ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ އިންތިހާއަށް ހިތްދަތި ޖަރީމާއެކެވެ. މި އަނިޔާވެރި އަމަލު ހިންގަނީ އެކުއްޖަކު އިތުބާރުކުރާ، ލޯބިވާ، އިހުތިރާމުކުރާ އަދި ބަރޯސާވާ މީހެއްގެ ފަރާތުން ކަމަށް ވާނަމަ، އެކަމުގެ ވޭނާއި ހިތްދަތިކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
މައިންބަފައިންނާއި، ޢާއިލާއާއި ގާތްތިމާގެ މީހުންނާއި، ޓީޗަރުންނާއި، ދީނީ ޢިލްމުވެރިންނާއި، ބެލެނިވެރިން ނުވަތަ މުޖުތަމަޢުގައި އެންމެން ޤަދަރުކުރާ ފަރާތްތަކަކީ އަޅުގަނޑުމެންގެ ލޯބިވާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، ރައްކާތެރިކޮށްދޭނެ ކަމަށް ބެލެވޭ ފަރާތްތަކެވެ. އެހެންނަމަވެސް، ބައެއް ފަހަރު މި ޖަރީމާގެ ފާހަކަށް ވެގެންދަނީ ހަމަ އެ އިތުބާރެވެ. މިއީ މުޖުތަމަޢުގައި ވާހަކަދައްކަން އުނދަގޫ، ނަމަވެސް އަޅާނުލައި ދޫކޮށްލެވެން ނެތް ހަޤީޤަތެކެވެ.
އަޅުގަނޑުމެން ކުދިންނަށް ދަސްކޮށްދެނީ ނުދަންނަ މީހުންނާ މެދު ސަމާލުވުމަށެވެ. ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި، އެމީހުން ދޭ އެއްޗެހީގައި ނުހިފުމަށެވެ. މިއީ ރަނގަޅު ކަމެކެވެ. ނަމަވެސް، ނުރައްކާ އަންނަނީ އެ ކުއްޖަކު ދަންނަ، އަދި އިތުބާރުކުރަން ދަސްކޮށްދީފައިވާ ފަރާތެއްގެ ކިބައިން ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ދެހާސް ސައުވީސް ވަނަ އަހަރުގެ ރިޕޯޓެއްގައި ޔުނިސެފުން ފާހަގަކޮށްފައިވާ ގޮތުގައި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ގިނަ މީހުންނަކީ އެކުދިން ދަންނަ މީހުންނެވެ. އޭގެ ތެރޭގައި ޢާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިން ހިމެނެއެވެ. ކުއްޖަކު ދަންނަ މީހެއްގެ ފަރާތުން މިފަދަ ކަމެއް ކުރިމަތިވުމަކީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ނޫނެވެ. އެއީ އެ ކުއްޖެއްގެ ނަފުސަށާއި އިތުބާރަށް ދެވޭ ފުން ޒަޚަމެކެވެ.
ބޮޑެތި މީހުންނަށް އިހުތިރާމުކޮށް ކިޔަމަންވާން ދަސްކޮށްފައިވާ ކުއްޖަކަށް، އެމީހުންގެ ނޭދެވޭ ޢަމަލުތައް ދެނެގަންނަން އުނދަގޫވެ، އަމިއްލަ ނަފުސު ކުށްވެރިކުރެވޭ ހާލަތްތައް މެދުވެރިވެއެވެ. ޚާއްޞަކޮށް، އެ މީހަކީ މުޖުތަމަޢުގައި ބާރާއި ނުފޫޒު އޮތް ފަރާތެއް ނަމަ، އެ ވާހަކަ ބުނަން ކުއްޖާއަށް އިތުރަށް ބިރުވެރިވެއެވެ.
ދިވެހިރާއްޖެއަކީ ވެސް މި ހިތި ހަޤީޤަތުން އިސްތިސްނާވެފައިވާ ތަނެއް ނޫނެވެ. ޔުނިސެފްގެ ރިޕޯޓްތަކުން ދައްކާގޮތުގައި 2021 އިން 2024 އަށް ކުޑަކުދިންނަށް ކުރި ޖިންސީ ކުށްތަކުގެ 816 މައްސަލަ ފުލުހުން ރިކޯޑުކޮށްފައި ވާއިރު، 862 ކުދިން މިކަމުގެ ޝިކާރައަކަށް ވެފައިވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތައަކީ އަންހެން ކުދިންނެވެ. އަދި 20 އިންސައްތައަކީ ފިރިހެން ކުދިންނެވެ.
މީގެއިތުރުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް 2024 ވަނަ އަހަރު 255 މައްސަލަ އަދި 2026 ގެ މޭ އަދި ޖޫން މަހު އެކަނިވެސް މަހަކު 25 މައްސަލަ ހުށަހެޅިފައިވެއެވެ. މިއީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫނެވެ. ކޮންމެ އަދަދެއްގެ ފަހަތުގައިވަނީ ރައްކާތެރިކަމާއި އިތުބާރު ގެއްލިފައިވާ ކުށެއް ނެތް ކުއްޖެކެވެ.
މިއީ ރިޕޯޓުކުރެވުނު މިންވަރު އެކަންޏެވެ. އަޅުގަނޑުމެންގެ ކުދި މުޖުތަމަޢުތަކުގައި ޢާއިލާގެ އަބުރާއި، އިޖުތިމާޢީ މަޤާމާއި، ބޮޑުންނަށް ކުރާ ޤަދަރުގެ ސަބަބުން، ކުއްޖާއަށް ލިބޭ އަނިޔާއަށްވުރެ ޢާއިލާގެ އަބުރު ހިމާޔަތްކުރުމަށް އިސްކަންދެވޭތަން ފެނެއެވެ. މިފަދަ "ހިމޭންކަމަކީ" ގޯނާކުރާ މީހާއަށް ލިބޭ ހިމާޔަތެކެވެ.
އަޅުގަނޑުމެން ދަރިންނަށް ދަސްކޮށްދޭންވީ، އިހުތިރާމު ކުރުމަކީ ދެކޮޅުނުހަދައި ކިޔަމަންގަތުން ނޫން ކަމެވެ. ކޮންމެ މަޤާމެއްގައި، ކޮންމެފަދަ ޢާއިލީ ގުޅުމެއް އޮތް މީހަކަށް ވިޔަސް، ކުއްޖެއްގެ ހަށިގަނޑުގެ ހުރުމަތް ކަނޑާލުމުގެ ޙައްޤެއް ނޯންނާނެކަމެވެ. ތިމާ ރުހޭ އަދި ނުރުހޭ ބީހުންތައް ވަކިކުރަން އެނގުމާއި، "ނޫނެކޭ" ބުނުމުގެ ހިތްވަރު ކުދިންގެ ކިބައިގައި އަށަގަންނުވަން ޖެހެއެވެ.
ހަމައެއާއެކު، އެ ވާހަކަ ބުނެފިނަމަ އެކަން ޤަބޫލުކޮށް، އަޅާލާނެ ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ބޮޑެތިމީހުންގެ ޒިންމާއެކެވެ. ސްކޫލްތަކާއި، ގުރުއާން ކްލާސްތަކާއި، ކުޅިވަރު އެކެޑަމީތަކުގައި ހަރުދަނާ "ޗައިލްޑް ސޭފްގާޑިންގ" އުސޫލުތައް އޮންނަން ޖެހެނީ އެހެންވެއެވެ. މިއީ ޓީޗަރުންނާއި މުރުޝިދުންނަށް ކުރާ އިތުބާރު ކުޑަވުމެއް ނޫނެވެ. އެއީ ކުދިންނަށްޓަކައި އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެކެވެ.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މުޖުތަމަޢުގައި މީހެއްގެ ހުރި ޤަދަރަކީ ނުވަތަ މަޤާމަކީ އެމީހެއްގެ މައްޗަށް ތުހުމަތު ނުކުރެވޭނެ އައްޑަނައަކަށް ހަދައިގެން ނުވާނެއެވެ. ހަމައެއާއެކު، އިންސާފުވެރި މިނިވަން ތަޙުޤީޤެއްގެ ތެރެއިން ޙައްޤު ހޯދައިދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކުއްޖަކަށް ލިބުނު ބިރުވެރި އަނިޔާގެ ވާހަކަ ހާމަކުރުމާއި، އެ ކުއްޖާ ލޯބިވާ މީހެއްގެ އަބުރު ރައްކާތެރިކުރުމާ ދެމެދު އިޚްތިޔާރުކުރަން ކުއްޖާއަށް މަޖުބޫރުވެގެން ނުވާނެއެވެ.
މުޖުތަމަޢެއްގެ އަގުވަޒަންކުރެވެނީ ވެރިންނަށާއި ނުފޫޒުގަދަ މީހުންނަށް ކުރާ އިހުތިރާމަކުން ނޫނެވެ. އެ މުޖުތަމަޢެއްގެ އެންމެ ނިކަމެތި، ބާރެއްނެތް ކުޑަކުދިން ހިމާޔަތްކުރުމަށް ދައްކާ ހިތްވަރަކުންނެވެ. ކޮންމެ ކުއްޖަކީ ވެސް އެކުއްޖެއްގެ އަޑު އަހާނެ، އަދި އެހެން މީހެއްގެ އަބުރަށްޓަކައި އެކުއްޖާގެ ރައްކާތެރިކަން ޤުރުބާން ނުކުރާނެ މުޖުތަމަޢެއްގައި ބޮޑުވުމުގެ ޙައްޤު ލިބިގެންވާ ކުއްޖެކެވެ.