ޗައިނާގެ ބާޒާރުގައި މަޝްހޫރު ކެމެރާ އުފައްދާ ކުންފުނި ޑީޖޭއައިގެ ބައެއް ކެމެރާ މޮޑެލްތަކުގެ އަގު ބޮޑުކޮށްފިއެވެ.
މި ބަދަލުގެ ދަށުން އަގު ބޮޑުކޮށްފައި ވަނީ ޑީޖޭއައި އޮސްމޯ ޕޮކެޓް ސީރީޒްގެ ކެމެރާތަކާއި އޮސްމޯ ނެނޯ ކެމެރާގެ އަގުތަކަށެވެ.
މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އައު އަގުތަކަށް ގެނައި ބަދަލުތަކަކީ އުފެއްދުމަށް ބޭނުންވާ ސެމީކޮންޑަކްޓަރުތަކާއި ސްޓޯރޭޖް އަދި އެހެނިހެން މުހިންމު ބައިތަކުގެ އަގު އުފުލުމާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ޑީޖޭއައި އިން ބުނެއެވެ.
އެންމެ ބޮޑު އަގު ބޮޑުވުމެއް އައިސްފައިވަނީ އޮސްމޯ ޕޮކެޓް 4ޕީ ކެމެރާއަށެވެ. އެގޮތުން މި ކެމެރާގެ ސްޓޭންޑަޑް ކިޓްގެ އަގު 3،799 ޗައިނީޒް ޔުއާނުން 4،099 ޔުއާނަށް ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން، ވްލޮގް ކިޓްގެ އަގު 4،299 ޔުއާނުން 4،859 ޔުއާނަށް ވަނީ އުފުލިފައެވެ.
އޮސްމޯ ޕޮކެޓް 4 ގެ ސްޓޭންޑަޑް ކިޓްގެ އަގު 2،999 ޔުއާނުން 3،199 ޔުއާނަށް ބޮޑުވެފައިވާއިރު، އޯލް އިން ވަން ކިޓްގެ އަގު 3،799 ޔުއާނުން 4،299 ޔުއާނަށް ވަނީ ބޮޑުވެފައެވެ. އަދި މީޕައި ކިޓްގެ އަގު 4،098 ޔުއާނުން 4،598 ޔުއާނަށް އުފުލިފައިވާއިރު، އެންޖޯއި ޝޫޓިންގ ކިޓްގެ އަގު ވަނީ 3،498 ޔުއާނުން 3،638 ޔުއާނަށް ބޮޑުވެފައެވެ.
މީގެ އިތުރުން، 128 ޖީބީގެ އޮސްމޯ ނެނޯ ސްޓޭންޑަޑް ކިޓްގެ އަގު 2،298 ޔުއާނުން 2،498 ޔުއާނަށް ބޮޑުކޮށްފައިވީ ނަމަވެސް، 64 ޖީބީގެ މޮޑެލްގެ އަގަށް އެއްވެސް ބަދަލެއް ނުގެނެސް 1،998 ޔުއާނުގައި ވަނީ ހިފަހައްޓާފައެވެ.
މި އަގު ބޮޑުވުން މިވަގުތު ހިނގާނީ ހަމައެކަނި ޗައިނާގެ ބާޒާރުގައި ކަމަށާއި، އިންޑިއާ ނުވަތަ އެހެން ގައުމުތަކުގެ ބާޒާރުތަކުގައި އަގު ބޮޑުކުރުމާ މެދު ޑީޖޭއައި އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.