އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސްއަށް ދީގެން ރަސްމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދަން އެއްބަސްވެފައިވާ ރަސްމާލެ މަޝްރޫއާއި އެފަދަ މަޝްރޫއުތަކާ ގުޅުންހުރި ރިއަލް އެސްޓޭޓު ބިލާ ގުޅޭ ގޮތުން ސުވާލުކުރުމަށް ކަމާގުޅުންހުރި އިދާރާތައް ހާޒިރުކުރުމަށާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް ވެސް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ރިއަލް އެސްޓޭޓު ބިލު ބަލައިގަނެ ކޮމިޓީއަށް ދިރާސާކުރަން ފޮނުވީ މިދިޔަ ބުދަ ދުވަހެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވައިލީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ބިލާ ގުޅޭ ގޮތުން ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން އެންމެ ފުރަތަމަ ނިންމީ ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތަކުން ލިއުމުން ޖަވާބު ހޯދުމަށެވެ. ނަމަވެސް މިއަދު ބޭއްވި ބައްދަލުވުމުގައި ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ހުށަހެޅުއްވީ ފިނޭންސް މިނިސްޓްރީއާއި ބަންޑާރަނައިބުގެ އޮފީހާއި އެ ނޫން ވެސް ކަމާގުޅުންހުރި އިދާރާތައް ކޮމިޓީއަށް ހާޒިރުކުރުމަށެވެ.
މެދުގެންވޭރު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ނާސިޙް ތާއީދުކުކުރެއްވި މި ހުށަހެޅުން ވަނީ ކޮމިޓީން ފާސްކޮށްފައެވެ.
އެއަށްފަހު ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާޢު ވަނީ، ރިއަލް އެސްޓޭޓު ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ޚިޔާލު ހޯދަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުން އެންމެ ފުރަތަމަ ހުށަހެޅުއްވީ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ސަމީރެވެ. ނަމަވެސް އެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އެ ދުވަހު ތާއީދެއް ނުކުރެއްވިއެވެ.
އެހެންވެ ޝުޖާޢު ވަނީ އެ ހުށަހެޅުއްވުން މިއަދުގެ ބައްދަލުވުމުގައި ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު ޢަލީ މޫސާއެވެ.
ވެރިކަންކުރާ ޕީއެންސީ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ހުޅުވާލެވޭ ތަނެއް ނަމަވެސް، އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ތަންތަން ހިންގުމަށް ވަނީ ޝަރުތުކޮށްފައެވެ.
މި ބިލުގައި ބުނެފައި ވަނީ ރަސްމާލޭން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ރާއްޖޭގެ ގާނޫނު ހިނގާނެ ކަމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށެވެ.
ބިލުގައި ބުނެފައިވާ ގޮތުން ޒޯނުގެ ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރު މަސް މަނާވާނެއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީ ވެސް ރާއްޖޭގައި އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އެ ބިލުގައި ވަނީ ހިމަނައިފައެވެ.