މެލޭޝިޔާގެ 13 ވަނަ ގައުމީ ތަރައްގީގެ ޕްލޭން (13 ވަނަ މެލޭޝިޔާ ޕްލޭން) ގެ ދަށުން، އެ ގައުމުގެ ސިއްޙީ ދާއިރާއަކީ އިގްތިޞާދީ ގޮތުން އަގުހުރި، ބޮޑު މަންފާއެއް ލިއްބައިދޭ ދާއިރާއަކަށް ހެދުމަށް އިގްތިޞާދީ ވުޒާރާއިން ސްޓްރެޓީޖިކް މުހިންމު ހަތަރު އިސްކަމެއް ކަނޑައަޅައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މެލޭޝިޔާގެ އިކޮނޮމީ މިނިސްޓަރު އަކްމަލް ނަޞްރުﷲ މުޙައްމަދު ނާޞިރު، މިއަދު ބޭއްވި 35 ވަނަ މެލޭޝިއަން ޔޫރޮލޮޖިކަލް ކޮންފަރެންސް (އެމްޔޫސީ) 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އެމްޔޫސީގެ ޗެއާމަން ޑރ. އަރްވިންދު ވަޝްދޭވް ޖަގްވާނީ އާއި، މެލޭޝިއަން ޔޫރޮލޮޖިކަލް އެސޯސިއޭޝަން (އެމްޔޫއޭ) ގެ އައު ރައީސް ޑރ. ތޯ ޗާންގް ޗީގެ އިތުރުން ކޭޕީޖޭ ސެލަންގޯގެ ކޮންސަލްޓަންޓް ޔޫރޮލޮޖިސްޓް ޕްރޮފެސަރު ދާތުކް ޑރ. ޚައިރުލް އަސްރީ މުޙައްމަދު ޣަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު އަކްމަލް ނަޞްރުﷲ ވިދާޅުވީ، ސިއްޙީ ދާއިރާ އިގްތިޞާދީ ގޮތުން ކުރިއެރުވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ، ބޭރު ގައުމުތަކުން ޓެކްނޮލޮޖީ އެތެރެކުރުމުގެ ބަދަލުގައި، މެލޭޝިޔާގެ އަމިއްލަ އުފެއްދުންތައް ތަރައްގީކޮށް ވިޔަފާރީގެ ބާޒާރަށް ނެރުން ކަމަށެވެ. އެގޮތުން މެޑިކަލް ސާމާނު އުފެއްދުމާއި، ބޭސްވެރިކަމާއި، ބަޔޯޓެކްނޮލޮޖީ، ޑިޖިޓަލް ހެލްތު އަދި ކްލިނިކަލް ރިސާޗުގެ ދާއިރާއިން އައު އީޖާދުތައް ތައާރަފުކުރުމަށް ޚާއްސަ އިސްކަމެއް ދެވޭނެ ކަމަށް ވިދާޅުވިއެވެ. މިއީ ސަރުކާރުން ކަނޑައެޅި ސްޓްރެޓީޖިކް ހަތަރު ލަނޑުދަނޑީގެ ތެރެއިން ތިންވަނަ ލަނޑުދަނޑިއެވެ.
މީގެ އިތުރުން ކަނޑައެޅުނު އެހެން އިސްކަންދޭ ކަންކަމުގެ ތެރޭގައި، ޚިދުމަތް ލިބުމުގައި ދިމާވާ ދަތިތަކާއި ލަސްތަކަށް ބަލައި އާބާދީގެ ބޭނުންތަކާ އެއްވަރަށް ސިއްޙީ ދާއިރާގެ އިންވެސްޓްމަންޓްތައް ބައްޓަންކުރުން ހިމެނެއެވެ. އަދި ގައުމީ ހެލްތު ފަންޑެއް ގާއިމުކުރުމާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން ޑައިގްނޯސްޓިކް އިމޭޖިން އަދި އޮޕަރޭޝަންތައް ފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދުމުގެ އަގު ކޮންޓްރޯލްކޮށް، އަގުތަކުގެ ދެފުށްފެންނަ މިންވަރު އިތުރުކުރުމަށް ޓަކައި އިންޝުއަރެންސް އިޞްލާޙުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މި ސިޔާސަތުގެ ދަށުން އަސާސީ މެޑިކަލް އަދި ތަކާފުލް ޕްލޭނެއް 2027 ވަނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. ހަމައެއާއެކު، ސިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ފަންނީ މާހިރުން ގައުމުގައި ދެމެހެއްޓުމަކީވެސް މުހިންމު އަމާޒެކެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މެލޭޝިޔާގައި ޕްރޮސްޓޭޓް ކެންސަރުގެ ޙާލަތު އިތުރުވަމުންދާ މިންވަރަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 2012-2016 ގެ މުއްދަތުގައި 4،189 ކޭސް ރެކޯޑުކުރެވުނު ނަމަވެސް، 2017-2021 އަށް އެ ޢަދަދު 6،441 އަށް އަރާފައިވާ ކަމަށާއި، އޭގެ ތެރެއިން %63.3 މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ބަލީގެ ފަހު ދެ ސްޓޭޖުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސިއްޙީ ސިޔާސަތުތައް އެކަށައެޅުމުގައި އެހީތެރިވުމަށްޓަކައި، ކަމާބެހޭ މަޢުލޫމާތާއި ދިރާސާތައް ސަރުކާރާ ޙިއްޞާކޮށްދިނުމަށް އެމް.ޔޫ.އޭ އަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.