ފިލްމު 'ކަބީ ޚުޝީ ކަބީ ޣަމް'ގެ ހަނދާންތަކާއެކު 'ރައިޗަންދު މެންޝަން' އެއާބީއެންބީގެ ތަޖުރިބާއަކަށް ބަދަލުކޮށްލަނީ

'ރައިޗަންދު މެންޝަން'ގެ އެއާބީއެންބީ އިޝްތިހާރުގެ މަންޒަރެއްގައި ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރު، ކަރީނާ ކަޕޫރ ޚާން އަދި ރިތިކް ރޯޝަން--ފޮޓޯ/މިންޓް

ބޮލީވުޑްގެ ތާރީޚުގައި ރަން އަކުރުން ފަވާލެވިފައިވާ ކަރަން ޖޯހަރުގެ އައިކޮނިކް ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް" އުފެއްދިތާ 25 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން، އެ ފިލްމުގައި ފެނިގެންދާ ރައިޗަންދު ޢާއިލާގެ މެންބަރުން ދިރިއުޅުނު 'ރައިޗަންދު މެންޝަން' ޙަޤީޤީ ދުނިޔެއަށް ގެނެސް، އެ ތަނުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު އެއާބީއެންބީން ހުޅުވާލައިފިއެވެ.

މީގެ 25 އަހަރުކުރިން ބެލުންތެރިންނަށް ގެނެސްދިން މި ފިލްމުގެ ޚާއްޞަ ހަނދާންތައް އާކޮށްދިނުމުގެ ގޮތުން އިންޑިއާގެ މުމްބާއީގައި ބިނާކޮށްފައިވާ މި މެންޝަން ޢާންމުންނަށް ހުޅުވާލަނީ ވަކި މުއްދަތަކަށެވެ. "އެޓް ހޯމް ވިތު ދަ ރައިޗަންދުސް"ގެ ނަމުގައި އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ޚާއްޞަ ހަރަކާތުގައި، ފިލްމުގެ މަޝްހޫރު ބޮޑު ސިޑިއާއި، ޢާއިލީ ސްޓަޑީ ރޫމްގެ އިތުރުން، ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ކެރެކްޓާ 'ޕޫ'ގެ ފުރިހަމަ ހެދުން އަލަމާރި ވެސް ވަނީ އަސްލާ އެއްގޮތަށް ފަރުމާކޮށްފައެވެ. ކޮންމެ ބުރަކަށް ދެ ގަޑިއިރު ކަނޑައެޅިފައިވާ މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނީ އެންމެ 180 ފަރާތަކަށެވެ.

އަމީތާބް ބައްޗަން، ޖަޔާ ބައްޗަން، ޝާހްރުކް ޚާން އަދި ކާޖޮލް ފަދަ ފުންނާބު އުސް ތަރިންތަކެއް އެކުގައި ފެނިގެންދިޔަ "ކަބީ ޚުޝީ ކަބީ ޣަމް"އަކީ ޢާއިލާގެ ނުރުހުމުގައި ދޮށީ ފިރިހެން ދަރިފުޅު ކުރާ ކައިވެންޏެއްގެ ސަބަބުން މުއްސަނދި ޢާއިލާއެއްގެ ތެރޭގައި އުފެދޭ ބައިބައިވުން އަސަރުގަދަ ގޮތެއްގައި ދައްކުވައިދިން ފިލްމެކެވެ. ފިލްމުގެ ބިޔަ ސެޓްތަކާއި، ހިތްގައިމު މިއުޒިކްގެ އިތުރުން ފެޝަން ސްޓައިލްތަކުގެ ޖާދޫގައި މިއަދުގެ ޒުވާން ޖީލު ވެސް ވަނީ ޖެހިފައެވެ.

ބަތަލާ ކަރީނާ ކަޕޫރު ޚާން 'ރައިޗަންދު މެންޝަން'ގައި 'ޕޫ' ކެރެކްޓާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައި-- ފޮޓޯ/މިންޓް

އެއާބީއެންބީގެ މި ޚާއްޞަ މާޙައުލަށް ޒިޔާރަތްކުރާ މެހުމާނުންނަށް ފިލްމާ ގުޅޭ އޯޑިއޯ ޓުއާއެއްގެ ތެރެއިން އެ ހަނދާންތަކުގެ ތެރެއަށް ފީނާލުމުގެ ފުރުޞަތު ލިބޭނެއެވެ. ހަމައެއާއެކު، ޕޫގެ ހެދުން އަލަމާރި ބަލާލުމާއި، ފިލްމުގެ ކެރެކްޓާތަކާ ގުޅޭ ޝައުޤުވެރި ޗެލެންޖެއްގައި ބައިވެރިވުމުގެ އިތުރުން، ލޯތްބާއި ޢާއިލީ ގުޅުމާ މެދު އުފެދޭ ޝުޢޫރުތައް ލިޔެލުމަށް ޚާއްޞަ ކަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. އަދި މި ޒިޔާރަތުގެ ހަނދާނެއްގެ ގޮތުން ކޮންމެ ބައިވެރިއަކަށް ޚާއްޞަ ހަދިޔާއެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މަޝްހޫރު ފިލްމުތަކާއި ޕޮޕް-ކަލްޗަގެ ޚިޔާލީ ދުނިޔެތައް ޙަޤީޤީ ތަޖުރިބާތަކަކަށް ބަދަލުކޮށްދިނުމަށް އެއާބީއެންބީން ކުރިއަށްގެންދާ "އޮންލީ އޮން އެއާބީއެންބީ" ސިލްސިލާގެ ދަށުން އިންތިޒާމުކުރާ މި ހަރަކާތުގައި ބައިވެރިވުމަށް ބުކިންގް ހެއްދުމުގެ ފުރުޞަތު ހުޅުވާލާނީ މި އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00ގައި، އެއާބީއެންބީގެ ޚާއްޞަ ކޭތްރީޖީ ޕޭޖް މެދުވެރިކޮށެވެ. ކޮންމެ ބުކިންގްއެއްގެ ދަށުން ދެ މީހަކަށް މުޅިން ހިލޭ މި ތަޖުރިބާގައި ބައިވެރިވެވޭ ގޮތަށް ހަމަޖެހިފައިވާއިރު، މުމްބާއީއަށް ދަތުރުކުރުމުގެ އެންމެހައި ޚަރަދުތައް ހަމަޖައްސަން ޖެހޭނީ ބައިވެރިވާ ފަރާތްތަކުން އަމިއްލައަށެވެ.

comment ކޮމެންޓް