﷽

"ހަޔާތުގެ ކޮންމެ ދަތި އުނދަގޫ އިމްތިހާނަކީ އަޅުތަކުންގެ ކެތްތެރިކަން އިތުރުކޮށްދީ ﷲ ގެ ހަޟުރަތަށް އިތުރަށް ކުއްތަންވުމަށް ލިބޭ ފުރުސަތެކެވެ. ވިއްސާރަ ވިލާގަނޑަށްފަހު އަންނަ އުޖާލާ އިރުއެރުން ފަދައިން ކޮންމެ ހިތާމައަކަށްފަހު ފަސޭހަކަމާއި އުފާވެރިކަން މިންވަރުކުރައްވާނެކަމުގެ ފުރިހަމަ އުއްމީދުގައި ކުރިއަށް ދާށެވެ. ހަގީގީ ކާމިޔާބީ އަކީ ކޮންމެ ހުރަހަކާއި ކުރިމަތިލާއިރުވެސް އުއްމީދުގެ ހުޅުކޮޅު ނިއްވާނުލާ ﷲ އަށް ކުރާ ވަކީލުކަން މަތީ ސާބިތުވެ ހުރުމެވެ."

***

ހުޅުމާލެއިން ތިން ކޮޓަރީގެ އެޕާޓްމަންޓް އެއް ލިބުމަކީ ދިވެހި މެދުމިނުގެ އާއިލާއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. މާލޭގެ ހަލަބޮލިކަމާއި ހަނި މަގުތަކާއި ތޮއްޖެހުމާ ތަފާތުކޮށް ތަންކޮޅެއް ފެހިކަން ގަދަވެފައި މަގުމަތީގައި ހިނގާބިގާވެ އުޅެން ފަސޭހައެވެ. ވަރުޖިނާ މިތަން ކުއްޔަށް ހިފައިގެން ބަދަލުވާން ނިންމީވެސް ތަންކޮޅެއް ހިމޭން މާހައުލެއްގައި މަސައްކަތްކުރުމުގެ އުއްމީދުގައެވެ.

އެޕާޓްމެންޓަށް ވަންނަ ކޮންމެ މީހަކަށްވެސް ފުރަތަމަ އިޙްސާސްވާނީ ފިނި ތާޒާ ވައިރޯޅިތަކުގެ ބީހިލުމެވެ. މުޅި އެޕާޓްމަންޓުގެ ވައި ދައުރުވުން އެހާވެސް ފުރިހަމައެވެ. ހުޅުވާލެވިފައި ހުންނަ ބޮޑެތި ކުޑަދޮރުތަކުން އިރުގެ ރަން ދޯދިތައް ފުރިހަމައަށް ވަދެ ތަނަށް އާދަޔާޚިލާފު އަލިކަމަކައި ދިރުން ގެނެސްދެއެވެ.

ސިޓިންގް ރޫމްވެސް އާދަޔާޚިލާފަށް ތަނަވަސްވެފައި އަރާމެވެ. މަޑު ކްރީމް ކުލައިގެ ފާރުތަކުގައި ހަރުކޮށްފައިވާ ލަކުޑި ހަރުތަކުގައިވަނީ ވަރުޖީނާ ލިޔެ ޝާއިޢުކޮށްފައިވާ ވާހަކަތަކާއި ތަހުގީގީ ޚަބަރުތަކުގެ ފައިލްތަކެވެ. އަދިވެސް އެހެން ލިޔުންތެރިންގެ ވާހަކަތަކާއި ދީނީ ފޮތްތައް ރީތިކޮށް އަތުރާލާފައި ހުއްޓެވެ. ސިޓިންގް ރޫމުގެ ހައިބަވަންތަކަން އިތުރުކޮށްދެނީ މަޑު އަޅިކުލައިގެ ބޮޑު ސޯފާ ސެޓުންނެވެ. އޭގެ ކުރިމަތީގައި ހުރި ލަކުޑި ކޮފީ މޭޒުމަތީގައި ވަރުޖީނާގެ ލެޕްޓޮޕާއި ނޯޓްބުކް އޮތެވެ. ފާރުގެ އެއް ފަރާތުގައި ހުރި ބޮޑު ބިއްލޫރި ދޮރުން ބޭރަށް ބަލާލާއިރު ހުޅުމާލޭގެ ހިތްގައިމު މަންޒަރުތައް ފެނެއެވެ. މުޅި ސިޓިންގް ރޫމުން ފެންނަނީ ވަރުޖީނާ ހަރުދަނާ ޝަހުސިއްޔަތާއި ގަލަން ނޫނީ ކީބޯޑުގެ ބާރެވެ. ކޮރަޕްޝަންގެ އަޑީގައި ފޮރުވިފައިވާ ސިއްރުތަކާއި "ނެޕޯ ކިޑްސް" ގެ ނޭއްގާނީ ކަންތައްތައް ފަޅާއަރުވާލާ ބިރުކުޑަ ލިޔުންތަކުގެ ވެރިންގެ ތެރޭގައި ވަރުޖީނާވެސް ހިމެނެއެވެ.

މެންދުރުގެ ނަމާދަށްފަހު ސިޓިންގް ރޫމުގައި ވަރުޖީނާ އިނީ ލެޕްޓޮޕް ހުޅުވާލައިގެންނެވެ. އާ ޚަބަރެއްގެ ފަހު ޖުމްލަތައް އިބާރާތްކޮށްލުމަށްފަހު ތެދުވުނެވެ.

"އަނާ.. އާޒް.....އަވަހަށް އާދޭ ކާން..." އޭނަ ދެދަރިންގެ ކޮޓަރީގައި މަޑުމަޑުން ޓަކިދިނެވެ. އިރުކޮޅަކުން އަނާޔާ ނިކުތީ ދޫ ހަރުވާޅަކާއި ކުރުތާއެއްލައިގެން ހުރެއެވެ. އަށާރަ އަހަރުފުރެން ކައިރިވީއިރު އިސްކޮޅުން ވަރުޖީނާއަށްވުރެ ދިގުވެއްޖެއެވެ. މޭކަޕަކަށް ބޭނުމެއްނުވެއެވެ.

"މަންމާ ކޯޗެއް ކާން ހުރީ؟"އަޒީންް ނިކުމެ މަންމަގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ ކަކުލަށްވުރެ ތިރިއަށް އޮތް ސޯޓަކާއިއެކު ޓީޝާޓެއްލައިގެން ހުރިއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދެބެންނަކީ ވަރުޖީނާގެ ފުރާނައެވެ. ލޮލުގެ ނޫރެވެ. ބައްޕައަކާއި ނުލާ އެކުދިން އަށާރަ އަހަރުވަންދެން ގެންގުޅުނީ އެތައް ގުރުބާނީއެއްވެގެންނެވެ. ހިތުގައި ނުޖައްސާ ނުލާހިކު ލޯތްބާއި އަޅައިލުން ދީގެން މިހިސާބަށް އައިއިރު އެކުދިންނަށްވެސް ތިބެވެނީ މަންމައާއި ދޯޅުވެފައެވެ.

"އާޒް.. ބަތް ނުކާނެވިއްޔަ..ދެން މަންމަ ހަމަ އެބަޖެހޭ ކޮންމެގޮތެއް ހަދާފައިވެސް ރޮށިފިހެން....ދެން މިހިރީ ބޯށި ހަދާފައި.."ވަރުޖީނާ ދެކުދިންނަށް ޖޫސް އަޅާ ފޮނި އެއްޗެއްވެސް އަޅާލަދިނުމަށްފަހު އިށީނެވެ.

"އާޒް ފުރާ ދުވަސް ޖެހޭތީވެސް މަންމަ ކަންބޮޑުވޭ.."

"މަންމާ..މި އެޕާޓްމެންޓްގެ ސިކިއުރިޓީ ހައިވާނެ..އަންހެންކުއްޖަކަށް އެއްވެސް އުދަގުލެއް ނެތި އުޅެވޭނެ.."

"މަންމާ. ދޮންބެ ނެތަސް އަނާ މިހިރީނު...މާ ސްޓްރޯންގްވާނެ.." އަނާޔާ އެސްފިޔަ ތަޅުވައިލިއެވެ.

"ހޫމް އެކަން އެނގޭ...ދިރޭ އެއްޗެއް ފެނިއްޖެއްޔާ މުޅި ރަށު އެންމެން އެއްކޮށްލާވަރަށް މި ބިރުކުޑަކުއްޖާ ހަޅޭއްލަވާނެ...ދޯ މަންމާ.."

ވަރުޖިނާ ހީގަނެފައި އެކަމާއި އެއްބަސްވިއެވެ.

"ހޫމް...މައްސަލައަކީ މަންމަ ތަނަކަށް ދާން ޖެހުނަސް އަނާ އެކަނި ބަހައްޓާފައި ދާން ނުކެރޭނެ.... ލައިލާ އާއިއެކު އެޕާޓްމެންޓް ޝެއާކުރިއިރު މަންމައަށް ކިހާ ފަސޭހަ...އެހެން ބުނީމަ ހަދާންވީ...ލައިލާއަށް މަންމަ އޮތީ ވައުދެއްވެސް ވެފައި....އެދުވަސް ގާތް އެބަވޭ..."

"ކޮން ވައުދެއްތަ އަނެއްކާ؟" އަޒީން ޝައުގުވެރިވިއެވެ.

"އަދި އެވާހަކަ ދައްކަން މާ އަވަސްކަން ނޭގޭ. ޔަގީނުންވެސް ދަރިފުޅު ފުރުމުގެ ކުރިން އެވާހަކަ ބުނާނަން...މަންމައަށް ދަރިފުޅު ރިއެކްޓް ކުރާނެ ގޮތެއް ނޭގޭ. އާޒްްްއަށް ޔޫކޭއިން ސްކޯލާޝިޕް ހަމަޖެހުނީމަ މަންމަ އުފާވިވަރަށްވުރެ ކަންބޮޑުވޭ..އޮގަސްޓްމަހު މަންމަ އާއި އަނާ ވަރަށް އެކަނިވާނެ..."

"އަނާވެސް މެޑިސިން ހަދަން ދޮންބެ ކައިރިއަށް ދާނީ.."

"އަންހެންކުއްޖަކު އެކަހަލަ ގައުމަކަށް ފޮނުވަން މަންމައަށް ލާހިކެއްނޫން..އަނާ ކިޔަވަންދާނީ ސައުދީއަށް..އަބާޔާ އަޅާ ކުދިންނަށް އިނގިރޭސިންނާއެކު ކިޔަވަން ފަސޭހައެއްނުވަނެ. ތަފާތުވެސް ކުރަނެ. އިސްލާމްފޯބިއާ ބޮޑުވާނެ އަނާ. ދޮންބެއަށް ބަލާފައި މުސްލިމެއްކަން ނޭގޭނެއްނު..ކާފަރުންވެސް ފިރިހެންވަންތަވާން ވެގެން ތުނބުޅި ބަހައްޓާ.. އެކަމަކު އަންހެނުން ވަކި ކުރަން މި އެނގެނީ ހިޖާބުން ނޫނީ ނިގާބުން........މަންމައަށް އެނގެނީ މަންމަގެ ދަރިން ރިޒޯޓެއްގައި އުޅުނަސް މަންމަ ދިން ތަރުބިއްޔަތު ހަނދާން ނައްތާނުލާނެކަން...އެވަރަށް އިތުބާރުކުރަން...ރަލާއި އަންހެންކުދިންނާއި ފާފަތައް ވަށައިގެން އެނބުރުނަސް މަންމަގެ ދަރިން އެކަމާއި ދުރުހެލިވާނެ އިންޝާﷲ...." ވަރުޖީނާ ދެކުދިންގެ މޫނަށް ބަލަން އިނީ މައިވަންތަކަމުގެ ކުލުނާއި ލޯތްބާއެކުގައެވެ.

"މަންމަގެ ދަރުސްތައް ހަނދާން ނައްތާނުލާތި ދޮންބެ..."

"ނަމާދެއް ވައްޓާނުލާތި..އެއީ ދީނުގެ ތަބު..."

"މަންމާ...މަންމަ ބުނަން އުޅުނީ ކޮން ވައުދެއްގެ ވާހަކަތަ؟" އަނާޔާ ކައި ނިމިގެން އަތް ދޮންނަމުން އެހިއެވެ.

"ޢެއީ ބޮޑު ސިއްރެއް...ބޮޑު ވައުދެއް..."

"ވަޓް؟" އަނާޔާ ލޯ ބޮޑުކޮށްލިއެވެ.

އެވަގުތު ވަރުޖީނާގެ ފޯނު ރިންގުވާން ފެށުމުން ކާން އިނދެފައިވެސް ޖަވާބުދިނީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. ކިތަންމެ އަވަދިނެތަސް އެ ފޯނަށް ޖަވާބު ނުދީ ނުހުރެވެއެވެ. އެންމެ ގާތް އެކުވެރިޔާ ލައިލާއާއި ދެމީހުން ގެ ގުޅުމަކީ ނަމޫނާއެކެވެ. ދެމީހުން އަނގަތަޅަން ގަޑިއެއްހާއިރުވެސް ހޭދަކޮށްފާނެއެވެ. އެހުރިހާއިރު ވާންދެން ދެމީހުން ދައްކަނީ ކޮންވާހަކައެއްހެއްޔޭ ކިޔާފައި އަނާޔާވެސް ސުވާލުކުރާނެއެވެ. ކުޑައިރުއްސުރެ ދެމީހުން ގެ ރައްޓެހިކަމާއި ވަފާތެރިކަން އަދިވެސް އޮތީ ތާޒާކަންމަތީގައެވެ. ލައިލާގެ ތިބެނީ ތިން ދަރިންނެވެ.ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ފިރިހެންދަރިފުޅު މުރާދު ގިނައިން އުޅެނީ އޭނަގެ ބައްޕަގެ ގޭގައެވެ. ބައްޕައަކީ މާލޭ މީހަކަށްވެފައި ތަންކޮޅެއް އަރާމުކޮށް ދިރިއުޅެވޭތީކަމުގައި ލައިލާ ހީކުރިއެވެ. ލައިލާގެ ނަސޭހަތެއް އަޑެއްނާހާތީ އެކުއްޖާއާއި ވާހަކަދެއްކުމަކީ ފޫނެތް ފަޔަކަށް ފެން ފުރުންފަދަ ކަމެކެވެ. ލައިލާގެ ދެވަނަ ކައިވެންޏަށް ލިބިފައިވަނީ ޒާމިލްއާއި ޒުހާއެވެ. ޒާމިލްްއާއި ޒުހާއަކީ އޭނަގެ ފަޚުރުވެރިވާފަދަ ދެބެންނެވެ.ޒާމިލް ސައުދީގައި ހުރެގެން ޑޮކްޓަރުކަން ކިޔަވަމުން ދަނީ ދީނީ އިލްމުވެސް އުނގެނެމުންނެވެ. އޭނައަކީ ހާފިޒެކެވެ. ޒުހާވެސް އެހާ ބަސްއަހައެވެ. ދެބެންގެ މުސްތަގުބަލް ފެންނަނީ ނިކަން އުޖާލާކޮށެވެ. އެ އުފަވެރިކަމަށް ހުރަސް އަޅާ ހަމައެކަނި ދަރިއަކީ މުރާދެވެ.

***

ލައިލާގެ ދައުވަތަކަށް ވަރުޖިނާ ދެބެން ގޮވައިގެން ރެސްޓޯރެންޓަކަށް ގޮސްފައި ގެއަށް އެނބުރި އާދެވުނުއިރު ރޭގަނޑު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. ތުނިކޮށް ވެހެން ފެށި ވާރޭ ބޯކޮށްލިއެވެ. ބަހަށް އެރުމުން ކޮންމެވެސް ވަރަކަށް އަނާޔައަށް މައިގްރޭންގެ އަސަރުކުރިއެވެ. އެޕާޓްމެންޓަށް ވަދެވުމާއެކު އަނާޔާ ސޯފާ މައްޗަށް ވެއްޓިގަތެވެ. ވަރުޖިނާ ބޮކީގެ އަލި މަޑުކޮށްލާފައި ދަރިފުޅުގެ ބޯ މޮޑެދޭން ފެށިއެވެ. ބައިގަޑިއެއްހައިރު ފަހުން އަނާޔާ ހަމަޔަކަށް އެޅުނެވެ.

"މަންމާ...ބަހަށް އެރީމަ މޯޝަން ސިކްނެސްވީ ކަން ނޭގޭ..އެކްސްއޮއިލް އަކީ މިރެކްލް ތެލެއް ހަމަ...."

"މަންމަވެސް ތިކަމާ އެއްބަސް...މަންމަ ތަނެއް ކެނޑުނަސް ތި ޖަހާލާއިރަށް ތަދު ފިލާނެ......މާ ގަދަޔަށް ފޮނި އެއްޗެހި ކެވުނީ މިރޭ..ތަންކޮޅެއް ފަލަވާންވެސް ފަށައިފި...."

"މަންމަ ކަސްރަތު ކުރަން ފަށަންވީ..މަންމަގެ ފެވެރިޓަކީވެސް ޗޮކްލެޓް.....ލައިލާ ދައްތަ އެހާވަރުން ޗޮކްލެޓާއި ހަދިޔާ އަބަދު ފޮނުވާކަން ރަގަޅު...." އަނާޔާ ބުނެލިއެވެ."މަންމާ...އޭރު މަންމަ ބުނީމެއްނު ވައުދެކޭ...ކޮން ވައުދެއްތަ؟ ވަރަށް ކިއުރިއަސް އެބަވޭ..."

ފޯނު ރިންގުވާން ފެށުމުން ވަރުޖީނާ ފޯނު ނަގައިގެން ކަންފަތުގައި ޖެހިއެވެ.

"މަންމާ ކާކު؟"

އަނާޔާއަށް ޖަވާބު ނުދީ މަންމަ ދުރަށް ދާން ހިނގައިގަތުމުން އޭނަގެ ސިކުނޑީގައި އިންޒާރުގެ ރަގަބީލެއް ޖެހުނެވެ. ހީވީ ފިރިހެން އަޑެއް ހެންނެވެ. މަންމަ ވާހަކަދައްކަނީ ކާކާއިހެއްޔެވެ؟ އެވާނީ މަންމަގެ "ފޭން"ޢަކަށެވެ. މަންމަގެ ވާހަކަތަކުގެ އަަވައިގާ ޖެހިފައިވާ ޒުވާން ފިރިހެނުންވެސް މަދެއްނޫނެވެ. ނަމަވެސް މަންމަ އެމީހުންނަށް ނަމްބަރު ހިއްސާކުރާކަން އޭނައަށް އެނގިފައެއްނުވެއެވެ.

***

ވަރުޖީނާ ނަމާދުކޮށްލުމަށްފަހު ދުޢާކުރަން އިންއިރު ލޮލުން ކަރުނަ ފޭބިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. އޭނަގެ ދުޢާތައް ﷲ ތައާލާ އިޖާބަކުރައްވައިފިއެވެ. ދުޢާއަކީ ހަތިޔާރެކެވެ. ގިނަގިނައިން ދުޢާކޮށް ހަމަ ﷲގެ ހަޟުރަތުން ކަންކަމަށް އެދެންވީއެވެ. އޭނައަށްވަނީ އެކަން ތަޖުރިބާކުރެވިފައެވެ. ދިރިއުޅުމުގައި އެތައް ހިތާމަތަކެއް ތަހައްމަލުކުރުމަށްފަހު ފަސޭހަ ދުވަސްތައް އައިސް ހުވަފެންތައް ކާމިޔާބުވިިކަމަށްޓަކާ ﷲއަށް ހަމްދުކުރެވުނެވެ. ލޯބި ދެދަރިންނާއި ރަގަޅު އެކުވެރިޔަކު ލިބިއްޖެއެވެ. ފިރިޔެއްގެ ނަސީބު މިއުމުރުގައި މިންވަރު ނުކުރެއްވިޔަސް އޭނަ ﷲގެ ގަދަރުފުޅާއި ރުހެއެވެ. އެންމެނަށް ހުރިހާ އުފަލެއް ނުހޯދޭނެއެވެ. އޭނަ ރަޖާދަށުގައި ބޮނޑިވެލިއިރު ވިސްނަމުން ދިޔައީ ލައިލާއަށް އޭނަ ވީ ވައުދާއިމެދުގައެވެ.

އެއީ އޭނައަށް ކުރެވުނު ރަގަޅުކަމެއް ހެއްޔެވެ؟

ޖެހި ބާރު ގުގުރާއިއެކު އޭނަ އަވަހަށް ތެދުވުނީ އަނާޔާ ހޭލާ އޮތްތޯ ބަލައިލުމަށެވެ. އެ މިނިޓްކޮޅުގެ ތެރޭގައި އަނާޔާ ދުވަމުން އައިސް އެނދަށް އަރާ އޭނަގެ މޭގައި ބޮނޑިވެލިއެވެ.

"އަނާ ބިރުގަންނާނެކަން މަންމައަށް އެނގުނު...ހީކުރީ އެކަމަކު އަނާ ނިދީކަމަށް..."

"މަންމަ އޭރު ބުނި ވާހަކަތައް ހިތަށް އަރާފައި ހަމަ.... މަންމާ...ލައިލާ ދައްތައަށް މަންމަ ވީ ކޮން ވައުދެއް؟"

"ސުބުހާނަﷲ...އަނާވެސް...." ވަރުޖީނާ ހިނި އަންނަގޮތްވިއެވެ."އެއީ އެހާ ބޮޑުކަމެއްވެސް ނޫން...."

"ހީވާގޮތެއް ބުނެފާނަން..."

"ބުނެބަލަ ދަރިފުޅު...ދިމާވެއްޖެއްޔާ މަންމަ ބުނާނަން..."

"މަންމަ ފުރަތަމަ ޕްލީޒް.."

"ދަރިފުޅު ކެތްތެރިކަން ދަސްވާނީ މިކަހަލަ ކަންތައްތައްކުން އިނގޭ......މަންމަ މި ވާހަކަ މާދަމާއަށް ބާއްވާނީ..."އޭނަ އަނާޔާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ.

"ގްރރްރް މަންމާ......އަޅެ....މާދަމާ ވާން ކިތައް ގަޑިއިރު.."

"އަނާ ނިދާފައި ހޭލާއިރު އޮންނާނީ މާދަންވެ ނިމިފައި...ނިދާ ދުޢާތައް ކިޔައިގެން އަވަހަށް ނިދާލާ..."

ދެމައިން އެއްތަނެއްގައި ނިދާފައި ތިބިއިރު މޫނުމަތިން ފެންނަނީ އަމާންކަމާއި ހިތްހަމަޖެހުމެވެ.

***

ރެސްޓޯރެންޓްގެ މަތީބައިގެ ބިއްލޫރި ކުޑަދޮރުން ބޭރަށް ބަލާލާއިރު ވާރޭގެ ތިކިތައް މަޑުމަޑުން ތުނިވަމުންގޮސް ހުއްޓާލައިފިއެވެ. މާޙައުލަށް އާދަޔާޚިލާފު ތާޒާކަމައި ހިމޭންކަމެއް ވެރިވެއްޖެއެވެ. ތެމިފައިވާ މަގުތަކާއި ގަސްތަކުގެ ފަތްތަކުން ބޮކިތަކުގެ އަލި ވިދަމުން ދިޔައެވެ. ވާރޭ ވެހިފައި ހުއްޓާލުމުން އުފެދޭ ފިނިކަމާއި ސާފު މަންޒަރު ވަރަށް ހިތްގައިމެވެ. އެކަމަކު ޒުވާނުންތަކެއް އިށީދެލައިގެން ތިބި މޭޒުކައިރީގައި އެ ހިމޭންކަމެއް ނެތެވެ.

ބާސިލް އިނީ އޭނާގެ ގޮނޑިއަޑް ލެނގިލައިގެން އަތުގައި އޮތް ފޯނާ ކުޅެލަކުޅެލައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ޢާންމުކޮށް މީހުން ދެކޭ ބާރުވެރި ނުފޫޒުގަދަ އާއިލާއަށް ނިސްބަތްވާ ޒުވާނެއްގެ ހަރުކަށިކަމާއި ފަރުވާކުޑަކަމެވެ. އޭނާގެ އެކުވެރިންތަކެއް ވަށައިގެން ތިބިއިރު އޭގެ ތެރެއިން އެކަކު މޭޒުމަތީގައި އޮތް ޓެބްލެޓް އޭނައާއި ދިމާލަށް ލަސްލަހުން ޖައްސައިލިއެވެ.

"ބާސިލް... މި ލިންކް ބަލާލަބަލަ. ވަރުޖީނާގެ ނޫސް ޗެނަލުން މިރޭވެސް ބާސިލްގެ ބައްޕައާ ބެހޭގޮތުން މުޅިން ދޮގު ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރައިފި." އެ އެކުވެރިޔާގެ އަޑުގައި ވަނީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުމުގެ އަސަރެވެ.

"މީހުންގެ ކުރިމަތީގައި ބައްޕަގެ އަގު ވައްޓާލަން އޭނާ ތި ހިންގަނީ ވަރަށް ބޮޑު ކެމްޕޭނެއް. އަހަރެމެންގެ ޢާއިލާގެ ނަމަށް ކިލަނބުކަން ގެނުވަން ކުރާ ކަމެއް މިއީ."

ބާސިލް ޓެބްލެޓްގެ ސްކްރީނަށް ބަލާލިއެވެ. އޭނާގެ ބުމަ ގޮށްޖެހި ލޮލުގައި ތޫނުކަން އިތުރުވިއެވެ. ސްކްރީނުގައި ފެންނަން ހުރި ލިޔުންތަކާއި އެ ލިޔުންތަކުގެ ފަހަތުގައިވާ ހަރުދަނާ ޢިބާރާތްތައް ކިޔަމުންދިޔަ ވަރަކަށް އޭނަގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"ވަރުޖީނާ..." އޭނަ މަޑުމަޑުން އެ ނަން ކިޔާލިއެވެ. އޭނާގެ އަޑުގައި ވަނީ ރުޅިއާއި ޝައުގުވެރިކަން އެކުލެވިގެންވާ ރާގެކެވެ. "އެ ލިޔުންތައް ލިޔާ މީހާ ހީކުރަނީ ކީކޭބާ؟ ކޮންމެ އެއްޗެއް ލިޔެލައިގެން ސަލާމަތްވެވޭނެ ކަމަށްތަ؟ ބައްޕަގެ ނަމަށް ގެއްލުންދޭން އުޅޭ ކޮންމެ މީހަކަށް އެކަމުގެ އަގު އަދާކުރަން ޖެހޭނެ."

"އަހަރެމެން އޯޑަރު ދީފައި ހުރި އެއްޗެހިވެސް އެބަ އާދޭ..." އަނެއް އެކުވެރިޔާ މޭޒުމަތީގައި ހުރި ތަށިތަކަށާއި މެނޫއަށް ބަލާލަމުން ބުންޏެވެ. "ކަމުން ވާހަކަ ދައްކާލާނީދޯ؟ މަ ހަމަ ހާންތިވެފައި...."

ވެއިޓަރަކު އައިސް، އެ މީހުން ކުރިން އޯޑަރުދީފައި ހުރި ކާއެއްޗެހީގެ ތަށިތަކާއި ބުއިންތައް މޭޒުމަތީގައި ރީތިކޮށް އަތުރާލިއެވެ. އާވި އަރަމުންދިޔަ ކާއެއްޗެހީގެ މީރު ވަހާއި ބިއްލޫރި ދޮރުން ފެންނަ މަންޒަރުން ހިތްތަކަށް ތާޒަކަން ގެނުވައެވެ. މޭޒުދޮށުގައި ދެކެވެމުން ދިޔަ ހޫނު ވާހަކަތަކާ މުޅިން ތަފާތެވެ.

ބާސިލް ފިނި ބުއިމުން ކޯވަރެއް ދަމާލާފައި ޓެބްލެޓް އަނެއްކާވެސް އޭނާގެ ކުރިމަތީގައި ބާއްވާލިއެވެ. "މި ވާހަކަ މިހާ ހިސާބުން ނިމުނީއެއް ނޫން. ވަރުޖީނާގެ ލިޔުންތަކުގެ ފަހަތުގައި އޮތް ސިއްރުތައްވެސް އަހަރެން ހޯދާނަން..... އަދި އޭނާގެ ދުނިޔެއަށް އަންނާނެ ބަދަލުތައް އޭނާއަށްވެސް ވަރަށް އަވަހަށް އެނގޭނެ."

އޭނަގެ ލޮލުގައިވި އެ ތޫނު ވިދުމާއެކު ރެސްޓޯރެންޓްގެ މަތީބައިގެ އެ މާޙައުލުގައި ކުރިއަށް އޮތް ބޮޑު ކުރިމަތިލުމެއްގެ ފުރަތަމަ ހުޅުކޮޅު ރޯވެގެންދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު