ފިހާރައިގެ މަޑު ކާޕެޓް މަތީގައި 40 މިނެޓު ވަންދެން ދެކޮޅަށް ހިނގައި ބޫޓު ޓެސްޓުކުރިއިރު، އިނގިލިތަކަށް ތަނަވަސްވެފައި، ފުންނާބު ހުރީ ރަނގަޅަށް ހިފެހެއްޓިފައެވެ. އެ ވަގުތު ސޭލްސްމަންވެސް ޔަޤީންކަން ދިނީ އެއީ އެންމެ ހެޔޮވަރު ސައިޒު ކަމަށެވެ.
އެހެންނަމަވެސް، ދުވަހުގެ މަސައްކަތުގައި ހަތަރު ގަޑިއިރު ހޭދަކޮށްފައި ގެއަށް ވަންނަން ޖެހުނީ ފުންނާބުގައި ރަތްވެ، ދިލަނަގާ ފޮޅުތަކަކާއެކު ކޮރަމުންނެވެ. މިއީ އާންމުކޮށް ދިމާވާ ވަރަށް ބޮޑު އަޖައިބެކެވެ. ބޫޓު ރަނގަޅަށް ހެޔޮވަރުނަމަ، ފަޔަށް ތަދުވަނީ ކީއްވެގެން ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ދެއްވަމުން ފައިވާން އުފައްދާ ބްރޭންޑެއް ކަމަށްވާ 'ހައުސް އޮފް އަވީ'ގެ ބާނީ އަދި ސީއީއޯ އަވީ ކުމާރާއި، 'ލަންޑަން ރެގް'ގެ ޑިރެކްޓަރު ޖަޔާ ތަހިލްރާމާނީ ވިދާޅުވި ގޮތުގައި، އެއްތަނެއްގައި ހުއްޓި ހުންނައިރު ބޫޓު ހެޔޮވަރު ކަމަށް ހީވުމަކީ ކުށްހީއެކެވެ.
އައު ބޫޓުން ހަންގަނޑަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ހަންގަނޑު ތެތްކޮށް، މަޑުކޮށް ބެހެއްޓުމަށް ބޫޓަށް އެރުމުގެ ކުރިން މޮއިސްޗަރައިޒަރެއް ހޭކުން މުހިންމު--ފޮޓޯ/ހިންދުންސްތާންޓައިމްސްއެހެނީ ހިނގަން ފެށުމުން ފައިގެ ހަރަކާތްތަކާއި ބައްޓަމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ފިހާރައިގެ ތެރޭގައި ހުއްޓި ހުންނައިރު ފައި އޮންނަނީ ވަކި ބައްޓަމަކަށެވެ. ނަމަވެސް މަގުމައްޗަށް ނުކުމެ ހިނގަން ފަށާ ހިނދު، ހަށިގަނޑުގެ ބަރުދަނާއެކު ފައި ދިގުވެ، ފައިތިލައިގެ މެދުތެރެ ފުޅާވެ، ބިންމަތީގައި ފައި ޖެހޭ ވަގުތު ލޮޅުން ކުޑަކުރުމަށްޓަކައި ފައިތިލައިގެ އާޗް ނުވަތަ ގުދުބައި ތިރިވެއެވެ. އައު ބޫޓު މި ހަރަކާތްތަކާ އެއްހަމައެއްގައި ނުލެނބޭނަމަ، ވަގުތުން ފައިގައި ޖެހެން ފަށައެވެ.
ޖަޔާ ތަހިލްރާމާނީ ވިދާޅުވި ގޮތުގައި، އައު ބޫޓުން ފައިގައި ފޮޅުނަގަން މެދުވެރިވާ އެންމެ އާންމު ސަބަބަކީ ހަންގަނޑުގައި ބޫޓު މާބޮޑަށް ޖެހި ފިތުމެވެ. ޚާއްޞަކޮށް ތަނބިކަށީގެ ފަހަތާއި، ފައިގެ ދެފަރާތާއި، އިނގިލިތަކާއި ފުންނާބު ވަށައިގެން ބޫޓު ތަކުރާރުކޮށް ޖެހުމުން ހަންގަނޑު ހަލާކުވެއެވެ. އަދި ބޫޓުގެ ހަރު މެޓީރިއަލްތަކާއި، އޮނިގަނޑާއި، ހަރު ކައިރިފަށްތަކަށް ފައި ހޭނުމަށް ގިނަ ފަހަރު ވަގުތު ބޭނުންވެއެވެ.
ޕްރޮޓެކްޓިވް ބޭރިއާ ކްރީމެއް ނުވަތަ ޕެޗެއް އެޅުމަކީ ވެސް އައު ބޫޓަށް އެރުމުން ފަޔަށް ނުވަތަ ފުންނާބަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓްކުމާރު ފާހަގަކުރެއްވި ގޮތުގައި، ފޮޅުނަގަނީ ހަމައެކަނި ބޫޓުން ފަޔަށް އޮބޭތީއެއް ނޫނެވެ. އޭގެ ފަހަތުގައި ވަރަށް ކުދިކުދި ދެމުންތަކެއް ވެއެވެ. ޚާއްޞަކޮށް ހަރު ސްނީކާތަކާއި އަސްލު ހަމުން ހަދާފައި ހުންނަ އައު ބޫޓުތަކުގެ ފުންނާބު ހުންނަނީ ވަރަށް ހަރުކޮށެވެ. ފައިގެ ހަރަކާތްތަކާ އެއްގޮތަށް އެ ބޫޓު އަދި މަޑުވެފައެއް ނުހުރެއެވެ. އެހެންކަމުން ހިނގާއިރު ކޮންމެ ފިޔަވަޅަކާއެކު ފުންނާބު މައްޗަށް އުފުލޭ ވަގުތު، ހަރު ބޫޓު އެއާ އެއްވަރަށް ނުއުފުލި ފަހަތަށް ޖެހިލައެވެ. އެތައް ހާސް ފިޔަވަޅެއް އަޅާއިރު، ހަންގަނޑުގެ ބޭރު ފަށަލަ އެތެރޭގެ ފަށަލައާ ވަކިވެ އަދި އޭގެ ދަށުގައިވާ ނާރުތައް ރައްކާތެރިކުރުމަށްޓަކައި ހަށިގަނޑުން އެ ތަނަށް ދިޔާ އެއްޗެއް ޖަމާކުރުމުން ފޮޅަކަށް ބަދަލުވެއެވެ.
ފައިގެ ސިއްހަތާއި ހަންގަނޑުގެ މައްސަލަތަކާ ގުޅޭގޮތުން ޑާމަޓޮލޮޖިސްޓް އަދި ސްކިން ކެއާ ސްޕެޝަލިސްޓް ޑރ. އާމިނާ ޝަރީފް ވިދާޅުވި ގޮތުގައި، އައު ބޫޓުން ހަންގަނޑަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ހަންގަނޑު ތެތްކޮށް، މަޑުކޮށް ބެހެއްޓުން މުހިންމެވެ. އެހެންކަމުން ބޫޓަށް އެރުމުގެ ކުރިން މޮއިސްޗަރައިޒަރެއް ހޭކުމާއި، ފޮޅުނަގާފާނެ ތަންތަނުގައި ޕްރޮޓެކްޓިވް ބޭރިއާ ކްރީމެއް ނުވަތަ ޕެޗެއް އެޅުމަށް ޑރ. އާމިނާ ލަފާދެއްވައެވެ. އަދި ފޮޅެއް ނަގައިފިނަމަ، އަމިއްލައަށް ނުފަޅައި، ސާފުކޮށް ބެހެއްޓުމަށް އޭނާ އިރުޝާދު ދެއްވައެވެ.
މި ލަފާތަކާ އެއްގޮތަށް، އަވީ ކުމާރު ވިދާޅުވި ގޮތުގައި ފޮޅުނެގުމުން ސަލާމަތްވުމަށް ބޮޑު ސައިޒުގެ ބޫޓު ގަތުމަކީ ހައްލެއް ނޫނެވެ. އެއީ ފުންނާބު ކައްސައި އިތުރު އުނދަގޫތަކާ ކުރިމަތިވާ ކަމެކެވެ. އޭގެ ބަދަލުގައި ހަރު ހަމުގެ ބޫޓު މަޑުކުރާ ކޮންޑިޝަނާ ބޭނުންކުރުމާއި، ދާހިއްލުން ކުޑަކުރާ އިސްޓާކީނަށް އެރުމާއި، އެންޓި-ޗޭފް ޓޭޕް އެޅުމުގެ އިތުރުން، ވަގުތުކޮޅުތަކަކަށް ބޫޓަށް އަރައިގެން ފައި ހޭނުވުމަށް ކުމާރު ލަފާދެއްވައެވެ.