެހީންގެ ބިން ދިވެހީންނަށް އެއްވުމެއްގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމި މަޝްރޫއާ ދެކޮޅު އެއްވުން ޑިސެމްބަރު ތިނަކަށް އަވަސްކޮށްފައިވާ ކަމަށާއި ގައުމު ފަނާވެދާން ދޫނުކުރުމުގެ އުއްމީދު އޮތީ ދިފާއީ ބާރުތަކަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދިވެހީންގެ ބިން ދިވެހީންނަށް ހަރަކާތުން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި އޮތީ، ޑިސެމްބަރު ހަތަރެއްގައެވެ.

މިއަދު އެ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، އެ ދުވަހު އެހެން ޝޯއެއް އޮތުމުން ޑިސެމްބަރު ތިން ވަނަ ދުވަހަށް އެއްވުން އަވަސްކޮށްފައިވާ ކަމަށެވެ.

މި އެއްވުން ފަށާނީ، އާޓިފިޝަލް ބީޗުގެ 08:30ގައި ކަމަށްވާއިރު، މި އެއްވުމަށް ތައްޔާރުވުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށައިދިނުމަށް އިމްރާން ގޮވާލެއްވިއެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މީގެއިތުރުން، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ އެއްވުމަށް މަރުހަބާ ވިދާޅުވެ، އިމްރާން ވަނީ އެ ހަރަކާތުގައި ހުރިހާ އެންމެން ބައިވެރިވުމަށް ގޮވާލައްވާފައެވެ.

https://sun.mv/230826

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، މި ކަހަލަ ހާލަތްތަކުގައި ރައްޔިތުން ބަރޯސާވެގެން ތިބީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ކަމަށެވެ. އޭގެތެރެއިން، ގިނަ ބޭފުޅުންނަކީ ސިފައިންގެ ދާއިރާއިން ދުނިޔޭގެ މިލިޓަރީ އެސްޓަބްލިޝްމަންޓްތަކުން ކިޔަވައިގެން ތިބި، ގައުމު ދެކެ ލޯބިވާ ވަރަށް ވަތަނީ ބޭފުޅުންގެ ގޮތުގައި އިމްރާން ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެހެން ދީންތަކެއްގެ މީހުންނަށް ވަޒަންވެރި ކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ގާނުނުތައް ފާސްކުރާނަމަ، އެ ކަން ހުއްޓުވުމަށް ފިޔަވަޅެއް ނާޅައި އޮތުމަކީ ދީނީ އަދި ގާނޫނީ ގޮތުން ގައުމަށް ވެވޭ ވަރަށް ބޮޑު އިހުމާލެކެވެ.

"މި ކުޑަކުޑަ އިސްލާމީ ގައުމު ފަސާދާއި، ކޮރަޕްޝަނާ، އާފިލުކަމާއެކީ ގެއްލުމުގެތެރެއިން ފާނާވެގެންދާން ދޫ ނުކުރާނެ ކަމުގެ އުއްމީދު އޮތީ ތިޔަބޭކަލުންނަށް" އިމްރާން ވިދާޅުވިއެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެންބަރު 21 ގައެވެ.

އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި ގޮތުގައި، ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައިވާ ގޮތުން، 99 އަހަރުގެ ކުއްޔަށް ދޫކުރާ ތަނެއްގެ މުއްދަތު ހަމަވުމުން، އެ ތަނަކަށް ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގުން ޑިޕްރިސިއޭޝަން އުނިކުރުމަށްފަހު ޖެހޭ އަދަދު ސަރުކާރުން އިންވެސްޓަރަށް ދައްކަންޖެހެއެވެ.

comment ކޮމެންޓް