ވަޅީގެ ހަމަލާއަށްފަހު ސައިފަށް އަނެއްކާވެސް މަރުގެ އިންޒާރެއް

ބޮލީވުޑްގެ އެކްޓަރު ސައިފް ޢަލީ ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ފަންނާނުންނަށް މިހާރުވެސް މަރުގެ އިންޒާރުތައް ލިބެމުން އަންނަ ދަނޑިވަޅެއްގައި، މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ޚާނަށް ވެސް މަރުގެ އިންޒާރު ދީފިއެވެ.

ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ)ގެ އިސް ލީޑަރު ބާބާ ސިއްދީގީއަށް ބަޑީގެ ހަމަލާދީ މަރާލި މައްސަލައިގައި ފުލުހުން ހޯދަމުންދާ ޒީޝާން އަޚްތަރުގެ ނަމުގައި ލިބުނު މި އިންޒާރުގެ ޚަބަރު މުމްބާއީ ފުލުހުންގެ އިސް އޮފިޝަލަކު އިއްޔެ ވަނީ ހާމަކޮށްފައެވެ. މިއާއެކު، ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ވަނީ މި މައްސަލައިގެ ތަޙުޤީޤު ފަށައި، އެ އިންޒާރުގެ ޙަޤީޤަތް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އިންޑިއާގެ ނޫސް އޭޖެންސީ، ޕީޓީއައިއާ ހަވާލާދީ ފުލުހުންގެ އޮފިޝަލް ހާމަކުރި ގޮތުގައި، ސައިފް އަލީ ޚާންގެ އަމިއްލަ ފޯނަށް ޒީޝާން އަޚްތަރުގެ ނަމުގައި ފޮނުވާފައިވާ އޯޑިއޯ މެސެޖެއްގައި ވަނީ، ބާބާ ސިއްދީގީއަށް ޖެހުނު ފަދަ ހިތާމަވެރި ހާލެއް އޭނާއަށް ވެސް ޖައްސާނެ ކަމުގެ އިންޒާރު ދީފައެވެ. މި އޯޑިއޯ މެސެޖަކީ ސީދާ ޒީޝާން އަޚްތަރު ފޮނުވި އެއްޗެއްތޯ، ނުވަތަ މަޝްހޫރު ފަންނާނުންނަށް ބިރުދައްކައި ތަންފީޒީ އިދާރާތަކަށް އޮޅުވާލުމުގެ ނިޔަތުގައި އެހެން ބަޔަކު އޭނާގެ ނަން ބޭނުންކޮށްގެން ހިންގާ ޖަރީމާއެއްތޯ ތަޙުޤީޤު ޓީމުން ދަނީ ފުންކޮށް ދިރާސާކުރަމުންނެވެ.

ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ)ގެ ކުރީގެ އިސް ލީޑަރު ބާބާ ސިއްދީގީ، ފިލްމީ ތަރިން ކަމަށްވާ ސަލްމާން ޚާން އަދި ޝާހްރުކް ޚާންއާ އެކު--ފޮޓޯ/މިޑްޑޭ

ފިލްމީ ދާއިރާގެ މަޝްހޫރު ޝަޚްސިއްޔަތުންނަށް މިފަދަ އިންޒާރުތައް ލިބުމަކީ ފަހަކަށް އައިސް ތަކުރާރުވަމުންދާ ކަމެކެވެ. ފުލުހުންގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް ބޮލީވުޑްގެ ތަރިން ކަމަށްވާ ތުޝާރު ކަޕޫރާއި އަޔޫޝްމަން ކުރާނާއަށް ވަނީ ހަމަ މިފަދަ އިންޒާރުތަކާ ކުރިމަތިލާން ޖެހިފައެވެ. އެފަދަ ހާދިސާއަކާ ގުޅިގެން މުމްބާއީ ފުލުހުން ކުރި ތަޙުޤީޤުން އެނގުނު ގޮތުގައި، އެއްވެސް ކުށުގެ ވެއްޓަކާ ނުވަތަ ގޭންގަކާ ގުޅުމެއް ނެތް ބެންގަލޫރުގެ ޒުވާނެއް ކަމަށްވާ ވައިބަވް މިޝްރާ ވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި އަޑު ބަދަލުކޮށްގެން ފަންނާނުންނަށް ބިރުދައްކާފައެވެ. އުމުރުން 30 އަހަރުގެ އެ އައިއައިޓީ ގްރެޖުއޭޓް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މި އިންޒާރުގައި ހަވާލާދީފައިވާ ބާބާ ސިއްދީގީގެ މަރުގެ ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. އުމުރުން 66 އަހަރުގެ ކުރީގެ މިނިސްޓަރު ބާބާ ސިއްދީގީ މަރާލާފައިވަނީ، މުމްބާއީގެ ބަންދްރާ އީސްޓްގައި ހުންނަ އޭނާގެ ދަރިފުޅު ޒީޝާން ސިއްދީގީގެ އޮފީސް ބޭރުގައި ހުއްޓާ، ހަތިޔާރު އެޅި ތިން މީހަކު ދިން ނުރައްކާތެރި ބަޑީގެ ހަމަލާތަކެއްގައެވެ.

މި ބިރުވެރި އިންޒާރާއެކު ސައިފްގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސަޕޯޓަރުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުމްބާއީގެ ބަންދްރާގައި ހުންނަ ސައިފްގެ ގެއަށް ވަދެގަތް މީހަކު ދިން ރަހުމުކުޑަ ވަޅީގެ ހަމަލާގައި އޭނާއަށް ފުން ޒަޚަމްތަކެއް ލިބި، މަރުގެ ތުންފަތްމަތިން ސަލާމަތްވި ހިތާމަވެރި ހަނދާންތައް އަދިވެސް ތާޒާކޮށް ހުރުމެވެ. އެ ހާދިސާއަށްފަހު ސައިފްގެ ސެކިއުރިޓީ ވަރުގަދަކުރި ނަމަވެސް، މިހާރު ލިބިފައިވާ މަރުގެ އިންޒާރުގެ ސީރިއަސްކަމަށް ބަލައި، އޭނާގެ ސަލާމަތީ ފިޔަވަޅުތައް އެންމެ މަތީ ދަރަޖައަށް ވަރުގަދަކުރުމުގެ މަސައްކަތް ތަންފީޒީ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް