މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން "ކާޑުން ކަނޑާލާ ޓެޕް އެންޑް ވިން، އިޔަ-އެންޑް ކޭމްޕޭން 2026"ގެ ނަމުގައި އަހަރު ނިމޭ ދުވަސްވަރަށް ޚާއްޞަ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.
އެމްއައިބީން ބުނި ގޮތުގައި މިއަދުން ފެށިގެން ޑިސެމްބަރު 31ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ، ދުވަހުން ދުވަހަށް ކުރާ ވިޔަފާރިތަކުގައި އެމްއައިބީގެ ވިސާ ކާޑާއި "ފައިސާވެއާ" ބޭނުންކުރާ މިންވަރު އިތުރުކޮށް، ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ކެމްޕޭނުގައި ބައިވެރިވުމަށް، އެމްއައިބީގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ "އެމްއައިބީ ގްލޯބަލް ޕޭ" މެދުވެރިކޮށް، ކާޑު އަދި ފައިސާވެއާ ބޭނުންކޮށްގެން މަދުވެގެން 120 ރުފިޔާގެ 12 މުޢާމަލާތް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ޕްރޮސެސްކުރަންޖެހެއެވެ.
މި ކެމްޕޭނުގެ ދަށުން ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ނަގާ ދެ ނަސީބުވެރިއަކަށް އެމްއައިބީން ކަނޑައަޅާ ގެސްޓްހައުސްއަކުން ދެ މީހުންގެ ޖާގައިގެ (ދެ ރެއާއި، ތިން ދުވަހުގެ) ހިލޭ ޗުއްޓީ ދަތުރެއް ލިބޭނެއެވެ.
އެމްއައިބީން ބުނި ގޮތުގައި، މި ކޭމްޕޭނުގެ ދަށުން ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ލިބޭނީ ކ. ދިއްފުށީގައި ހުންނަ ސްޓޯން ހޯޓެލްސްއާއި، ބ. ދަރަވަންދޫގައި ހުންނަ ލުވައިސް ބްލާންކުރާ އަދި ކ. ގުޅީގައި ހުންނަ އެރައިވަލް ބީޗް އެންޑް ސްޕާ ގެސްޓްހައުސްއިންނެވެ. މި އިނާމު ޕެކޭޖުތަކުގެ ތެރޭގައި އެކޮމޮޑޭޝަން، ފުލް-ބޯޑު ކެއުން އަދި ދެކޮޅު ޓިކެޓު ހިމެނޭ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.
މިފަދަ ކެމްޕޭންތަކާއި ޕްރޮމޯޝަންތައް ހިންގުމުގެ މައިގަނޑު ބޭނުމަކީ އެމްއައިބީގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ހަރުދަނާކޮށް، ނަގުދު ފައިސާގެ ބަދަލުގައި ކާޑާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ އާދަ އަށަގެންނެވުމާއެކު، ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުންކަމުގައި އެމްއައިބީން މަޢުލޫމާތު ދެއެވެ.