ގަވާއިދާ ޚިލާފަށް އެކި ޕްލެޓްފޯމްތަކުގައި ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަ ބަލަނީ

ފިހާރައެއް ކައިރީ މީހުން އެއްވެފައި: -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އެއްވެސް ޕްލެޓްފޯމެއްގައި ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށާއި، އެފަދަ މައްސަލަތައް ޚާއްސަ ޓާސްކް ފޯހަކުން ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަން ފާތިމަތު ރިފާތު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ އެއްވެސް ޕްލެޓްފޯމެއްގައި ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރި ނުކުރެވޭނެ ކަމަށެވެ. އަދި ބިދޭސީން އިސްވެ ތިބެ ވިޔަފާރިކުރާ މައްސަލަ މިހާރު އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ޓާސްކް ފޯހުން އެކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލަ ވަނީ ވުޒާރާގެ ސަމާލުކަމަށް އައިސްފަ. އެެހެންކަމުން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓާސްކް ފޯހުން މިކަން ބަލަމުންދަނީ. ބަލާފަ ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލަތައް ބެލުމަށްފަހު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ރާއްޖޭގައި ބިދޭސީން އިސްވެ ތިބެ އެކި ބާވަތުގެ ވިޔަފާރިތައް ހިންގުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެގޮތުން ކެއިންބުއިމުގެ ޚިދުމަތްތަކުން ފެށިގެން ގޮސް، އަންނައުނު ވިއްކުމާއި، މޭވާއާއި ތަރުކާރީގެ ވިޔަފާރި އަދި އެހެނިހެން ލޭބަރު މަސައްކަތްތަކުގައި ވެސް ބިދޭސީން އިސްނަގައިގެން އެހެން ބިދޭސީން ބައިވެރިކޮށްގެން ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަން ގިނަފަހަރު ހިނގަނީ ބިދޭސީން ރާއްޖެ އެތެރެކުރުމަށް ސްޕޮންސާކުރާ ބައެއް ދިވެހީންގެ ވެސް އިހުމާލުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން 2024 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ބޮޑެތި އޮޕަރޭޝަންތަކުގައި ވެސް މިފަދަ ގިނަ މައްސަލަތަކެއް ވަނީ ފަޅާއަރައި، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އެތައް ބިދޭސީންނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ނަމަވެސް، މިފަހަކަށް އައިސް އަނެއްކާވެސް ބިދޭސީން ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެގަނެ، އަމިއްލައަށް އެ މަސައްކަތްތައް ކޮށް، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ވިޔަފާރިތައް އިޝްތިހާރު ކުރަމުންދާ މަންޒަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް