ކޮއްކޮއަށް ބިރުދައްކަން ކަރަންޓު ކަނޑާލި މައްސަލަ: ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ކުޅުދުއްފުށީގައި ފުލުހެއް: ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ-- ; ކުޅުދުއްފުށީ ޕޮލިސް

ގެވެށި އަނިޔާއިން ރައްކާތެރިކުރުމަށް ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފަށް، ކޮއްކޮއަށް ބިރުދެއްކުމުގެ ގޮތުން ގޭގެ ކަރަންޓު ކަނޑާލި މައްސަލައެއްގައި ހދ. ކުޅުދުއްފުށީ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައިގައި ދަޢުލަތުން ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ހދ. ކުޅުދުއްފުށީ، ފިރިހެނެއްގެ މައްޗަށެވެ. މި މައްސަލައިގެ ޙުކުމް އިއްވަވާފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

ދަޢުލަތުން ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި އަހަރުގެ ޖޫން 23 ގައި ވަނީ އެ ފިރިހެން މީހާގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައެވެ. އެ އަމުރުގައި އޭނާގެ މަންމަގެ އެއްވެސް މުދަލަކަށް ގެއްލުން ނުދިނުމަށާއި، ހުއްދައާ ނުލައި މުދާ ބޭނުން ނުކުރުމަށާއި، ދިރިއުޅޭ ގެއަށް ގެއްލުން ނުދިނުމަށާއި، އަދި އޭނާގެ ކޮއްކޮއަށް ބިރުދައްކައި އިންޒާރު ނުދިނުމަށް ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް، އެ އަމުރު ދެމިއޮތް މުއްދަތުގެ ތެރޭގައި، މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ 20:30 ހާއިރު، އޭނާގެ ކޮއްކޮ ކޮޓަރީގައި އެކަނި ހުއްޓައި، އެ ކުއްޖާއަށް ބިރުދެއްކުމުގެ ގޮތުން އޭނާ ވަނީ ގޭތެރެއިން ކަރަންޓު ކަނޑާލާފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ބުނެފައިވަނީ އޭނާ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށެވެ. އަދި ދަޢުލަތުން އިއްވި ދަޢުވާއަށް އޭނާ ވަނީ އެއްބަސްވެ، އިޢުތިރާފުވެފައެވެ.

އެ މީހާ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވުމާ ގުޅިގެން، މައްސަލަ ބެއްލެވި މެޖިސްޓްރޭޓްވަނީ އަވަސްނިޔާގެ އަޑުއެހުމެއް ބާއްވަވައި، އޭނާގެ އިޢުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ވެފައިވާ ޞައްޙަ އިޢުތިރާފެއްކަން ކަށަވަރުކުރައްވާފައެވެ. އެހެންކަމުން، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުމުގެ އަދަބަކީ ގިނަވެގެން ހަ މަސްދުވަހަށް ޖަލަށްލުން ނުވަތަ 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ. އަދަބާ ބެހޭގޮތުން ވާހަކަދައްކަމުން އެ މީހާވަނީ ވީހާވެސް ބޮޑަށް އަދަބު ލުއިކޮށްދިނުމަށް ކޯޓުގައި އެދިފައެވެ.

މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އޭނާވަނީ އެއް މަހާއި 11 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުށުގެ އިޢުތިރާފަށް ލިބޭ ލުޔާއި، ބަންދުގައި ހޭދަކުރި މުއްދަތު އަދަބު ކަނޑައެޅުމުގައި އުނިކުރެވޭނެއެވެ.

comment ކޮމެންޓް