ވައި ނުސާފުވީނަމަވެސް މުޅި ރާއްޖެއަށް މޫސުން ރަނގަޅުވެއްޖެ

ވައި ނުސާފު ދުވަހެއްގައި ވިލާތައް ފެންނަ ގޮތް: ވިއްސާރަ ދުވަސްތަކަކަށްފަހު މޫސުން އަލިވިރު މުޅި ރާއްޖެއަށް ވަނީ ވައި ނުސާފުވެފައި ---- ފޮޓޯ މައުމަން، އެކްސް

މިދުވަސްކޮޅު މުޅި ރާއްޖޭގެ ވައިގެ ކޮލިޓީ ދަށްވެފައިވީ ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާން ފަށާފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކައިފިއެވެ.

ރާއްޖެއަށް މިވަގުތު ވައި ނުސާފުވެފައިވާތީ އިއްޔެ "ސަން" އިން މެޓް އޮފީހަށް ގުޅާލުމުން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ވައިގެ ކޮލިޓީ ހުންނާނީ މޮޑެރޭޓް މިންވަރެއްގައި ނަމަވެސް އެއަށްވުރެ ކޮލިޓީ ދަށްވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

https://sun.mv/230732

އެހެންނަމަވެސް، ބޯ ވިއްސާރައިގައި ދުވަސްތަކެއް ވޭތުކުރުމަށްފަހު މިހާރު ވަނީ މޫސުން އަލިވާން ފަށާފައެވެ.

އެގޮތުން މިއަދު ހަވީރު 18:00 ގެ ނިޔަލަށް މެޓް އޮފީހުން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެއެވެ. މި ވަގުތުތަކުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން، އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.

ރާއްޖޭގެ ކަނޑުތައް، މިއަދު އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ.

އެ އިދާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ސެޓަލައިޓް ފޮޓޯއަށް ބަލާއިރު ރާއްޖޭގެ އުތުރުގައި ކޮންމެވެސް މިންވަރަކަށް ވިލާގެ އަސަރު ހުރިނަމަވެސް އެހެން ހިސާބުތައް ފެންނަނީ ސާފުކޮށެވެ.

މެޓް އޮފީހުން މިދިޔަ އާދީއްތަ ދުވަހު ބުނެފައިވާ ގޮތުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް އެ ކޮޅިގަނޑުގެ ބާރު ގަދަވަމުންދާ ވަރަކަށް ރާއްޖެއަށް މޫސުން ރަނގަޅުވާނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން މާ ބޮޑަށް ގޯސްވެ، އާދަޔާޚިލާފަށް ވިއްސާރަވެ ގެއްލުންވާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް "ސަން" އަށް މައުލޫމާތުދެއްވި އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް